ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލުމުގެ ދައުވާއާ ގުޅިގެން ގާނޫނީ ވަކީލަކު ހަމަޖައްސަން ހަތް ދުވަހުގެ މުއްދަތެއް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާއި އެމަނިކުފާނުގެ ދެ ބޮޑީގާޑުން ކަމުގައިވާ ލ. ދަނބިދޫ، އަފްޒާ އަހްމަދު އާމިރާއި މއ. ސިގްމާ ހަސަން ރިކާޒަށް ކްރިމިނަލް ކޯޓުން ދީފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، 27 ސެޕްޓެމްބަރު 2015 ދުވަހުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަކުރެވިފައިވާ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އައިއީޑީ އެއް، އަދީބާއި ރިކާޒާއި އާމިރު ބައިވެރިވެގެން ހަރުކޮށްފައިވާ ކަމަށެވެ. އަދި 28 ސެޕްޓެމްބަރު 2015 ދުވަހުގެ ހެނދުނު 8:00 އެހައިކަންހާއިރު ރިޔާސީ ލޯންޗުކޮޅު މާލޭގެ އިއްޒުންދީން ފާލަމާ ގާތްކުރި ވަގުތު ލޯންޗުކޮޅުގައި ހަރުކޮށްފައިވާ އައިއީޑީ ގޮވުމުގެ ސަބަބުން ލޯންޗުކޮޅުން ދަތުރުކުރި އެކި ފަރާތްތަކަށް އަނިޔާވެފައިވާއިރު ލޯންޗުކޮޅަށް ގެއްލުންވެފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.
ދައުވާ ސާފުވެއްޖެތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރުމުން އަދީބު ވިދާޅުވީ ދައުވާ ސާފުވެއްޖެކަން ނުވަތަ ނޫންކަން ވެސް ދެންނެވޭނީ ވަކީލެއްގެ ހާޒިރުގައި ކަމަށެވެ.
ރިކާޒާއި އާމިރު ވެސް ބުނީ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލެއްގެ އެހީތެރިކަމާ އެކު ކަމަށެވެ.
އެ ދައުވާ އުފުލާފައި ވަނީ ކުރީގެ ޓެރަރިޒަމް ގާނޫނުގެ ގެ ދެ ވަނަ މާއްދާގެ (ހ) އާއި (ރ) އާއި (ބ) އާއި (ކ)އާ ހަވާލާދީ، އެގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
އެ މައްސަލަ ވެސް ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އަހްމަދު ރަޝީދާއި ގާޒީ ސައީދު އިބްރާހީމް އަދި ގާޒީ އިބްރާހީމް އަލީ އެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ގާޒީ އަހްމަދު ރަޝީދެވެ.
އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.