ގާނޫނު އަސާސީއާ ހިލާފު އެއްވެސް ކަމެއް ރައީސް މައުމޫނު ނުކުރައްވާނެ: ޕީޕީއެމް

ޕީޕީއެމްގެ ރައީސް މައުމޫން އަަބްދުލް ގައްޔޫމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ގާނޫނު އަސާސީއާ ހިލާފު އެއްވެސް ކަމެއް ރައީސް މައުމޫނު ނުކުރައްވާނެ ކަމަށް ޕީޕީއެމް އިން ރޭ ވަނީ ބުނެފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމުން ރޭ ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް މައުމޫން އަބަދުވެސް އަމަލު ކުރައްވާނީ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.

ޕީޕީއެމުން އެހެން ބުނެފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިދިކޮޅު ފަރާތްތަކާ އެކު އެއް ސްޓޭންޑެއްގައި ހުންނަވާ ނަމަ މައުމޫނަށް ފުރަގަސް ދިނުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

މީގެ ދެހަފްތާއެއްހާ ދުވަސްކުރިން ލަންކާއަށް ވަޑައިގަތުމަށްފަހު އެގައުމުން ފުރާވައިޑައިގަތުމުގެ ކުރިން އިންޑިއަން އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި އެހެން އިދިކޮޅު ޕާޓީތައް އެކުވެ، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އުފައްދާފައިވާ އިރު، އެ އިއްތިހާދާ އެކު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހުންނެވި ކަމަށެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައިވާއިރު ރައީސް މައުމޫނާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދު ވަނީ ހިޔާލު ތަފާތުވުންތަކެއް ވެސް އުފެދިފައެވެ.

ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދުނީ، ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ސަރުކާރުން ފާސްކުރަމުންދާ ބައެއް ގާނޫނުތަކާ މެދު މައުމޫން ހިތްހަމަޖެހިވަޑައި ނުގަންނަވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުން ބައެއް ބިލުތަކަށް ތާއީދުކޮށް ވޯޓު ދިނުމަށް ރައީސް ޔާމީން އަންގަވާފައިވާ އިރު، އެ ބިލުތަކަކީ ޕީޕީއެމްގެ އަސާސީ ގަވައިދާ ޚިލާފު ބިލްތަކެއް ކަމަށް ވިދާޅުވެ، ވޯޓު ނުދެއްވުމަށް ވެސް މައުމޫން އަންގަވާފައިވެއެވެ. އޭގެ ތެރޭގައި ބިޑު ކުރުމެއް ނެތި ރަށްރަށާއި ފަޅުތައް ވިއްކޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާއި، އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު ހިމެނެއެވެ.

comment ކޮމެންޓް