ތިރީސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހުރަވީ ބިލްޑިންގުން ކޮންކުރިޓް ގަނޑެއް ވެއްޓި ދުވަސްވީ މީހަކަށް އަނިޔާވެއްޖެ އެވެ.
މަންޒަރު ދުށް މީހަކު މިއަދު ސަން އަށް ބުނީ މިއަދު 1:30 އެހާކަންހާއިރު ހުކުރު މިސްކިތާއި ހުރަވީ ބިލްޑިންއާ ދޭތެރެއަށް އެކޮންކުރިޓްގަނޑު ވެއްޓުނު އިރު އެތަނުގައި ހުރި ދުވަސްވީ މީހެއްގެ ގައިގައި ޖެހި އޭނާ އަށް އަނިޔާވެފައިވާ ކަމަށެވެ.
"ބޮޑަށް ބެލެވެނީ އެބޭބެގެ ކޮނޑަށް ކަމަށް ގެއްލުންވީ، ކޮނޑުގައި ރިއްސާތީ އުޅުނީ، މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި." އޭނާ ބުންޏެވެ.

ހުރަވީ ބިލްޑިން އިމާރާތުން ކޮންކުރިޓްގަނޑު ވެއްޓިފައި-- ސަން ފޮޓޯ: ހާފިޒް
އެކަމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތެއްގެ ބަހެއް އަދި ވަނީ ލިބޭގޮތްނުވެފަ އެވެ.
ސަރުކާރުގެ އެތައް އިދާރާއެއް ހިންގާ ހުރަވީ ބިލްޑިން އަކީ ވަރަށް ބޮޑަށްބާވެފައިވާ އިމާރާތަކެވެ. އެ އިމާރާތަށް އަވަސް މަރާމާތުތަކެއް ބޭނުންވެ އެވެ.