ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އައިއީޑީއެއް ގޮއްވާލިކަން ސާބިތުވެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު 15 އަހަރަށް އަދި އެމަނިކުފާނުގެ ކުރީގެ ދެ ބޮޑީގާޑުން 10 އަހަރަށް ޖަލަށްލުމަށް ދާދިދެންމެ ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ދިހަ އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވި އަދީބުގެ ދެ ބޮޑީގާޑުންނަކީ މއ. ސިގްމާ ހަސަން ރިކާޒާއި ލ. ދަނބިދޫ އަފްޒާ އަހުމަދު އާމިރެވެ.
ގައުމީ ސަލާމަތައް ނުރައްކާވެދާނެ ކަމަށް ބުނެ ހުކުމް އިއްވީ ސިއްރުން ބޭއްވި އަޑުއެހުމެއްގަ އެވެ.
އަދީބުގެ މައްޗަށް އެ ހުކުމް އައީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވުމުންނެވެ. ޓެރަރިޒަމްގެ ދައުވާ އުފުލީ އެ އައިއީޑީ ގޮވުމުގެ ސަބަބުން ލޯންޗުކޮޅަށާއި ލޯންޗުކޮޅުން ދަތުރުކުރެއްވި ފަރާތްތަކަށް ގެއްލުންވެފައިވާތީ އެވެ. ދެ ބޮޑީގާޑުންނަށް ހުކުމް އައީ އަދީބާ އެކު އެކަމުގައި ބައިވެރިވެފައިވާކަން ސާބިތުވުމުންނެވެ.
އަދީބަށް އިއްވާފައި ވަނީ ކުރީގެ ޓެރަރިޒަމް ގާނޫނުގައި އެކުށަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބެވެ. އަދި ރިކާޒާއި އާމިރަށް އިއްވާފައި ވަނީ އެކުށަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަބެވެ.
ރިޔާސީ ލޯންޗުކޮޅުގައި ގޮއްވާލި އައިއީޑީ އަދީބު ތައްޔާރުކުރީ ސިފައިންގެ މީހަކު ލައްވާކަން މިރޭ ވަނީ ޝަރީއަތަށް ސާބިތުވެފަ އެވެ. އެ ސިފައިންގެ މީހާ ވަނީ މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި ސިއްރުން ހެކިބަސް ދީފައި ކަން ހިނގާދިޔަގޮތް ތަފްސީލުކޮށް ކިޔައިދީފަ އެވެ.
މީގެކުރިން ބޭއްވި އަޑުއެހުމެއްގައި ސިއްރުން ހެކި ބަސް ދިން ސިފައިންގެ މީހަކު ބުނެފައި ވަނީ އަދީބުގެ އެދިވަޑައިގަތުމަށް އޭނާ އައިއީޑީއެއް ތައްޔާރުކޮށް އެމަނިކުފާނާ ހަވާލުކޮށްފައިވާނެ ކަމަށެވެ. އެއައިއީޑީ ތައްޔާރު ކުރީ ރެހެންދި ފްލެޓުގައި ހުންނަ އަދީބުގެ އެޕާޓުމެންޓުގައި އެކި ފިޔަވަހިތަކަށް ބަހާލައިގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެއައިއީޑީ ތައްޔާރު ކުރަނީ ގަލްފް ކްރާފްޓް ލޯންޗެއް ގޮއްވާލަން ކަމަށް އަދީބު ވިދާޅުވި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ލޯންޗުކޮޅު ހާދިސާއަށް ފަހު ފޯނުން ގުޅުއްވައި އޭގައި ގޮވީ އޭނާ ތައްޔާރުކޮށްދިން އައިއީޑީ ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށް ވެސް ސިއްރުން ހެކި ބަސް ދިން އެސިފައިންގެ މީހާ ވަނީ ބުނެފަ އެވެ.
ހެކިބަސް ދެމުން އެ ސިފައިންގެ މީހާ ބުނީ ލޯންޗުކޮޅުގައި ހަރުކުރި އައިއީޑީ ފުރަތަމަ އޭނާ ތައްޔާރުކުރީ ވަރަށް ބާރުގަދަކޮށް ކަމަށެވެ. އަދި ބުނީ އަދީބުގެ ވާހަކަފުޅުތައް ހުންނެވި ގޮތުން ކުރިން ހެދި އައިއީޑީއަށް ވުރެ ބާރުދަށް އެއްޗެއް ތައްޔާރުކުރި ކަމަށެވެ.
ލޯންޗުކޮޅު ހާދިސާއަށް ފަހު އޭނާ އަށް ގުޅުއްވައި ސައިލެންޓުކޮށް ހުރުމަށާއި ފުލުހުން ތިމަން މަނިކުފާނޭ ކިޔައިގެން ސުވާލު ކުރިޔަސް ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ރައްޓެހިކަމަކީ ހަވާއެރުވުމުގެ ކަންތަކާ ގުޅިގެން އުފެދިފައިވާ ރަހުމަތްރެރިކަމެއް ކަމަށް ފުލުހުން ގާތު ބުނުމަށް އަދީބު އެދިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ސިފައިންގެ އެމީހާއަށް އިޝާރާތްކޮށް އޭނާއަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި އެއީ ފިނިފެންމާ ކަންތަކާ ގުޅުމެއް އޮތް މީހެއް ނޫން ކަމަށް ފޯނުން ގުޅުއްވައި އަދީބު ވިދާޅުވި ކަމަށް ދެފުލުހަކު ވަނީ ސިއްރުން ހެކިބަސް ދީފަ އެވެ.
މައްސަލަ ހިނގާފައިވާ ގޮތުގެ ތަފްސީލް:
- އެ މައްސަލާގައި އަދީބު ހައްޔަރުކޮށްފައި ވަނީ 24 އޮކްޓޯބަރު 2015 ވަނަ ދުވަހު ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި މާލެ ވަޑައިގަތްތަނުން.
- އަދީބު ހައްޔަރުކުރީ އެމަނިކުފާނު ދަތުރުކުރެއްވި މަތިންދާ ބޯޓު އެއާޕޯޓުގައި ޖެއްސުމާ އެކު ބޯޓު ކައިރިއަށް ސަލާމަތީ ބާރުތަކުން ޚާއްސަ ވެހިކަލެއްގައި ގޮސް.
- ތަހުގީގު ނިންމައި މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ 24 ފެބްރުއަރީ 2016 ވަނަ ދުވަހު.
- ރިކާޒާއި އާމިރު ހައްޔަރުކުރީ ގިނަ ދުވަސްތަކެއް ވަންދެން ސިފައިންގެ ބަންދުގައި ބޭތިއްބުމަށްފަހު ސިފައިންގެ ބަންދުން ދޫކޮށްލުމުން ފެބްރުއަރީ މަހުގެ ތެރޭގައި.
- އެ މައްސަލަ ޝަރީއަތަށް ފޮނުވާފައި ވަނީ 14 މާޗް 2016 ވަނަ ދުވަހު.
- އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު.
- އެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުން.
- އެ ބެންޗުގައި ހިމެނިވަޑައިގެންނެވީ ގާޒީ އަހުމަދު ރަޝީދު އާއި ގާޒީ އިބްރާހީމް އަލީ އަދި ގާޒީ ސައީދު އިބްރާހީމް.
- އެ މައްސަލައިގެ ހެކިބަސް ނަގަން ތާވަލްކޮށްފައި ވަނިކޮށް ބެންޗު އުވާލައި ގާޒީ ބާރީ ވަނީ މައްސަލަ ނަންގަވާފަ.
- ބާރީ މައްސަލައާ ހަވާލުވި ހިސާބުން ކުރިއަށްވުރެ ބާރު ސްޕީޑުގައި މައްސަލަ ކުރިއަށް ގެންގޮސްފައިވޭ.
- އެ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހަޅާފައި ވަނީ 7 ޖޫން 2016 ވަނަ ދުވަހު.