އަދީބުގެ ޑީއެންއޭ ފެނުން: ފުރިހަމަ ނުވާ ތަހުގީގަކުން ހުކުމެއް އުފަން ކުރުން!؟

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ކަރެކްޝަންސްގެ ބެލުމުގެ ދަށުން ސުޕްރީމް ކޯޓުން ނުކުންނަވަނީ ---- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގ. އެނިފްގޭގެ އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ފުލުހުން ބުނުމުން އެތައް ބަޔަކަށް ހައިރާން ކަމެއް ލިބިގެންދިޔަ އެވެ. އެއީ މީގެ އަހަރަކަށް ވުރެ ކުރި އެވެ. އޭގެ ފަހުން އެ މައްސަލަ ޝަރީއަތަށް ހުށަހަޅައި ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުން ހުކުމް އިއްވި ހިސާބުން ގިނަ ބަޔަކު ތިބީ އެއީ ހަގީގަތެއްކަމަށް ގަބޫލުކޮށްގެންނެވެ. ކުށެއް ކުރެވުނީމަ އެކަން ފޮރުވަންވެގެން އާންމުކޮށް މީހުން ދޮގުހަދާ ބީދައިން ނާޒިމް ވެސް އިތުރުފުޅު ހައްދަވަނީ ކަމުގައި ހީކުރެވުނެވެ. ނަމަވެސް އަނެއްކާ މިއަދު މި ވަނީ ކުރިން ގަބޫލު ކުރި ގަބޫލުކުރުންތައް ކުށްހީއަކަށް ބަދަލުވެ ކުރިއަށް ވުރެ ބޮޑަށް ހައިރާން ކުރުވަނިވި ކަމެއް ފެންމަތިވެފަ އެވެ.

ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން މިވަނީ ބުނެފަ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު ރޭ ވިދާޅުވީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ފިސްތޯލައިން ފެނިފައިވާ އިތުރު ޕްރޮފައިލްތަކެއް ވެސް ފުލުހުން އަންނަނީ ތަހުލީލު ކުރަމުން ކަމަށެވެ. މިކަމުން އެނގިގެން ދަނީ ކާނަލް ނާޒިމްގެ ގެއިން ފިސްތޯލަ ފެނުނު މައްސަލައިގެ ތަހުގީގު ފުރިހަމަނުވާ ކަމެވެ.

ނާޒިމްގެ އެޕާޓްމަންޓުން ފެނުނު ތަކެތި ކަމަށް ބުނެ ފުލުހުން މީޑިއާ އަށް ހިއްސާކޮށްފައިވާ ފޮޓޯ

މިސާލަކަށް ވަޅިން ހަމަލާދީ މާރާމާރީ ހިންގައި މީހަކު ޒަޚަމްކޮށްލައިފައިވަނިކޮށް ހާދިސާ ހިނގިތަނުން ފެންނަ ވަޅީގައި ފިންގާ ޕްރިންޓް ހުރެމެ އެއީ ކާކުގެ ފިންގާ ޕްރިންޓެއްތޯ އާއި އެ ފިންގާޕްރިންޓު އެވަޅީގައި ހުންނަން ޖެހުނީ ކީއްވެތޯ ނުބަލަނީސް އެ މައްސަލައެއްގެ ތަހުގީގު ފުރިހަމަވާނެތޯ އެވެ. ފުރިހަމައެއް ނުވާނެ އެވެ. ވަޅިންދިން ހަމަލާއަކަށް ވާތީ އެ ވަޅީގެ ފޮރެންސިކް ތަހުލީލު ކޮންމެހެން ވެސް ހަދަންޖެހޭނެ އެވެ. ހަމަ އެ އުސޫލު ކާނަލް ނާޒިމްގެ މައްސަލަ އަށް ވެސް ހިނގަންޖެހެ އެވެ. އެގާރަ އަހަރުގެ ޖަލު ހުކުމެއް ނާޒިމް ތަންފީޒު ކުރަންޖެހުމުގެ އަސްލަކީ ފިސްތޯލަ އެވެ. އެހެންކަމުން އެ ފިސްތޯލައިގައި އެއްވެސް ޑީއެންއޭއެއް ނުވަތަ ފިންގާޕްރިންޓެއް ހުރިތޯ ބަލަން ޖެހޭނެ އެވެ. އެއީ ދައުވާ ކުރުމުގެ ކުރިން ކުރަންޖެހޭ ކަމެކެވެ.

ނާޒިމްގެ އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ހިސާބުން ފެށިގެން އޭނާގެ އާއިލާގެ ފަރާތުން ތަކުރާރުކޮށް ބުނަމުން ދިޔައީ ނާޒިމް އެ ވަނީ ފްރޭމްކޮށްފައި ކަމަށެވެ. އާއިލާގެ ފަރާތުން އަދީބުގެ ބޮލުގައި އެ ތުހުމަތު އަޅުވަމުން ދިޔަ އެވެ. ނަމަވެސް އޭރު ފުލުހުން އެވާހަކަތައް އަޑެއް ނާހަ އެވެ.

ފުލުހުން މިހާރު ބުނަނީ ނާޒިމް ވަނީ ފްރޭމްކޮށްފައިތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ ޝަރުއީ މަރުހަލާ އިން ކަމަށެވެ. ފުލުހުންގެ ކަމަކީ ތަހުގީގު ނިންމައި ޕީޖީ އޮފީސް މެދުވެރިކޮށް ކޯޓަށް މައްސަލަ ހުށަހެޅުން ކަމަށް އެސިސްޓެންޓް ކޮމިޝަނަރު ނަވާޒު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނުނު މައްސަލަ މިއަދު ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ވެސް ނަވާޒު ރޭ ވިދާޅުވި އެވެ.

ފެބްރުއަރީ 10، 2015: ނާޒިމް ހައްޔަރުކޮށްގެން ފުލުހުން ގެންދަން އުޅުނު ވަގުތު އަނބިކަނބަލުންގެ ގައިގައި ނާޒިމް ބައްދާލަނީ-- ސަން ފޮޓޯ/ އަލީ ނަސީރު

އަދީބުގެ ޑީއެންއޭ އެ ފިސްތޯލަ އިން ފެނިފައިވާ އިރު އެއީ ވަކި މައްސަލައަކަށް ވާނީ ކިހިނަކުންތޯ އެވެ. އެ މައްސަލަ ވެސް ވާންޖެހޭނީ ކާނަލް ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލަ ފެނުނު މައްސަލައަށެވެ. އެހެންކަމުގައިވާ އިރު، ފުލުހުން އިތުރަށް އެ މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް ދައުވާ އުފުލުނީ ކޮން ހަމައަކުންތޯ އެވެ.

އަދީބު ނާޒިމް ފްރޭމްކޮށްފާނެ ކަމުގެ ފުރުސަތު އޮތްކަން ނާޒިމްގެ ފަރާތުން އޭރު ވެސް ދިޔައީ ވިދާޅުވަމުންނެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ނާޒިމާ ދެބޭފުޅުންނާ ކޮންފަރެންސް ކޯލަކުން ގުޅައި "ހޭއަރުވާލާނެ ކަމަށް" ބުނެ އަދީބު އެ ދެ ބޭފުޅުންނަށް އިންޒާރު ދެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ނާޒިމްގެ ފަރާތުން ވަކާލާތު ކުރެއްވި ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވި އެވެ. މިއަދު އުމަރު ވެސް ވަނީ އެއީ ތެދެއްކަމަށް ވިދާޅުވެފަ އެވެ.

އޭރު ނާޒިމްގެ ވަކީލު މަސައްކަތް ކުރެއްވީ ނާޒިމް ފްރޭމްކޮށްފައި ވަނީ އަދީބު ކަމަށް އޭނާ ތުހުމަތު ކުރައްވާކަންކަން ޝަރީއަތަށް ސާބިތުކޮށްދިނުމަށެވެ. ނަމަވެސް އަދީބު އިންޒާރު ދެއްވި ވާހަކަ ދެއްކި ހިސާބުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފް ވަނީ އެ ވާހަކަތައް ޝަރީއަތުގައި ނުދެއްކޭނެ ކަމަށް ބުނެ ހުއްޓުވާފަ އެވެ. ގާޒީ އޭރު ވިދާޅުވީ އެއީ ކަމާ ނުބެހޭ ވާހަކަތަކެއް ކަމަށާއި އެ ވާހަކަތައް ނުދެއްކޭނެ ކަމަށެވެ. އެ ހިސާބުން ނާޒިމްގެ ވަކީލަށް "އަދީބު" މި ލަފްޒު ވެސް ދުލުން ވިދާޅުވާނެ ފުރުސަތެއް ނުލިބުނެ އެވެ.

އެ މައްސަލަ ސާބިތު ކުރަން ދައުލަތުން ވަނީ ނާޒިމްގެ އެޕާޓްމަންޓަށް ވަން ފުލުހުންގެ ބަޔަކު ހެކީންގެ ގޮތުގައި ހުށަހަޅައިފަ އެވެ. ނަމަވެސް އެ ހުރިހާ ފުލުހުން ވެސް ހުށަހެޅީ ސިއްރު ހެކީންގެ ގޮތުގަ އެވެ. އެގެއަށް ވަން ފުލުހުންގެ މައުލޫމާތު އެނގިވަޑައިނުގަންނަވާތީ ދިފާއުގައި އެ އިން މީހަކު ހެއްކެއްގެ ގޮތުގައި ހުށަހެޅޭނެ ގޮތެއް ނާޒިމަކަށް ނެތެވެ. ނާޒިމްގެ ފަރާތުން ދިފާއީ ހެކީންގެ ގޮތުގައި ހުށަހެޅި ގިނަ ހެކީން ޝަރީއަތަށް ހާޒިރުކޮށްފައެއް ނުވެ އެވެ.

ނާޒިމްގެ އަނބިކަނބަލުން އަފާފް (މ) އަދި އާއިލާގެ ބައެއް މެމްބަރުން-- ސަން ފައިލް ފޮޓޯ

ނާޒިމްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ވިދާޅުވެފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި އެގެއަށް ފުލުހުންގެ ސްވޮޓް ޓީމެއް ވަދެ ނާޒިމާއި އަނބިކަނބަލުން ކޮޓަރީގައި ތިއްބައި އެދެބޭފުޅުންގެ ވަށާލައި އެއްވެސް ތަނެއް ނުފެންނަ ގޮތް ހަދާފައިވާ ކަމަށެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ކޮޓަރީގައި ހުރި ކަބަޑަކުން ދަބަހެއް ނަގައިގެން އޭގެތެރެ ނާޒިމަށް ދެއްކި އިރު އޭގައި ފިސްތޯލައެއް އޮތް ކަމަށް ނާޒިމްގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ. މިއީ ވެސް ތަހުގީގު މަރުހަލާގައި ފުރިހަމައަށް ބެލިފައި އޮންނަން ޖެހޭ ކަމެކެވެ. މިފަދަ ކަމެއް ކަށަވަރުކުރުމަށް އެގެއަށް ވަން ފުލުހުންގެ އިތުރުން އެ މައުލޫމާތު އެނގޭ އެހެން މީހުންނާ ސުވާލުކޮށް ބަޔާން ނަގަން ޖެހެ އެވެ.

މިދެންނެވި ހެކީގެ އަލީގައި ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ދައުވާ ފުރަތަމަ އުފުލީ ނާޒިމްގެ މައްޗަށް އެކަންޏެއް ނޫނެވެ. އޭނާގެ އަނބިކަނބަލުން އަފާފް އަބްދުލް މަޖީދުގެ މައްޗަށް ވެސް އުފުލި އެވެ. ނަމަވެސް ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ޕެންޑްރައިވްގައި ހުރި މައުލޫމާތުތަކަށް ބެލުމަށް ފަހު ކަމަށް ބުނެ އަފާފްގެ މައްޗަށް ކުރި ދައުވާ ދައުލަތުން ވަނީ އަނބުރާ ގެނެސްފަ އެވެ.

އެ ވިދާޅުވާ ޕެންޑުރައިވްގައި ހުރި ކަމަށް ބުނާ މައުލޫމާތު ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިއްވާފަ އެވެ.

ދައުލަތުން ބުނެފައި ވަނީ އެ ޕެންޑްރައިވްގައި ވަނީ ދައުލަތުގެ އިސްވެރިންނަށް ހަމަލާދޭން ރާވާފައިވާ ޕްލޭނެއް ކަމަށެވެ. ނާޒިމް އިސްކޮށް ހުންނަވައިގެން ރާވާފައިވާ އެ ޕްލޭން ތަންފީޒު ކުރަން ޚަރަދު ކުރަނީ ވިލާ އާއި އެސްޓީއޯ އިން ކަމަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި ބުނެފަ އެވެ.

އެ ޕްލޭންގައި ވަނީ ކުރީގެ ނައިބު ރައީސް އަދީބާއި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ހަމަލާދިނުމަށް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

އެ ހަމަލާ ދިނުމަށް މެލޭޝިއާ އިންނާއި ސިންގަޕޫރުން ބޭނުންވާ އެހީ ހޯދުމަށް "އެފްއޭ" ނަމަކަށް ކިޔާ މީހަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް ދައުލަތުން ވަނީ ބުނެފަ އެވެ. އަދި "ބޮޑުބޯޅަ" ކިޔާ މީހަކު ލައްވާ އޮޕަރޭންޝަނަށް ބޭނުންވާ ހަތިޔާރު ރާއްޖެ ގެނައުމަށް ރާވާފައި އޮތް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

މިވަރުގެ ސީރިއަސް ކަމެއް އެ ވިދާޅުވާ ޕެންޑްރައިވުން ފެނިފައިވާ ކަމަށް ދައުލަތުން ބުނެފައިވީ ނަމަވެސް ނާޒިމަށް 11 އަހަރުގެ ޖަލު ހުކުމް އިއްވިއިރު "ޕެންޑްރައިވްގެ ވާހަކައެއް" ނެތެވެ. އެ ޕެންޑްރައިވަށް ވީގޮތެއް ވެސް ނޭނގެ އެވެ. ހުކުމްގައި އެކަން ފާހަގަކޮށްފައި ނެތް އިރު، އެ ޕެންޑްރައިވްގައި ހުރި ކަންތައްތަކާ ބެހޭ ގޮތުން ހައިކޯޓު މަރުހަލާގައި އެއްވެސް ގޮތަކަށް ވާހަކަދައްކާފައެއް ނުވެއެވެ.

ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ސަރުކާރުގެ އިސްވެރިންނަށް ހަމަލާދޭން ރާވާފައިވާ ކަމަށް ދައުލަތުން ބުނާ އިރު، އެ މައްސަލާގައި މިހާތަނަށް އެސްޓީއޯގެ އެއްވެސް މުވައްޒަފަކު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައެއް ނެތެވެ. އެ ވިދާޅުވާ ވިލާގެ އެއްވެސް މުވައްޒަފަކާ އެކަމާ ގުޅޭ ގޮތުން ސުވާލުކޮށްފައެއް ނެތެވެ. އެ ވިދާޅުވާ "އެފްއޭ" ނަމަކަށް ކިޔާ މީހާ އާއި "ބޮޑުބޯޅަ" ނަމަކަށް ކިޔާ މީހާ ހޯދައި އެ ދެ މީހުންނާ ސުވާލުކޮށްފަ އެއް ނުވެ އެވެ. އެ މީހުން ރައީސް ޔާމީނާއި ދައުލަތުގެ އިސްވެރިންނަށް ހަމަލާދޭން އުޅޭ ކަމަށް ދައުލަތުން ބުނާއިރު، އެ ހާދިސާގެ ފަހުން ރައީސް ޔާމީން ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލީ އަދީބުކަން ވަނީ ޝަރީއަތަށް ސާބިތުވެފަ އެވެ. މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ދެ ފިސްތޯލަ އާއި ގޮވާތަކެތި އަދީބު ގެންގުޅުއްވިކަން ވަނީ ޝަރީއަތަށް ސާބިތުވެފަ އެވެ.

ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ އަދީބާއި ހުސައިން ވަހީދު ވިދާޅުވެގެން ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓަށް ފިސްތޯލަ ވެއްދީ އާސިފު ނަމަކަށްކިޔާ ފުލުހަކު ކަމަށެވެ. އަދި އެ ވާހަކަ ދޮގުކުރަން ކޮމިޝަނާ އޮފް ޕޮލިސް އާއި ޕްރޮސިކިއުޓާ ޖެނެރަލް އަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ސުއޫދު އެހެން ވިދާޅުވިފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު ނަވާޒާ އެ ސުވާލުކުރުމުން އެކަން ދޮގުކުރައްވާފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.

ސުއޫދު ވިދާޅުވީ އެ ފިސްތޯލައިގައި މީހެއްގެ ފިންގާޕްރިންޓު ހުރިކަން ފުލުހުންނަށް އެނގޭތީ އެކަން ބަލައި ތަހުލީލުކޮށްފައި ނުވާ މައްސަލަ ހައިކޯޓުގައި ވެސް އޭނާ ފާހަގަ ކުރައްވާފައިވާނެ ކަމަށެވެ. އެގޮތަށް ފާހަގަކޮށްފައި ވަނިކޮށް ފުލުހުންނަށް އެ ފިސްތޯލައިން ނާޒިމް ނޫން އެހެން މީހެއްގެ ފިންގާޕްރިންޓް ފެނިގެން ދިޔުމަކީ އެ މައްސަލައިގެ ނިމުން ކަމަށް ސުއޫދު ވަނީ ވިދާޅުވެފަ އެވެ.

ނާޒިމްގެ މައްޗަށް ކުށް ސާބިތުވެފައި ވަނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓުން ފިސްތޯލައެއް ފެނިފައިވާ ކަމަށް އެ ގެއަށް ވަން ފުލުހުން ހެކިބަސްދީފައި ވާތީ އާއި އެ ފިސްތޯލަ އެ ގެއަށް ވަން ގޮތެއް ނާޒިމަށް ސާބިތުކޮށް ނުދެވުމުން ކަމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުުގައިވެ އެވެ. އެ ހުކުމަށް ބަލާއިރު އެ ގެއިން ފެނުނީ ކިހިނެތް އެ ގެއަށް ވަން ފިސްތޯލައެއްކަން އެނގެން ނެތެވެ.

މިފަދަ ކަންތައްތަކަށް ބަލާއިރު، ކާނަލް ނާޒިމްގެ މައްޗަށް ދައުވާ އުފުލައި ހުކުމް އިއްވާފައި ވަނީ ފުރިހަމަނުވާ ތަހުގީގެއްގެ މައްޗަށްކަން ނުބުނެވޭނެ އެއްވެސް ސަބަބެއް ނެތެވެ.

comment ކޮމެންޓް