"ބޮޑުބަދަލު"ގެ ނަމުގައި ޤާނޫނުއަސާސީއަށް ގެންނަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ހުށަހެޅުއްވި ބަދަލުތަކަކީ, "މަތިން ތިރިއަށް" އަންނަ ހުށަހެޅުންތަކެއް ކަމަށާއި، އެފަދަ ބޮޑެތި ނިންމުން ނިންމަން ވާނީ ޕާޓީގެ އާއްމު މެންބަރުންނާއި ޕާޓީގެ ގައުމީ މަޖިލީހުގެ ވެސް ލަފައާއި މަޝްވަރާގެ މަތިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދާއި ފައްޔާޒް ގުޅިގެން އާދިއްތަ ދުވަހު 'ބޮޑު ބަދަލު'ގެ ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ ޤާނޫނުއަސާސީއާއި، ވެރިކަމުގެ ވައްޓަފާޅިއާއި، ރައްޔިތުންގެ މަޖިލީހުގެ އިތުރުން އިޤްތިޞާދީ ކަންކަމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށަހަޅާފައެވެ.
އެކަމަށް އިޝާރާތްކުރައްވައި، އެމްޑީޕީގެ ދާއިމީ ޗެއާޕާސަން ކަމަށް ވެސް ވާދަކުރައްވާ މީކާއީލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް "ތިރިން މައްޗަށް" ދާ ޕާޓީއެއް ކަމަށެވެ. އެއީ އެމްޑީޕީގެ ސިޔާސަތުތައް އަބަދުވެސް ބައްޓަންވެފައި އޮތީ، އާއްމު މެންބަރުންގެ ޚިޔާލާ މަޝްވަރާގެ މަތިންްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ނަޝީދާއި ފައްޔާޒު ހުށަހެޅުއްވި ބަދަލުތަކަކީ، "މަތިން ތިރިއަށް" އައި ހުށަހެޅުންތަކެއް ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ޕާޓީގެ ގައުމީ މަޖިލީހާއި އާންމު މެންބަރުންގެ މަޝްވަރާ ނެތި ހުށަހެޅި ހުށަހެޅުންތަކެއް ކަމަށް މީކާއީލް ވިދާޅުވިއެވެ. އަދި އެފަދަ ބޮޑު ނިންމުމަކަށް ދާންވާނީ އާއްމު މެންބަރުންނާއި، ގައުމީ މަޖިލީހާއެކު މަޝްވަރާކޮށް ނިންމުމަށްފަހު ކަމަށް ވެސް މީކާއީލް ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދާއި ފައްޔާޒް: ދެ ބޭފުޅުން ގެންނެވީ ބަރުލަމާނީ ނޫން ބަރުލަމާނީ ސިފަތަކެއް --- ސަން ފޮޓޯ/ އަހުމަދު އިޔާދު
މީކާއީލްގެ އިތުރުން ނަޝީދު ވެސް ވަނީ އެމްޑީޕީގެ ދާއިމީ ޗެއާޕާސަން ކަމަށް ވާދަކުރައްވަން ނިންމަވައިފައެވެ. އަދި އާދިއްތަ ދުވަހު އެމަނިކުފާނު ވަނީ އެކަން އިއުލާނުކުރައްވައި، 2028ގެ ރިޔާސީ އިންތިޚާބަށް ފައްޔާޒު އެންޑޯސްކުރައްވައިފައެވެ.
އެކަމާ ގުޅިގެން މީކާއީލް ވަނީ ނަޝީދަށް މަރުހަބާ ވިދާޅުވެ، އެއީ އެމަނިކުފާނަށް ވެސް އަދި އެހެން މެންބަރުންނަށް ވެސް އޮތް ހައްގެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޗެއާޕާސަނެއްގެ ހުރި އެންމެ ރަނގަޅު ކޮލިޓިއަކީ ވަކި އަތަކަށް ނުޖެހި "ނިއުޓްރަލްކޮށް" ހުރުން ކަމަށް މީކާއީލް ވިދާޅުވިއެވެ. އަދި ވަކި މީހަކަށް ތާއީދުކުރައްވައި، ވަކި މީހަކު އެންޑޯސްކޮށްގެން ޕާޓީއެއް ނުހިންގޭނެ ކަމަށް ވިދާޅުވެ މީކާއީލް ވަނީ ނަޝީދަށް ރައްދު ދެއްވައިފައެވެ.
ޕާޓީ ހިންގުމާ ހަވާލުވާ ޗެއާޕާސަނެއްގެ މަސްއޫލިއްޔަތަކީ ޕާޓީއަށްޓަކައި ހުސްވުން. ވަކި މީހެއްގެ މަސްލަހަތަށް ބުރަވުނުން. އަޅުގަނޑު އިސްކުރާނީ މަޝްވަރާ. އެމްޑީޕީގެ އެތެރެ ބޮއްސުންލައިގެން މިދަނީ މަޝްވަރާ ނެތީމާ. އަޅުގަނޑުގެ ޗެއާޕާސަންކަމުގައި ޕާޓީ ހިންގާނީ ހަމަހަމަ ފުރުސަތު ދީގެން. ތަފާތު ޚިޔާލުތަކުގެ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާ ވެސް ހޯދައިގެން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް
މީކާއީލް ވިދާޅުވީ ޗެއާޕާސަނަކަށް ހުންނަ ބޭފުޅަކު، ވަކި މީހެއްގެ މަސްލަހަތު ހިމާޔަތްކުރުމުގެ ބަދަލުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޕާޓީން ނުކުންނަ ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަކަމާއެކު އެ ފުރުސަތު ދީގެން ހުންނަން ޖެހޭނެ ކަމަށެވެ.
ހަމައެއާއެކު މީކާއީލް ވަނީ، ޗެއާޕާސަނަކަށް ކޮންމެ ބޭފުޅަކު ހޮވިވަޑައިގެން ކޮންމެ ގޮތަކަށް ނަތީޖާ ނުކުތް ނަމަވެސް، ނަޝީދާއި ފައްޔާޒު ވެސް ޕާޓީއާއެކު ދެމިހުންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އޭނާ ވެސް ޕާޓީގެ މެންބަރުންގެ ނިންމުމަށް ތާއީދުކޮށް، ޕާޓީއާއެކު ދެމިހުންނަވާނެ ކަމަށް ވިދާޅުވިއެވެ.
ކާމިޔާބު ވިޔަސް، ނާކާމިޔާބު ވިޔަސް ޕާޓީއާއެކު ދެމިހުންނާނަން. 2028ގެ ރިޔާސީ އިންތިޚާބު ކާމިޔާކުރަން ބޭނުންވާތީ މި ނުކުންނަނީ [ޗެއާޕާސަން ކަމަށް]. ޕާޓީގައި ތިއްބެވި ހުރިހާ ލީޑަރުން އެއްގަލަކަށް އަރުވައި، 2028ގައި [ރައީސް] މުއިއްޒު ބަލިކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް
ފައްޔާޒާއި ނަޝީދު ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި، ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔާ، ވަކި ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ. މި ބަދަލުގެ ބޭނުމަކީ ސަރުކާރުގެ ވެރިޔާ މަޖިލީހަށް ޖަވާބުދާރީކުރުވުމާއި، ދައުލަތުގެ ވެރިޔާގެ ގޮތުގައި ހުންނަވާ ބޭފުޅަކީ ސިޔާސީ ކަންކަމުން އެއްކިބާވެ، ގައުމީ މަސްލަހަތާއި ގާނޫނުއަސާސީ ހިމާޔަތްކުރާ ފަރާތަކަށް ހެދުމެވެ.
އެއީ، ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި ބޭނުންވަނީ މަސްހުނި ނިޒާމެއް ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން، މިނިވަން މުއައްސަސާތައް ބެލެހެއްޓުމަށް އޯވަސައިޓް ކޮމިޝަނެއް އުފެއްދުމާއި، ރައްޔިތުންގެ ވޯޓަކުން ފަނޑިޔާރުން ވަކިކުރެވޭނެ ނިޒާމެއް ގާއިމްކުރުމަށް ވެސް ވަނީ ހުށަހަޅުއްވައިފައެވެ. އަދި, މަޖިލިސް މެންބަރުންގެ އަދަދު ހިފަހައްޓައި، އަންހެނުންނަށް ފުރުސަތު އިތުރުކުރުމާއި، މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދިނުން ހިމެނެއެވެ.
ހަމައެއާއެކު އެ ބަދަލުތަކަކީ އިދިކޮޅަށް ނިސްބަތްވާ ފެކްޝަނަކުން ހީލަތްތެރިކަމާއެކު ވެރިކަމަށް އައުމަށް ކުރާ މަސައްކަތެއް ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ވިދާޅުވެފައެވެ.
"މި ފެނިގެންދަނީ އަނެއްކާ ވެސް މިހާރުގެ ސަރުކާރުން ވެރިކަމުގެ ބާރުތަކާއި ދައުލަތުގެ މުއައްސަސާތައް ކޮންޓްރޯލްކޮށް ވެރިކަމުގައި ދެމިތިބުމަށް ޤާނޫނުއަސާސީ ހަތިޔާރަކަށް ހަދައިގެން ކުރަމުން އައި މަސައްކަތް، އިދިކޮޅަށް ނިސްބަތްވާ ފެކްޝަނަކުން އެހެން ސިފައެއްގައި ވެރިކަމަށް އައުމަށްޓަކައި ޙީލަތްތެރިކަމާ އެކު ފަށައިފައިވާ މަންޒަރު،" އަބްދުﷲ ދީދީ ވިދާޅުވިއެވެ.