ޝަރުތަކާ ނުލައި މަޝްވަރާތައް ކުރުމަށް ސީމެގުން ގޮވާލީ ރަނގަޅަށް، ވަރަށް އަވަހަށް ފަށާނަން: ޝައިނީ

ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު ބޭއްވި ފުރަތަމަ މަޝްވަޜާ ބައްދަލުވުމުގެ ތެރެއިން -- ސަން ފައިލް ފޮޓޯ

އިދިކޮޅު ސިޔާސީ ފަރާތްތަކުން އެއްވެސް ޝަރުތަކާ ނުލައި މަޝްވަރާތަކުގައި ބައިވެރިވުމަށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގު)އިން ރާއްޖެއަށް ގޮވާލި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުން މިދިޔަ ހުކުރު ދުވަހު ވަނީ އެ ގްރޫޕުގެ ބައްދަލުވުމެއް ނިއު ޔޯކްގައި ކުރިޔަށް ގެންގޮސްފައެވެ. އެ ބައްދަލުވުމުގައި، ރާއްޖެ ސީމެގްގެ އެޖެންޑާގައި ހިމެނުމަށް ނިންމައި، ބައެއް ކަންކަން އިސްލާހު ކުރުމަށް ފުރުސަތެއް ދީފައި ވެ އެވެ.

ސީމެގުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުން ވެސް މަޝްވަރާތަކަށް އެކިއެކި ޝަރުތުތައް އުފެއްދުމުގެ ޒިންމާއާއި ހައްގު އޮންނަ ކަމަށެވެ.

އެހެން ނަމަވެސް މަޝްވަރާތަކަކީ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭ ކަމަކަށް ވެފައި، ގައުމީ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ ހުރިހާ ފަރާތަކުން ވެސް ދޫ ދިނުމަށް ސީމެގުން ގޮވާލާފައިވެއެވެ. އަދި އިދިކޮޅު ފަރާތްތަކާއި ސަރުކާރުން ވެސް ޝަރުތުތައް ކުރިމަތިނުކޮށް މަޝްވަރާތަކުގައި ބައިވެރިވާން ސީމެގުން ވަނީ ގޮވާލައިފައެވެ.

މަޝްވަރާތަކުގައި ބައިވެރިވާ ސަރުކާރުގެ މަންދޫބު، ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީ މިރޭ "ސަން" އަށް ވިދާޅުވީ، ސީމެގުގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.

"ސަރުކާރުން އެކި ފަހަރު މަތިން މަސައްކަތް ކޮށްފައި ވާނީ މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް. އިދިކޮޅު ދެ ޕާޓީއަކުން، އެއީ އެމްޑީޕީއާ އަދާލަތުން ވަނީ ދެކޮޅު ހަދާފައި މަޝްވަރާގައި ބައިވެރިވާން،"

މިނިސްޓަރ ޝައިނީ ވިދާޅުވީ، ސީމެގުގެ ނިންމުމާ ގުޅިގެން އަލުން މަޝްވަރާތައް ފެށުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި މި ހަފްތާ ތެރޭގައި އެމަސައްކަތް ފަށައިގަނެވޭނެ ކަމަށެވެ.

"ސީމެގުން ބުނެފައި އޮތީ ވަރަށް ރަނގަޅަށް. ރާއްޖޭގެ އެތެރޭގެ ކަންކަން ނިންމަން ޖެހޭނީ ރާއްޖެއިން، އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކޮށްގެން. ރާއްޖެއިން ބޭރުގައި ތިބެގެން އެބޭފުޅުން ރާއްޖެއަށް ޕްރެޝަރު ކުރުވާކަށް ދިވެހި ރައްޔިތުން ބޭނުމެއް ނުވާނެ،" ޑރ. ޝައިނީ ވިދާޅުވި އެވެ.

ސަރުކާރުން އިސްނަގައިގެން މީގެ ކުރިން ވެސް ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ބާއްވަން މަސައްކަތް ކުރި ނަމަވެސް، އިދިކޮޅު ދެ ޕާޓީ ކަމުގައިވާ އެމްޑީޕީއާއި އަދާލަތު ޕާޓީއިން އެއްބާރުލުން ދީފައެއް ނުވެއެވެ. އެ ދެ ޕާޓީގެ ރައީސުން ކަމުގައިވާ، ޖަލު ހުކުމް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޝައިޚް އިމްރާން އަބްދުﷲ އަށް ބައިވެރި ނުވެވޭ ނަމަ މަޝްވަރާތަކުގައި ބައިވެރި ނުވާނެ ކަމަށް އެ ދެ ޕާޓީއިން ބުނުމުން، ސަރުކާރުން ފުރަތަމަ ބުނީ ގައިދީންނާ ކުރަންޖެހޭ މަޝްވަރާއެއް ނޯންނާނެ ކަމަށެވެ.

ނަމަވެސް މަޝްވަރާތައް ކުރިޔަށް ގެންދިއުމުގައި އެހީތެރިވެދިނުމަށް އދ. އިން ރާއްޖެއަށް ފޮނުވި އެ ޖަމިއްޔާގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމެންޓުގެ ސީނިއާ އެޑްވައިޒާ ޓަމްރަޓް ސެމިއުލް ރާއްޖެ ވަޑައިގެން، ސަރުކާރާ ވާހަކަ ދެއްކުމުން ސަރުކާރުން ވަނީ އެކަމުގައި އިދިކޮޅު ފަރާތްތަކަށް ދޫ ދީ، ރައީސް ނަޝީދާއި ޝައިޚް އިމްރާނަށް ވެސް މަޝްވަރާތަކުގައި ބައިވެރި ވެވިދާނެ ކަމަށް ބުނެފައެވެ.

ސަރުކާރުން މިކަމުގައި ދޫ ދިން ނަމަވެސް އިދިކޮޅު ފަރާތްތަކުން އެދެވޭ އިޖާބައެއް ނުދިނެވެ. އިދިކޮޅު ޕާޓީތަކުން ބުނީ، ޖަލަށް ލެވިފައިވާ ހުރިހާ ސިޔާސީ ބޭފުޅުން ދޫކޮށްލުމުން ނޫނީ މަޝްވަރާއަށް ނާންނާނެ ކަމަށެވެ.

އެއްވެސް ޝަރުތަކާ ނުލައި އިދިކޮޅު ފަރާތްތަކުން މަޝްވަރާތަކުގައި ބައިވެރިވެ، އަލުން މަޝްވަރާތައް ފެށުމަށް ހުކުރު ދުވަހު ސީމެގުން އެންގި އެންގުމާ ގުޅިގެން އިދިކޮޅު އެމްޑީޕީއިން ވަނީ، "ސީމެގުން ފިޔަވަޅު އެޅުމާމެދު ގޮތެއް ނިންމާނޭކަމަށް އިންޒާރުދީފައިވާތީއާއި އަދި ފިޔަވަޅު އެޅުމަކީ ދިވެހިރާއްޖެއަށް ނުހަނު ބޮޑެތި ގެއްލުންވާނޭ ކަމަކަށްވާތީ، ފިޔަވަޅުއެޅުމުން ސަލާމަތްވުމަށްޓަކައި ސަރުކާރުން އިދިކޮޅު ފަރާތްތަކާ ވާހަކަދެއްކުން ވަގުތުން ފެށުމަށް" ސަރުކާރަށް ގޮވާލައިފައެވެ.

comment ކޮމެންޓް