އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު ހޮވައި، ފައްޔާޒަށް ރިޔާސީ ޓިކެޓު ދޭން ނިޒާރު ތާއީދުކުރައްވައިިފި

އައްޑޫގެ މޭޔަރު ޢަލީ ނިޒާރު: އެމްޑީޕީގެ ޗެއާޕާސަންކަމަށް ނަޝީދު ގެންނަން ތާއީދުކުރައްވާކަން ވަނީ ހާމަކުރައްވައިފަ ---

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރެއްވުމަށާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ދެއްވުމަށް ނަޝީދު ނިންމެވި ނިންމެވުމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވަނީ ތާއީދުކުރައްވާފައެވެ. ނިޒާރު ފާހަގަކުރެއްވި ގޮތުގައި މިއީ އެމްޑީޕީގެ ހިންގުން ހަރުދަނާކޮށް، ސިޔާސީ ގޮތުން ކުރިއެރުން ހޯދުމަށް އެޅުނު ވަރަށް މުހިންމު އަދި އަގުހުރި ފިޔަވަޅެކެވެ. މީގެ އިތުރުން ނަޝީދާއި ފައްޔާޒް ގުޅިގެން 'ބޮޑު ބަދަލު' ގެ ނަމުގައި ގާނޫނުއަސާސީއާއި ވެރިކަމުގެ ނިޒާމަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ހުށަހަޅުއްވާފައިވާއިރު، މި ބަދަލުތައް މިހާރުން މިހާރަށް ގެނައުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު މަޝްވަރާކުރައްވަން ނަޝީދު އެދިވަޑައިގަތުމުން ރައީސް ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

  • އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް ނަޝީދު ވާދަކުރެއްވުމަށް އައްޑޫ މޭޔަރު ނިޒާރު ތާއީދުކުރެއްވުން.
  • ރާއްޖެއަށް ސިޔާސީ ބޮޑެތި އިސްލާހުތައް ގެނައުމުގެ ގާބިލުކަން ފައްޔާޒުގެ ކިބައިގައި ހުރިކަމަށް ނިޒާރު ފާހަގަކުރެއްވުން.
  • ނަޝީދާއި ފައްޔާޒް ގުޅިގެން ގާނޫނުއަސާސީއާއި ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ހުށަހެޅުން.
  • ނިޒާމީ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ނަޝީދު އެދިވަޑައިގަތުމުން ރައީސް މުޢިއްޒު އެކަމާ ދެކޮޅު ހެއްދެވުން.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރެއްވުމަށާއި، އެ ޕާޓީގެ ފަރާތުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވެރިކަމަށް ގެނައުމަށް ނަޝީދު ތާއީދުކުރެއްވި ކުރެއްވުމަށް، އައްޑޫގެ މޭޔަރު ޢަލީ ނިޒާރު ވެސް ތާއީދުކުރައްވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާނެކަން ނަޝީދު ހާމަކުރައްވައި، ފައްޔާޒް ވެރިކަމަށް ގެންނަން ތާއީދުކުރައްވާނެކަން އެމަނިކުފާނު ހާމަކުރެއްވީ މިދިޔަ އާދީއްތަ ދުވަހެވެ.

އެ ނިންމުމަށް ތާއީދުކުރައްވައި ނިޒާރު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު ކުރިމަތިލައްވައި، ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނިންމެވި ނިންމެވުމަކީ އެމްޑީޕީން ކުރަމުންދާ ސިޔާސީ މަސައްކަތަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

ހަމައެއާއެކު ފައްޔާޒަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯދައިދިނުމަށް ތާއީދުކުރައްވާކަން ނަޝީދު ހާމަކުރެއްވުމަކީ "އަގުހުރި" ނިންމުމެއްގެ ގޮތުގައި، ނިޒާރު ވަނީ ސިފަކުރައްވައިފައެވެ. އަދި ފައްޔާޒަކީ ރާއްޖެއަށް ސިޔާސީ ބޮޑެތި އިސްލާހު ގެންނަންޖެހޭ ދަނޑިވަޅުގައި އެކަން ކުރެވޭނެ ގާބިލުކަން ހުރި ބޭފުޅެއް ކަމަށް ވެސް، ނިޒާރު ލިޔުއްވައިފައިވެއެވެ.

"ރާއްޖެ ހެޔޮވެރިކަމުގެ މިސްރާބަށް ކުރާ ދަތުރުގައި ގޮންޖެހުންތަށް އެބަހުރި. ޚާއްސަކޮށް އެމްޑީޕީއާ އިދިކީލަ ސިޔާސީ ފިކުރުތަކަކީ ޚުދުމުޚްތާރު ވިސްނުންތަކެއް ކަމުން، އެމްޑީޕީގެ ހިންގުން ހަރުދަނާކޮށް އާ މިސްރާބަކަށް ދަތުރު ފަށަން ޖެހޭ،" އޭނާގެ ޕޯސްޓުގައި ވެއެވެ.

މީގެ ކުރިން ސިޔާސީ ގޮތުން ބަހުގެ ހަމަލާތައް އެކަކު އަނެކަކަށް ރައްދުކުރެއްވި ފައްޔާޒާއި ނަޝީދު، އެކުގައި މަސައްކަތްކުރައްވާތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ.

ދެ ބޭފުޅުން އެކުގައި "ބޮޑު ބަދަލު"ގެ ނަމުގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވަނީ، ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ދެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގިނަ ބަދަލުތަކެއް ހުށަހަޅުއްވައިފައެވެ. އޭގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ އިތުރުން ސަރުކާރުގެ އިސްވެރިޔާއަކީ ވަކި ބޭފުޅެއް ގޮތުގައި ހަމަޖެއްސުން ހިމެނެއެވެ.

އަދި، ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާ ގުޅޭ ގޮތުން ވެސް ގިނަ ބަދަލުތަކެއް ވަނީ ހުށަހަޅައިފައެވެ.

"މި ބޮޑު ބަދަލު ގެނައުމަށްޓަކައި އަޅުގަނޑު ތާއީދުކުރަން ފައްޔާޒް އިސްމާޢީލް އެއީ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް،" ނަޝީދު އިއުލާނުކުރެއްވިއެވެ.

https://sun.mv/220834

"އަދި، އަޅުގަނޑު ހަމަ އެއާ އެކުގައި މަސައްކަތްކުރާނީ ފުރަތަމަ ކަމަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ އެއްބަސްވުމާއި އެ މީހުންގެ ބަލައިގަތުން މި ބަދަލުތަކަށް އަޅުގަނޑުމެން ހޯދުން. އެހެންވީމާ އަޅުގަނޑު ގަސްތުކޮށްފިން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން،"

އެ މަނިކުފާނު ވިދާޅުވީ، އެފަދައިން އަމަލުކުރައްވަނީ ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ކޮންމެހެން ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެންނާށެވެ.

މިއީ 2028 ވަނަ އަހަރުގެ ފަހުން ހޯދަންޖެހޭ ބަދަލެއް ނޫން ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް މޭޒު ދޮށަށް ވަޑައިގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި، އެކުގައި މަޝްވަރާކޮށްގެން މިހާރުން މިހާރަށް މި ބަދަލުތައް ގެންނަން އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ނަމަވެސް، އެކަމަކީ އެމަނިކުފާނާ ރައްޔިތުން ހަވާލުކުރި ޒިންމާއެއްނޫން ކަމަށް ވިދާޅުވެ، ނަޝީދުގެ ހުށަހެޅުއްވުމަށް ރައީސް ވަނީ ދެކޮޅު ހައްދަވައިފައެވެ.

comment ކޮމެންޓް