އަދީބު، ޖަމީލަށް: މަޝްހޫރުވާން އަޅުގަނޑުގެ ނަން ބޭނުން ނުކުރޭ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ޑރ. މުހައްމަދު ޖަމީލު އަހުމަދު: އޭނާ ވަނީ ސިޔާސީގޮތުން ނަފްސު މަޝްހޫރުވާން އޭނާގެ ނަން ބޭނުން ނުކުރަން އެދެފައި --- ސަން ފައިލް ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ސިޔާސީ ގޮތުން މަޝްހޫރުވުމަށްޓަކައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ނަން ބޭނުންނުކުރުމަށް އޭނާ އެދިވަޑައިގެންފިއެވެ.

ޔާމީން އުފައްދަވާފައިވާ އައު ސިޔާސީ ޕާޓީ، ޕީއެންއެފްއިން ބާއްވާ ޖަގަހަ ޖަލްސާތަކުގައި ޖަމީލާއި އެ ޕާޓީގެ ލީޑަޝިޕްގެ އިސް ބޭފުޅުން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަދީބު ބައްދަލުކުރައްވާ ކަމަށް ތުހުމަތުތަކެއް ކުރަމުންނެވެ. އަދި ރައީސް ދާދިފަހުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ވެސް އަދީބާ ބައްދަލުކުރެއްވި ކަމަށް ތުހުމަތު ކުރެއެވެ. ރައީސް ޔާމީން ވެސް ވަނީ ރައީސް މުއިއްޒު، އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ނެންގެވިކަމަށާއި އަދީބާ ރައީސް މުއިއްޒާ ދެބޭފުޅުންގެ މެދުގައި ގާތް ގުޅުމެއް އޮތްކަމަށް ވެސް ވިދާޅުވެފައެވެ.

ޕީއެންއެފުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަދީބު މިއަދު ވިދާޅުވީ، 2015ވަނަ އަހަރު އޭނާ ހުރަގޭގައި އޮއްވާ، ރައީސް ޔާމީންގެ ވެރިކަން ވައްޓާލީ، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ކިޔާ ހަރަކާތެއް އުފައްދައިގެން ކަމަށެވެ. އަދި އެ ހަރަކާތުގެ އެޑްވައިޒަރަކަށް ހުރީ އަދީބު ކަމަށާއި، އެ ހަރަކާތުގެ ރައީސަކަށް ހުންނެވީ ޖަމީލު ނޫންތޯ އަދީބު ވަނީ ސުވާލު އުފައްދާފައެވެ.

އެމްޔޫއޯ ހަރަކާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އޭރު އިދިކޮޅު ފަރާތްތަކުން އެކުލަވާލި ސިޔާސީ ހަރަކާތެކެވެ.

އަދީބު ވަނީ ރައީސް މުއިއްޒާ އޭނާ ބައްދަލުކުރެއްވި ކަމަށް ބުނާ ބުނުން ވެސް ދޮގުކުރައްވާފައެވެ.

ސިޔާސީގޮތުން ތިމާގެ ނަފްސު މަޝްހޫރު ކުރުވުމަށް އަޅުގަނޑުގެ ނަން ބޭނުން ނުކުރެއްވުން އެދެން! ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ރައީސް މުއިއްޒާއި އަދީބާ ދެމެދު ގާތް ގުޅުމެއް އޮންނަކަމަށް ތުހުމަތުކޮށް ދެކެވޭ ވާހަކަތައް އެމަނިކުފާނު ވެސް ވަނީ ދޮގުކުރައްވާފައެވެ. އަދި އެމަނިކުފާނު މި ފަހުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވިއިރު، އަދީބާއި ބައްދަލުކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނާ އެންމެ އަރިސް ބޭފުޅެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ވަޒީރުކަމުގަ އާއި ނައިބު ރައީސްކަމުގައި ހުންނެވިއިރު ވެސް އަދީބު އެންމެ ރުޅި އަންނަ އެއް ބޭފުޅަކަށް ރައީސް މުއިއްޒު ވާނެކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ދެބޭފުޅުންގެ ދެމެދުގައި މާ ޚާއްސަ ގުޅުމެއް އެއް އިރަކު ވެސް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ހިންގިކަން ސާބިތު ވެފައިވާ އަދީބަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިދިޔަ ދައުރުގައި މައާފު ދެއްވައިފައެވެ.

comment ކޮމެންޓް