ފައިސާ ހަމަޖެހޭތާ ހަތަރު މަސް ދުވަހުގެ ތެރޭގައި، ކޮންމެ ދިވެހި ރައްޔިތަކަށް ބަޔޯމެޓްރިކް އައިޑެންޓިޓީ ކާޑެއް ސަރުކާރުން ހަދައިދޭނެ ކަމަށް ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)އިން ބުނެފި އެވެ.
ކުރުނބާ މޯލްޑިވްސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެންސީއައިޓީ ހިންގެވުމާ ހަވާލުވެ ހުންނެވި، ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު އަޝްމަލީ ވިދާޅުވީ ބަޔޯމެޓްރިކް އައިޑެންޓިޓީ ކާޑު ރައްޔިތުންނަށް ހަދައިދިނުމަކީ ސަރުކާރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާ ބެހޭ ތަސައްވަރުގައި ހިމެނޭ ވަރަށް މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.
އަޝްމަލީ ވިދާޅުވީ ބަޔޯމެޓްރިކް އައިޑީކާޑު ހެދުމާ ބެހޭ ދިރާސާތަކެއް ކުރާތާ ދޮޅު އަހަރު ދުވަސް ވެދާނެ ކަމަށާއި، މެލޭޝިއާ އަދި ސިންގަޕޫރު ފަދަ ގައުމުތަކުގައި ސްމާޓު ކާޑު ބޭނުންކުރާ ގޮތް ބަލާފައިވާނެ ކަމަށެވެ.
ރާއްޖޭގައި މި އަހަރުގެ ތެރޭގައި ބަޔޯމެޓްރިކް ޕާސްޕޯޓު ތައާރަފު ކޮށްފައިވެ އެވެ.
އަޝްމަލީ ވިދާޅުވީ ބަޔޯމެޓްރިކް އައިޑީކާޑުގެ ދަށުން، އެޑިއުކޭޝަން، ހެލްތު، ޖުޑީޝަރީ، އަދި ލޯ އިންފޯސްމެންޓުގެ ޚިދުމަތްތައް ދިނުމަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ. ހުރިހާ ތަނެއްގައި ހުރި ލިޔެކިޔުންތައް އިންޓަގްރޭޓުވާން ޖެހޭނެކަން ހާމަކުރައްވައި، އަޝްމަލީ ވިދާޅުވީ އެކަންކަން ކުރެވޭނީ ބަޔޯމެޓްރިކް ކާޑު ހުރެގެން ކަމަށެވެ.
"މިސާލަކަށް އާސަންދައިން އެއްލައްކަ ރުފިޔާގެ ވައުޗާއެއް ކޮންމެ ރައްޔިތަކަށް ލިބޭ އިރު، އެ ސިޓިޒެންއަށް އެބަ ޖެހޭ ލޮގިން ކޮށްލައިގެން އޭނާގެ ނަން މަތީގައި ބޭހެއް ނަގާފައި ހުރިތޯ ބެލެން. އެކައުންޓެއް ނުވަތަ ވޮލެޓެއް އޭނާއަށް ބެލެން ޖެހޭނެ. މިއީ ބަޔޯމެޓްރިކް ކާޑު ބޭނުންވާ ސަބަބަކީ،"
އަޝްމަލީ ވިދާޅުވީ ކޮންމެ ރައްޔިތަކަށް ބަޔޯމެޓްރިކް ކާޑެއް ދެވޭ އިރު، އޭގައި ސަރުކާރުން އޭނާއަށް ދީފައިވާ ކޮންމެ ލިޔެކިޔުމެއްގެ މައުލޫމާތު އެ ކާޑުގައި ހުންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މި މަޝްރޫއު ތައްޔާރުކޮށް، ސަރުކާރާ ހަވާލު ކޮށްފައިވާނެ ކަމަށާއި މިހާރު ހަމަނުޖެހި ވަނީ ފަންޑު ހަމަޖެހުން އެކަނި ކަމަށެވެ.
"ފަންޑިން ޕްރޮސެސް ސަރުކާރުން ހަމަޖައްސައިދޭތާ ހަތަރު މަސް ދުވަސް ތެރޭގައި އަޅުގަނޑުމެން ދިވެހި ކޮންމެ ރައްޔިތަކަށް ބަޔޯމެޓްރިކް އައިޑީކާޑު ފޯރުކޮށްދޭނަން،" އަޝްމަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަޔޯމެޓްރިކް ކާޑުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ފައިސާ ޕްރިންޓު ކުރާ ގޮތަށް ކާޑު ވެސް ގެންނާނީ ގަނޑުކޮށް ޕްރިންޓު ކޮށްގެން ކަމަށާއި، އެކަމުގެ ސަބަބުން އެހެން ގައުމުތަކާ އަޅާ ބަލާއިރު ގާތްގަނޑަކަށް 40 ޕަސަންޓަށް އަގު ހެޔޮވާނެ ކަމަށެވެ.
"މި ޕްރޮޖެކްޓަށް ހޭދަވާނީ ގާތްގަނޑަކާށް 15 މިލިޔަން ޑޮލަރު. އެހެން ގައުމުތަކަށް ބަލާ ނަމަ އިންހައުސްކޮށް އެމީހުން ކާޑު އުފައްދަނީ. އަޅުގަނޑުމެން މި ގަނޑުކޮށް ޖަހައިގެން ގެންނާތީ ގާތްގަނޑަކަށް 40 ޕަސަންޓު އަގުހެޔޮވެގެން ދާނެ،" އަޝްމަލީ ވިދާޅުވި އެވެ.