އަންނަ ހޮނިހިރު ދުވަހު ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރެފަރެންޑަމުން ވާނީ ފައިދާކަމެއް ނުވަތަ ގެއްލުން ކަމެއް ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް ވެސް ނޭނގޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
'އެސްއެސް ޓީވީ'ގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްވަކަމުން އުމަރު ވިދާޅުވީ، އާދައިގެ އެކިއެކި މަސައްކަތްތަކާއި ވަޒީފާތަކުގައި މަސްއޫލުވެ އުޅޭ ރައްޔިތުންނަށް އެކަށީގެންވާ މިންވަރަށް ރެފަރެންޑަމް ވޯޓާ ގުޅޭ ގޮތުން މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ފެންނަ ނުފެންނަ ވޯޓަށް ކެމްޕެއިން ކުރުމަށާއި، ވޯޓާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ލިބިގެން ދިޔައީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށާއި، އެއީ ވަރަށް ދެރަވަރުގެ ކަމެއްކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އުމަރު ވިދާޅުވީ އަތޮޅު ތެރޭގައި އިންޓަނެޓާއި މީޑިއާގެ ވަސީލަތްތަކާ ދުރު ވަރަށް ގިނަ މީހުން އުޅޭނެ ކަމަށާއި، ދެ އިންތިޚާބު އެއްކޮށްލުމުން ވާނެ ފައިދާއާއި ގެއްލުމާ ބެހޭ ގޮތުން، އެ ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި މައުލޫމާތު ފޯރުކޮށްދެވިފައި ނުވާކަމަށެވެ.
މި އަންނަ ހޮނިހިރު ދުވަހު ވޯޓުލުމާ ހަމައައް އައިސްފަ މިއޮތީ ދެއްތޯ. އެކަމު އެކަށީގެންވާ ގޮތަކަށް މައުލޫމާތު ދެވިފައެއް ނެތް. އަދި އެކަށީގެންވާ ގޮތުގަ ބަހުސް ކުރެވިފައެއް ވެސް ނެތް މިކަމާ ބޭހޭ ގޮތުންނެއް. އެކަށީގެންވާ ގޮތުގައި ދައުލަތުގެ މީޑިއާއާ ވަސީލަތްތަކެއް ނެތް މިކަމަށް އޯޕަން ކޮށްލެވިފައެއް ވެސް. ދައުލަތުގެ މީޑިއާއިން ވަރަށް ކުޑަ ވަގުތުކޮޅެއް މި ބަހުސަށް ދީފަ އޮތީވެސް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
އުމަރު ވަނީ ރައްޔިތުންނާ ގުޅޭ މުހިންމު ސުވާލުތައް ސަރުކާރުން ރައްޔިތުން ކުރެ އަހާއިރު، އެކަމަށް ބަހުސްކޮށް ވާހަކަދެއްކުމަށް އެކަށީގެންވާ ވަގުތު ދޭންވާނެ ކަމަށެވެ. ނަމަވެސް މިފަހަރު ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓަށް ބަހުސްކޮށް، ވާހަކަދެއްކުމަށް ވަގުތު ދީފައި ނުވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑަށް ލަފާކުރެވެނީ، ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކޮށްފަ އެއްބައި މީހުންނަކަށް އަދިވެސް ނޭނގޭނެ މި ދެ އިންތިޚާބު އެއްކޮށްލީމަ ވާނީ ފައިދާތޯ ނޫނީ ގެއްލުންތޯ ވެސް. އެހެންވީމަ މިއީ އަސްލުގަ ވަރަށް ދެރަކޮށް ވާކަމެއް މި ކަމަކީ،" އުމަރު ވިދާޅުވިއެވެ.
މީގެ ކުރިން ރާއްޖޭގައި އޮންނަން ވާނީ ރިޔާސީ ނިޒާމެއްތޯ، ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް ނެގި ވޯޓުގައި ވެސް ބަހުސްކުރެވި، އެކި ޕްލެޓްފޯމްތަކުގައި އެ ވާހަކަދެކެވި އެކަމަށް އެކަށީގެންވާ ވަގުތު ދީފައިވާކަން އުމަރު ފާހަގަކުރެއްވިއެވެ. ނަމަވެސް މިފަހަރު ގާނޫނު އަސާސީއަށް މި ބަދަލު ގެނެވުނީ ކުއްލިއަކަށް ކަމަށާއި، އެއްގޮތަކަށް ވެސް މިކަމާ ވިސްނާ ފިކުރުކޮށް ބަހުސްކުރެވިފައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުގެ ބަދަލުގައި، މަޖިލިސް އިންތިޚާބާއެކު ބާއްވަންވީ ލޯކަލް ކައުންސިލް އިންތިޚާބު ކަމަށް މީގެ ކުރީން އުމަރު ވަނީ ވިދާޅުވެފައެވެ.
ތިން އިންތިޚާބެއް ބޭއްވުމުގެ ބަދަލުގައި ދެ އިންތިޚާބެއް އޮންނަ ގޮތަށް ބަދަލުކުރުމަކީ އޭނާ ވެސް ތާއިދުކުރައްވާ ކަމެއް ކަމަށާއި ނަމަވެސް އެއްކޮށްލަންވާނީ އެންމެ މުހިންމު ދެ އިންތިޚާބެއް ނޫން ކަމަށާއި އެއްކޮށްލަންވާނީ އެންމެ ކުޑަ ދެ އިންތިޚާބު ކަމަށް އުމަރު ވަނީ ވިދާޅުވެފައެެވެ.
މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓު އަންނަ ހޮނިހިރު ދުވަހު ބާއްވަނީ، ލޯކަލް ކައުންސިލް އިންތިޚާބާއެކުގައެވެ. މި ސަރުކާރުން ބުނާ ގޮތުގައި، ދެ އިންތިޚާބު އެކުގައި ބާއްވަން ޖެހެނީ ޚަރަދު ކުޑަކުރުމަށެވެ. އެކަމަށް އެމްޑީއޭއާއި އަދާލަތު ޕާޓީގެ އިތުރުން، ޖުމްހޫރީ ޕާޓީންވެސް ވަނީ ތާއިދުކޮށްފައެވެ.