ސެމްސަން ކުންފުނީގެ ޗެއާމަން އަށް މިއަދު ޙުކުމް އިއްވަނީ

ސެމްސަންގް އިލެކްޓްރޯނިކްސްގެ ޗެއަރމަން ޖޭ.ވައި. ލީ -- ފޮޓޯ: ރޮއިޓާސް

ސެމްސަންގް އިލެކްޓްރޯނިކްސްގެ ޗެއަރމަން ޖޭ.ވައި. ލީގެ މައްޗަށް 2015 ވަނަ އަހަރު ދަޢުވާކުރެވިފައިވާ, މައްސަލައެއްގައި ސިއޯލްގެ އިސްތިއުނާފީ ކޯޓުން މިއަދު ޙުކުމް އިއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މައްސަލައަކީ ސެމްސަންގްގެ ދެ ކުންފުންޏެއް އެއްކޮށްލުމުގެ މައްސަލައެކެވެ. ދަޢުވާގައި ބުނެފައިވަނީ މި އެއްކޮށްލުމަކީ މައިނޯރިޓީ ޙިއްސާދާރުންގެ މަސްލަޙަތަށް އުނިކަން ލިބޭގޮތަށް ލީގެ ބާރު ވަރުގަދަކުރުމަށް ކުރެވުނު ކަމެއް ކަމަށެވެ.

މި މައްސަލައިގައި ދަށު ކޯޓުން ނިންމާފައިވަނީ ލީގެ މައްޗަށް ކުރެވުނު ހުރިހާ ދަޢުވާއަކުން ބަރީއަވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ސްޓޮކް އަގަށް ނުފޫޒު ފޯރުވުމާއި އެކައުންޓިން ފްރޯޑްގެ ދަޢުވާއެވެ. ނަމަވެސް، ޕްރޮސިކިއުޓަރުން މިހާރު ވަނީ ސިއޯލް ހައި ކޯޓަށް އިސްތިއުނާފު ކޮށްފައެވެ. އަދި މިފަހަރު ފަސް އަހަރުގެ ޖަލު ޙުކުމެއް އިއްވުމަށް އެދިފައިވެއެވެ.

ލީ ވަނީ މި މައްސަލައިގައި އޭނާގެ މައްޗަށް ކުރެވޭ ދަޢުވާތައް ދޮގުކޮށްފައެވެ. އޭނާ ބުނެފައިވަނީ އަމިއްލަ ފައިދާއަށް ޓަކައި އިންވެސްޓަރުންނަށް ގެއްލުން ދިނުމަށް ނުވަތަ މަކަރު ހެދުމަށް ގަސްތުކޮށްފައިނުވާ ކަމަށެވެ.

މި މައްސަލައިގެ ނިންމުމަކީ ލީގެ މުސްތަޤުބަލަށް ވަރަށް މުހިންމު ނިންމުމެކެވެ. މިހާރު ވެސް ސެމްސަންގް އިލެކްޓްރޯނިކްސް ހިންގުމުގައި ލީގެ ޤާބިލުކަމާމެދު ސުވާލު އުފެދެމުންދާ ދަނޑިވަޅެއްގައި މި މައްސަލަ ނިމޭގޮތަކުން އޭނާގެ މުސްތަޤުބަލަށް ބޮޑު އަސަރެއް ކުރާނެއެވެ.

ސެމްސަންގް ގްރޫޕްގެ ވާރުތަވެރިޔާ އަދި ސެމްސަންގް އިލެކްޓްރޯނިކްސްގެ ޗެއަރމަން ޖޭވައި ލީގެ މައްޗަށް މިފަދަ ދަޢުވާތައް ކުރެވެމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. 2015 ވަނަ އަހަރު ހިނގި ސެމްސަންގް ސީ އެންޑް ޓީ އާއި ޗެއިލް އިންޑަސްޓްރީޒް އެއްކޮށްލުމުގެ މައްސަލައަކީ އަށް ބިލިއަން ޑޮލަރުގެ މުޢާމަލާތެކެވެ.

comment ކޮމެންޓް