ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގު ނިންމައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ، އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިއަދު ކަމަށެވެ.
އަދީބުގެ އިތުރުން އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވި މީހުންގެ މައުލޫމާތު އަދި ސާފެއް ނުވެއެވެ.
އދ. މަހިބަދޫގައި ރައްކާތެރި ބޯފެނުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ، ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ ބައިވެރިވެވަޑައިގަތުން ނެތް ކަމަށް ހެދުމަކީ ނެތް ގޮތެއް ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށް ބޮޑީގާޑެއްގެ ފަރާތުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ.
އެ މައްސަލަ ބެލުމަށް ރައީސް ޔާމީން އެކުލަވާލެއްވި ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، އެއީ ސީދާ ރައީސް ޔާމީން އަވާހަރަކޮށްލަންދީފައިވާ ހަމަލާއެއް ކަމަށެވެ.
އުމަރު ވިދާޅުވީ، ލޯންޗުކޮޅުގެ ހާދިސާގައި އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ހެކިތައް އެބަހުރި ކަމަށެވެ.