ނާޒިމް ހައްޔަރުކޮށްފި

ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިރޭ ހައްޔަރުކޮށްފި އެވެ.

ނާޒިމް ހައްޔަރު ކުރީ އެމަނިކުފާނުގެ އަނބިކަނބަލުންގެ ގެ، ގ. އެނިފް ދިރިއުޅުއްވަމުން ދަނިކޮށް މިރޭ މެންދަރު 1:15 އެހާކަންހާއިރު އެވެ. ކޯޓު އަމަރެއްގެ ދަށުން ނާޒިމް މިރޭ ހައްޔަރުކޮށްގެން ގެންދިޔައީ ތަހުގީގީ ޖަލު، ދޫނިދޫއަށެވެ.

ގ. އެނިފް ގެއިން ފުލުހުންނާއެކު ނާޒިމް ނުކުމެވަޑައިގެންނެވިއިރު، އޭނާގެ ގާނޫނީ ވަކީލަކަށް ހުންނެވީ ރައީސް މައުމޫނާއި ރައީސް އަބްދުﷲ ޔާމީންނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދެވެ.
ނާޒިމް ހައްޔަރުކޮށްގެން ގެންދަތީ އޭނާގެ ސަޕޯޓަރުންނަށް ހަނާ އަޅާނީ-- ސަން ފޮޓޯ/ އަލީ ނަސީރު

ނާޒިމްގެ މިރޭ ހައްޔަރުކޮށްފައި ވަނީ އޭނާގެ ގެއިން ހަތިޔާރު ފެނުނުތާ 23 ދުވަސް ފަހުންނެވެ. ނާޒިމްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅީ މިއަދު އެވެ.

ނާޒިމް ދިރިއުޅުއްވާ ގެއަށް ފުލުހުން ވަނުމުން، ނާޒިމް ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ ޕީޕީއެމުން އޭނާ ވަކިވެވަޑައިގެންފައިވާ ކަމަށެވެ.

ނާޒިމްގެ އަނބިކަނބަލުންގެ ގެއަށް މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ މެންދަމު 3:15ގައި ވަދެ، ބަލައި ފާސްކުރިއިރު، ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި މެގަޒިނަކާއި ތިން ވަޒަންގެ އިތުރުން އިމްޕްރޮވައިޒްޑް އެކްޕްލޯސިވް ޑިވައިސް (އައިއީޑީއެއް) ފެނިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެފައިވެ އެވެ.
ނާޒިމް ހައްޔަރުކޮށްގެން ފުލުހުންގެ ލޯންޗަށް އަރުވައިގެން ގެންދަނީ-- ސަން ފޮޓޯ/ އަލީ ނަސީރު

ނާޒިމްގެ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިޔަ ވަގުތު ޖުމްހޫރީ މައިދާން ސަރަހައްދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ދެ މީހަކު ހައްޔަރު ކުރި އެވެ. ހައްޔަރު ކުރީ ސަރުކާރަށް ތާއިދު ކުރާ މީހަކާއި އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު