ކޮމަންވެލްތު މިނިސްޓްރީއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި ފިޔަވަޅުއެޅުމުގެ އިންޒާރުދީފައިވާތީ އެކަމަށް މަރުހަބާކިޔައި، ސަރުކާރުން އިދިކޮޅު ފަރާތްތަކާ ވާހަކަދެއްކުން ވަގުތުން ފެށުމަށް އެމްޑީޕީ އިން ގޮވާލައިފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސީމެގުގެ ރަސްމީ އެޖެންޑާއަށް ދިވެހިރާއްޖެ ލުމަށް އިއްޔެ ނިންމި ނިންމުމުގައި، ރާއްޖޭގައި އިސްލާހު ކުރަން ޖެހޭ ކަމަށް މީގެ ކުރިން ސީމެގުން ފާހަގަކޮށް ސަރުކާރަށް ވަގުތު ދިން ހާއްސަ ހަ ދާއިރާއަށް އެއްވެސް ވަރަކަށް އިސްލާހެއް ގެނެވި، އެކަންކަމަށް ކުރިއެރުމެއް އައިސްފައިނުވާތީ ސީމެގުންވަނީ ސަރުކާރާމެދު ނުރުހުންފާޅުކޮށްފައި ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނީ އެ ހާއްސަ ހަ ދާއިރާގެ ތެރޭގައި، އިދިކޮޅު ހުރިހާ ސިޔާސީ ފަރާތްތަކެއް ހިމެނޭ ގޮތުން ސަރުކާރާ ދެމެދު ދެކެވޭ ވާހަކަތަކަކީ ހަރުދަނާ ގޮތެއްގައި ދެކެވޭ ވާހަކަތަކެއްގެ ގޮތުގައި ފެންނާނެހެން ވާހަކަދެއްކުމަށް ފެށުމާއި ސިޔާސީ ލީޑަރުން މިނިވަންކުރުމަށާއި އަދި ގައުމުން ބޭރުގައިވާ ފަރާތްތައް ވެސް ރާއްޖެވަޑައިގެން ސިޔާސީ ކަންކަމުގައި ބައިވެރިވެވަޑައިގަނެވޭނޭ ގޮތަށާއި 2018ގެ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަނެވޭނޭ ގޮތަށް ސަރުކާރުން މަގުފަހިކޮށްދިނުމަށް ސީމެގުން ގޮވާލާފައިވާ ގޮވާލުން ހިމެނޭ ކަމަށެވެ.
އަދި ޓެރަރިޒަމް ގާނޫނާއި އެނޫން ވެސް ގާނޫނުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ސިޔާސީ މަސައްކަތްތަކާއި ބަހުސްތައް ހިންގުން ނެތިކޮށްލަމުންދާދިއުން ހުއްޓާލުމަށާއި ސިޔާސީ ފަރާތްތަކުގެ މައްޗަށް ހިންގާ ޝަރީއަތްތަކުގައި ގެންގުޅޭ ގާނޫނާ ހިލާފު ގޮތްތަކާ މެދު ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ގޮވާލި ގޮވާލުން ހިމެނޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
އޭގެ އިތުރުން ތިންބާރު ވަކިވެފައިވާ އަދި މިނިވަން މުސްތަގިއްލު ޖުޑިޝަރީއެއް ގާއިމުވެފައިވާ ނިޒާމަކަށް ހެދުމަށް މީގެކުރިން ކޮމަންވެލްތުން ދީފައިވާ ލަފާތަކަށް ވަގުތުން އަމަލުކުރުމަށް ގޮވާލި ގޮވާލުން ވެސް އޭގެތެރޭގައި ހިމެނޭ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި މިނިވަންކަމާއި މަދަނީ ޖަމާއަތްތަކުގެ ހަރަކާތްތަކަށް ޖާގަދީގެން އިތުބާރު އުފެއްދުމުގެ މަގަށް އަމަލުތައް ބެހެއްޓުމަށް ގޮވާލި ގޮވާލުން ވެސް ހިމެނޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
ސީމެގްގެ ރަސްމީ އެޖެންޑާއަށް ދިވެހިރާއްޖެ ލުމަށް ނިންމައި، އަދި މިއަންނަ އަހަރުގެ މާޗް މަހުގައި ރާއްޖެއާ މެދު ފިޔަވަޅުއެޅުން ފަދަ ކަންކަމާމެދު ގޮތެއް ނިންމާނެ ކަމަށް ސީމެގުގެ އިއްޔެގެ ބައްދަލުވުމުން ނިންމާފައި ވަނީ ސަރުކާރުން މިކަންކަމުގެ މައްޗަށް އަމަލުކޮށްފައި ނުވުމުގެ ސަބަބުން ކަމަށް އެމްޑީޕީން ބުނެ އެވެ. އަދި ސަރުކާރުގެ ވަޒީރުން ވަޑައިގެން ސީމެގުގެ ބައްދަލުވުމުގައި ސަރުކާރު ދިފާއުކޮށްދެވޭވަރުގެ ހެއްކެއް ދެއްކެވެން ނެތުމުގެ ސަބަބުން ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.
އެހެންކަމުން މިއަންނަ އަހަރުގެ މާޗް މަހުގައި ދިވެހިރާއްޖެއާ މެދު ސީމެގުން ފިޔަވަޅު އެޅުމާމެދު ގޮތެއް ނިންމާނޭ ކަމަށް އިންޒާރުދީފައިވާތީ އާއި އަދި ފިޔަވަޅު އެޅުމަކީ ދިވެހިރާއްޖެ އަށް ނުހަނު ބޮޑެތި ގެއްލުންވާނޭ ކަމަކަށްވާތީ، ފިޔަވަޅުއެޅުމުން ސަލާމަތްވުމަށް ޓަކައި ސަރުކާރުން އިދިކޮޅު ފަރާތްތަކާ ވާހަކަދެއްކުން ވަގުތުން ފެށުމަށް ގޮވާލާކަމަށް އެ ޕާޓީގެ ބަޔާނުގައިވެ އެވެ.