ސަލާމަތީ 34 ސިފަ ހިމެނޭ ގޮތަށް މީހާގެ ފިންގާޕްރިންޓާއި ބަޔޮލޮޖިކަލް އެހެން ބައެއް މައުލޫމާތު ހިމެނޭ ބަޔޯމެޓްރިކް ދިވެހި ޕާސްޕޯޓް ތައާރަފްކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް މިރޭ ތައާރްފްކޮށްދެއްވި ބަޔޯމެޓްރިކް ޕާސްޕޯޓުގައި 34 ވައްތަރެއްގެ ސަލާމަތީ ސިފަ ހިމެނެ އެވެ. އެ ސިފަތައް ޕާސްޕޯޓުގެ 54 ތަނެއްގައި ހިމަނާފައިވެ އެވެ.
ދިވެހި ތާރީހާއި އާދަކާދަ ދައްކުވައިދޭ ކުރެހުންތަކުން ޒީނަތްތެރިކޮށްފައިވާ ދިވެހި ޕާސްޕޯޓަކީ ސިންގަޕޫރާއި މެލޭޝިއާގެ ރައްޔިތުން ބޭނުންކުރާފަދަ ޕާސްޕޯޓެކެވެ. އަލަށް ތައާރަފްކުރި ޕާސްޕޯޓަކީ ސާކު ސަރަހައްދުގައި ނެރުނު އެފަދަ ފުރަތަމަ ޕާސްޕޯޓެވެ.
އާ ޕާސްޕޯޓުގެ ވައްތަރުތައް:
- އާންމުންނަށް ދޫކުރަނީ ރަތް ކުލައިގެ ޕާސްޕޯޓް
- ދައުލަތުގެ އިސްވެރިންނަށް ދޫކުރާނީ ކަޅު ކުލައިގެ ޑިޕްލޮމެޓިކް ޕާސްޕޯޓް
- ވަގުތީ ޑްރެވަލް ޑޮކިއުމެންޓުގެ ބަދަލުގައި އަޅި ކުލައިގެ އިމަޖެންސީ ޕާސްޕޯޓެއް ނެރުނު
- ސަރުކާރުގެ ޑިރެކްޓަރުންގެ ލެވެލަށްވުރެ އިސް ބޭފުޅުންނާއި ދައުލަތުގެ ދަތުރުތަކުގައި ވަޑައިގަންނަވާ ބޭފުޅުންނަށް ދޫކުރާ ހާއްސަ ޕާސްޕޯޓު ނުވަތަ އޮފިޝަލް ޕާސްޕޯޓުގެ ކުލަ މަޑު ނޫކުލައަށް ބަދަލު ކުރި
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނުން ބުނީ މިރޭ ތައާރަފް ކުރި ދިވެހި އާ ޕާސްޕޯޓަކީ މި ސަރަހައްދުގެ އެންމެ ވަރުގަދަ ޕާސްޕޯޓަށް ވާނެ ކަމަށެވެ.
މިހާރު ބޭނުން ކުރަމުންދާ އީ ޕާސްޕޯޓަކީ ޖުލައި 26، 2007 ގައި ތައާރަފް ކުރި ޕާސްޕޯޓެކެވެ. ސަރަހައްދުގެ ފުރަތަމަ އިލެކްޓްރޯނިކް ޕާސްޕޯޓް ނެރުނީ ވެސް ރާއްޖެއިންނެވެ.
ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން، ބަޔޯމެޓްރިކް ޕާސްޕޯޓާއި އޮޓޯ ގޭޓް ރާއްޖެއަށް ތައާރަފް ކުރީ ދުނިޔޭގެ ގިނަ ގައުމުތަކަކަށް އެ ހިދުމަތް ދީފައިވާ ޖަރުމަނު ވިލާތުގެ މަޝްހޫރު ކުންފުންޏެއްޔެއް ކަމަށްވާ ޑާމަލޮގްގެ އެހީގައެވެ.
ބަޔޯމެޓްރިކް ޕާސްޕޯޓުގައި ކުރަހާފައިވާ ދިވެހިވަންތަ ކުރެހުންތައް ފަރުމާކޮށްފައި ވަނީ ހުސައިން އަލި މަނިކެވެ.
މިރޭގެ ރަސްމިއްޔާތުގައި ދެއްކި ޕްރެޒެންޓޭޝަންގައި އިމިގްރޭޝަނުން ބުނެފައި ވަނީ ޕާސްޕޯޓްގައި ހިމަނާފައިވާ ބައެއް ސަލާމަތީ ސިފަތައް ފެންނަން ހުންނާނެ ކަމަށެވެ. އެ ސިފަތައް ހިމަނާފައި ވަނީ ޕާސްޕޯޓުގެ ފޮޓޯ އާއި ކުރެހުންތަކާއި ފެންނަން ހުންނަ ބައެއް އެހެން މައުލޫމާތު ތަކުގެ ތެރޭގަ އެވެ.
އާ ޕާސްޕޯޓް ހަދާފައި ވަނީ ފެންޖެހުނަސް ޕާސްޕޯޓްގެ ޑޭޓާ ޕޭޖަށް ފޮޓޯ ފޭދުން ފަދަ މައްސަލަ ދިމާނުވާ ގޮތަށެވެ. އިމިގްރޭޝަނުން ބުނީ އެއީ ޕާސްޕޯޓް ބޭނުންކުރާ މީހުންނަށް ލިބޭނެ ބޮޑު ފަސޭހައެއް ކަމަށެވެ. އަދި ޕާސްޕޯޓްގައި ހުންނާނީ ކަޅާއި ހުދުގެ ފޮޓޯއެއް ކަމަށް ވާތީ އިމިގްރޭޝަނުން ކަނޑައަޅާ މިންގަނޑަށް ފޮޓޯ ނަގަން ވެސް ފަސޭހަ ވާނެ ކަމަށް ބުންޏެވެ.
ޖަރުމަނުގެ ޑާމަލޮގް ކުންފުންޏަކީ އެގައުމުގެ ޕާސްޕޯޓާއި އައިޑީކާޑާއި ފުލުހުންނަށް ބޭނުންވާ ބައެއް ޓެކްނޮލޮޖީ ތައާރަފްކޮށްދިން ކުންފުންޏެވެ. އަދި އެ ކުންފުނިން ވަނީ ސްވިޒަލޭންޑާއި ޔުކްރޭނާއި ބުރޫނާއީއާއި ކުވައިތާއި މެލޭޝިއާއާއި ކެމްބޯޑިއާގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގައި އެކުންފުނީގެ ޓެކްނޮލޮޖީ ބޭނުންކޮށްފައިއެވެ.