އޯޕަން އޭއައިއިން އައު ރިސާޗް ޓޫލެއް ތައާރަފުކޮށްފި

އޭއައި ދާއިރާގައި މަޝްހޫރު ކުންފުނި އޯޕެންއޭއައި --

އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި ކުރިއަރާފައިވާ ކުންފުންޏެއް ކަމަށްވާ އޯޕަން އޭއައިއިން އާދީއްތަ ދުވަހު "ޑީޕް ރިސާޗް"ގެ ނަމުގައި އައު އޭއައި ޓޫލެއް ތަޢާރަފުކޮށްފިއެވެ. މި ޓޫލަކީ އިންޓަނެޓުގައި ގިނަ މަރުހަލާތަކެއްގެ ތެރެއިން ދިރާސާކުރުމަށް އެހީވެދޭ ޓޫލްއެކެވެ.

އޯޕަން އޭއައި އިން ބުނާ ގޮތުގައި ޑީޕް ރިސާޗް މަސައްކަތްކުރަނީ ވެބް ބްރައުޒިން އާއި ޑޭޓާ އެނަލިސިސްއަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ އޯޕަން އޭއައި އޯ3 މޮޑެލްގެ ވާޝަނަކުންނެވެ.

މި ޓޫލް ބޭނުންކުރާ ފަރާތްތަކުން ޕްރޮމްޕްޓެއް ދިނުމުން، އޯޕަން އޭއައިގެ ޗެޓްބޮޓް ކަމަށްވާ ޗެޓްޖީޕީޓީން އިންޓަނެޓުގެ ލިޔުންތަކާއި، ފޮޓޯތަކާއި، ޕީޑީއެފް ފައިލްތައް ފަދަ އެކި ވަސީލަތްތައް ބޭނުންކޮށްގެން މަޢުލޫމާތު ހޯދައި، ދިރާސާކޮށް، ރިސާޗް އެނަލިސްޓެއްގެ ފެންވަރުގައި ފުރިހަމަ ރިޕޯޓެއް ތައްޔާރުކޮށްދޭނެއެވެ.

"އިންސާނަކަށް ގަޑިއިރުތަކެއް ނަގާނެ މަސައްކަތެއް މި ޓޫލުން މިނެޓުތަކެއްގެ ތެރޭގައި ނިންމައިދޭނެ،" އޯޕަން އޭއައި އިން ބުނެފައިވެއެވެ.

އެހެންނަމަވެސް، ޑީޕް ރިސާޗް އަދިވެސް ވަނީ ތަރައްޤީގެ ފުރަތަމަ މަރުހަލާގައި ކަމަށާއި، މި ޓޫލްގައި ބައެއް މައްސަލަތައް ހުރި ކަމަށް އޯޕަން އޭއައި އިން ފާހަގަކޮށްފައިވެއެވެ.

"އިތުބާރުހުރި މަޢުލޫމާތާއި އަޑުއިވޭ ވާހަކަތައް ވަކިކުރުމުގައި މި ޓޫލަށް ދަތިވެދާނެއެވެ. އަދި މިހާރު މި ޓޫލުން ޔަޤީންކަން ނެތް މިންވަރު ރަނގަޅަށް ދޭހަކޮށްނުދެވޭ ކަމަށް ފާހަގަކުރެވެއެވެ،" އެ ކުންފުނިން ބުނެފައިވެއެވެ.

ޑީޕް ރިސާޗް އާދީއްތަ ދުވަހުން ފެށިގެން ޗެޓްޖީޕީޓީގެ ވެބް ވާޝަންގައި ބޭނުންކުރެވެން ފަށާފައިވާ އިރު، ފެބްރުއަރީ މަހުގެ ތެރޭގައި މޮބައިލް އަދި ޑެސްކްޓޮޕް އެޕްތަކަށް ވެސް މި ޓޫލް ތަޢާރަފުކުރެވޭނެ ކަމަށް އޯޕަން އޭއައި އިން ބުނެފައިވެއެވެ.

ޑީޕް ރިސާޗަކީ މިއަހަރު އޯޕަން އޭއައި އިން ތަޢާރަފުކުރި ދެވަނަ އޭއައި އޭޖެންޓެވެ. މީގެ ކުރިން ޖަނަވަރީ މަހު އެ ކުންފުނިން ވަނީ "އޮޕަރޭޓާ" ގެ ނަމުގައި ޓޫލްއެއް ތަޢާރަފުކޮށްފައެވެ. މި ޓޫލަކީ ޓު-ޑޫ ލިސްޓް ހެދުމާއި ޗުއްޓީ ރޭވުމުގައި އެހީތެރިވެދޭ ފަދަ އެކި މަސައްކަތްތައް ކޮށްދޭ ޓޫލްއެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު