އިއުލާނު ނުކޮށް ރަށްތައް ދޫކުރަން ވޯޓު ނުދިނުމަށް މައުމޫން ގޮވާލެއްވުމުން އުމަރު ތާއީދުކޮށްފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު--- ސަންފައިލް ފޮޓޯ

އާންމުކޮށް އިއުލާނު ކުރުމަކާ ނުލައި ފަތުރުވެރިކަމާ ގުޅޭ ކަންކަމަށް ރަށްތައް، ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ އިސްލާހަށް ވޯޓު ނުދެއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލާފައިވާގޮވާލުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ތާއީދު ކުރައްވައިފިއެވެ.

އެ އިސްލާހަށް ވޯޓު ނުދެއްވުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންނަށް ރައީސް މައުމޫން އަންގަވާފައިވާއިރު އުމަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް މައުމޫންގެ ނިންމެވުމަށް ތާއީދު ކުރައްވާ ކަމަށާއި އިންވެސްޓަރުންގެ ކޮންފިޑެންސް ލިބޭނީ އޭރުން ކަމަށެވެ.

އުމަރު ވިދާޅުވީ ބިޑުކޮށްގެން ފަތުރުވެރިކަމަށް ރަށްތައް ކުއްޔަށް ދޫކޮށްގެން ނޫން ގޮތަކަށް އިންވެސްޓަރުންގެ އިތުބާރު ނުލިބޭނެ ކަމަށެވެ.

މައުމޫންގެ އެ މެސެޖާ ގުޅޭ ގޮތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ ކިހިނެއްތޯ އެ ގްރޫޕުގެ އިސް މެމްބަރަކާ ސުވާލު ކުރުމުން ވިދާޅުވީ އެ ގްރޫޕުން އެ އިސްލާހަށް ވޯޓު ދޭނެ ކަމަށެވެ.

"ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތު ތަންފީޒު ކުރުމަށް އެއްބާރުލުންދޭނަން މި ގުރޫޕުން." މެމްބަރު ވިދާޅުވި އެވެ.

ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަށް މިލްކުކުރެވޭ ގޮތަށް މަޖިލީހުން ފާސްކުރި އިސްލާހަށް ވެސް މައުމޫން ދެކޮޅު ހެއްދެވި އެވެ. އަދި އެއީ ވެސް ރާއްޖެ އަށް ގެއްލުން ހުރި އިސްލާހެއް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ މަޖިލީސް މެންބަރުންނަށް މައުމޫން މެސެޖު ފޮނުއްވި އެވެ. ނަމަވެސް މައުމޫންގެ ބަހަށް ބެލުމެއް ނެތި އެ އިސްލާހު ވަނީ ފާސްކޮށްފަ އެވެ.

އިއުލާން ކުރުމެއް ނެތި ރަށްތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު މިހާރު ވަނީ އިސްލާހެއް ހުށައަޅުއްވައިފަ އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ޓޫރިސްޓް ރިސޯޓު ހެދުމަށް ރަށްރަށާއި ބިން ކުއްޔަށް ދޫކުރަން ވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމުން އާންމުކޮށް އިއުލާންނުކޮށްގެން، ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށެވެ.

comment ކޮމެންޓް