ފިނިފެންމާ މައްސަލައިގައި އަދީބާއި ސިފައިންގެ ބައެއްގެ މައްޗަށް ދައުވާ އުފުލައިފި

ފިނިފެންމާ ހާދިސާއާ ގުޅިގެން ދައުވާ އުފުލާފައިވާ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު (ކ)، އަޙްމަދު ފަޔާޟް، އަހްމަދު އާމިރު، ހަސަން ރިކާޒު، އަހްމަދު ތިހާމް އަދި މޫސާ ޒަމީރު (ވ) -- ސަން ފައިލް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތުހުމަތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާއި ސިފައިންގެ ބައެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

އަދީބުގެ އިތުރުން އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ އެމަނިކުފާނުގެ ދެ ބޮޑީގާޑުން ކަމުގައިވާ ސާޖަންޓު ހަސަން ރިކާޒާއި ކޯޕްރަލް އަހްމަދު އާމިރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީގެ ކުރީގެ އިންޗާޖު ކާނަލް އަހްމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) އާއި ލެފްޓިނެންޓު އަހްމަދު ތިހާމްގެ އިތުރުން ސާޖަންޓު މޫސާ ޒަމީރުގެ މައްޗަށެވެ.

އެ މައްސަލާގައި އަދީބުގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ.

ރިކާޒާއި އާމިރުގެ މައްޗަށް އުފުލާފައި ވަނީ ހަމައެކަނި ޓެރަރިޒަމްގެ ދައުވާއެވެ. ޕާޕާގެ މައްޗަށް ވެސް އުފުލާފައި ވަނީ ދެ ދައުވާ އެކެވެ. އެއީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.

ޒަމީރާއި ތިހާމްގެ މައްޗަށް އުފުލާފައި ވަނީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެކަންޏެވެ.

ޓެރަރިޒަމްގެ ދައުވާ އުފުލި ސަބަބުތައް:

  • އަހްމަދު އަދީބާއި ހަސަން ރިކާޒާއި އަހްމަދު އާމިރު ވެގެން 27 ސެޕްޓެމްބަރު 2015 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އައިއީޑީއެއް ހަރުކޮށްފައިވާތީ.
  • 28 ސެޕްޓެމްބަރު 2015 ވަނަ ދުވަހުގެ 8:00 ހާއިރު ރިޔާސީ ލޯންޗުކޮޅު މާލޭގެ އިއްޒުއްދީން ފާލަމާ ގާތްކުރިވަގުތު، އޭގައި ހަރުކޮށްފައިވާ އައިއީޑީ ގޮވުމުގެ ސަބަބުން ލޯންޗުކޮޅުން ދަތުރުކުރެއްވި އެކި ފަރާތްތަކަށް އަނިޔާވެފައިވާތީ އާއި ލޯންޗުކޮޅަށް ގެއްލުންވެފައިވާތީ.

ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ގާނޫނު ނަންބަރު 90/10 ގެ 2 ވަނަ މާއްދާގެ (ހ) އާއި (ރ) އާއި (ބ) އާއި (ކ)އާ ހަވާލާދީ އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލި ސަބަބު:

  • އިތުރު ބަޔަކާ ބައިވެރިވެގެން އަހްމަދު އަދީބު 27 ސެޕްޓެމްބަރު 2015 ވަނަ ދުވަހުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ އަށް ޚާއްސަކުރެވިފައިވާ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އައިއީޑީ އެއް ހަރުކުރުމަށްޓަކައި އަދީބަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ބޭނުންކޮށްގެން އެ ލޯންޗަށް އަރާފައިވާތީ.

އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.

ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ އުފުލި ސަބަބު:

  • 28 ސެޕްޓެމްބަރު 2015 ވަނަ ދުވަހުގެ ހެނދުނު 8:00 ހާއިރު ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" މާލޭގެ ޢިއްޒުންދީން ފާލަމާ ގާތްކުރި ވަގުތު ލޯންޗުކޮޅުގެ ތެރެއިން އެއްޗެއް ގޮވައި ލޯންޗުކޮޅުން ދަތުރުކުރި ފަރާތްތަކަށް އަނިޔާވެ ލޯންޗުކޮޅަށް ގެއްލުންވި ހާދިސާ ތަޙްޤީޤުކުރުމުގެ ގޮތުން ސީނަށް ދިޔަ ފުލުހުންނަށް ލޯންޗުކޮޅަށް އެރުން މަނާކޮށް ފުލުހުންގެ ވާޖިބުއަދާކުރުމަށް ހުރަސްއަޅާފައިވާތީ.

އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 232 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.

އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ އުފުލި ސަބަބު:

  • ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއްގޮވައި އޭގެއިން ދަތުރުކުރި މީހުންނަށް އަނިޔާވެ ލޯންޗުކޮޅަށް ގެއްލުންވި ހާދިސާއާ ގުޅިގެން އަހްމަދު ފަޔާޒު އަލީ ރިޒާ އެ ސަރަހައްދަށް ގޮސް އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ސިފައިންނަށް އަމުރުމައުރޫފް ހިންގައި އެތަން އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްފަހު ކުށުގެ ވެށި ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާގޮތުގައި އަޅާފައިނުވާތީ.
  • އަހްމަދު ފަޔާޒު އަލީ ރިޒާގެ އަމުރަށް އަހްމަދު ތިހާމާއި މޫސާ ޒަމީރު ލޯންޗުކޮޅަށް އަރައި ކުށުގެ ވެށިން ތަކެތި ނެގުމުގައި ކަމާގުޅުންހުރި ވަސީލަތްތައް ބޭނުންކުރުމަކާ ނުލައި އެއްވެސް ރައްކާތެރިކަމެއް ނެތި މައްސަލައިގެ ހެކީގެގޮތުގައި ބޭނުންކުރެވިދާނެ އެއްޗިހި ކުށުގެވެށިން ނަގައިގެން ގެންގޮސްފައިވާތީ.

އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު ފަރާތްތަކެއްގެ މައްޗަށް ދައުވާކުރުމަށްޓަކައި އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

comment ކޮމެންޓް