ފުލެޓު ލިސްޓު މި މަހު އާންމުކުރައްވާނެ ކަމަށާއި ސެޕްޓެމްބަރު މަހު ފުލެޓުތައް ދޫކޮށް ވެސް ނިންމާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ފުލެޓުތަކުގެ ލިސްޓާ މެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުމާ އެއްކޮށް، ލިސްޓުގެ ސައްހަކަން ކަށަވަރުކުރުން އޮތީ މި ސަރުކާރަށް ހައްލު ކުރަން ޖެހިފައިވާ 'ބޮޑު ހައްސާސީ' މައްސަލައެއް ގޮތުގައި ކަމަށެވެ.
"މާތް ﷲ އިރާދަފުޅާ އެކު، ލިސްޓުގެ ސައްޙަކަން ބެލުމަށް ކުރަމުންދާ މަސައްކަތް ނިމި، މި މަހުގެ ތެރޭގައި ލިސްޓު އާންމު ކުރެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
އެ މަޝްރޫއުގެ ދަށުން ފްލެޓުތައް ނިމެމުންދާ ވަރަކަށް، އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރީގައި ހުރިހާ ފްލެޓުތަކެއް އޭގެ ހައްގުވެރީންނަށް ހަވާލުކޮށް ނިންމާލެވޭނެކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ.
އިތުރަށް ވާހަކަދައްކަވަމުން އެ މަނިކުފާނު ވަނީ، ކ. ގުޅީފަޅުގައި އަލަށް 4،000 ސޯޝަލް ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއެއް މި އަހަރު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. ބޯހިޔާވަހިކަމަށް އިތުރު ޖާގަ ފަހިކުރުމަށް އުތުރުތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް މި އަހަރު ފެށޭނެކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މާލެއާއި ވިލިމާލޭގެ އިތުރަށް ހުޅުމާލޭގައި މި އަހަރު ސޯޝަލް ހައުސިންގެ އާ މަޝްރޫއުތަކެއް ފެށޭނެކަން އެ މަނިކުފާނު ވަނީ އިއުލާނުކުރައްވާފައެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ 4،000 ފުލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އެ ސަރުކާރުގެ ފަހުކޮޅު ނެރުނެވެ. ނަމަވެސް، ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޖިނާއީ ތަހުގީގެއް ފެށިއެވެ.
އެ މައްސަލަތަކާ ގުޅޭ ގޮތުން ގޮތް ނިންމަން އޭސީސީން ހައުސިން މިނިސްޓްރީއާ ހަވާލުކުރުމުން، މި ސަރުކާރުން ފުލެޓު ލިސްޓު މުރާޖާ ކުރަން ކޮމިޓީއެއް އެކުލަވައިލީއެވެ. އެ ކޮމިޓީން ބަލައި، ލިސްޓު އާންމުކުރަން އެކި ތާރީޚުތައް ދީފައިވެއެވެ.