ފްލެޓު ލިސްޓު އިވެލުއޭޓް ކުރުމުގައި ކައުންސިލް ބައިވެރިއެއް ނުކުރޭ؛ އެއީ އިންސާފެއް ނޫން: އާޒިމް

މާލޭގެ މޭޔަރު އާދަމް އާޒިމް: ވިދާޅުވީ ފްލެޓު ލިސްޓު އިވެލުއޭޓް ކުރުމުގައި ކައުންސިލް ބައިވެރިއެއް ނުކުރާ ކަމަށް -- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުން ގޯތިދިނުމަށް ނިންމައި، އާންމުކުރި ލިސްޓުގައި ހިމެނޭ މީހުންގެ ފޯމުތައް އިވެލުއޭޓް ކުރުމުގައި މާލެ ސިޓީ ކައުންސިލް އަދިވެސް ބައިވެރިނުކުރާ ކަމަށާއި، އެއީ އިންސާފުވެރިގޮތެއް ނޫންކަމަށް ވިދާޅުވެ, މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ރޭ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މާލޭގެ ރައްޔިތުންނަށް ފްލެޓު ދިނުމުގައި، އެ ރައްޔިތުންގެ ފަރާތުން ހޮވާފައި ތިބި ކައުންސިލަރުންގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން އޮތީ ވިދާޅުވެފައެވެ. އެ މަސައްކަތުގައި ހައުސިން މިނިސްޓްރީއާ އެކު މަސައްކަތް ކުރުމަށް މާލެ ސިޓީ ކައުންސިލްގެ ކޮމިޓީއެއް ވެސް ވަނީ އެކުލަވައިލާފައެވެ.

އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، ކޮމިޓީ އެކުލަވާލާފައި އޮތް ނަމަވެސް ފްލެޓް އިވެލުއޭޝަންގައި އެ ކޮމިޓީގެ ބައިވެރިވުމެއް އަދިވެސް ނެތް ކަމަށެވެ. މިހާރު އިވެލުއޭޝަން ހިނގަމުންދާކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އެހެންނަމަވެސް އެ ކައުންސިލަރުންގެ ބައިވެރިވުމެއް އެކަމުގައި ނެތި އެކަން ކުރަމުންދާތީ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ކައުންސިލަރުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އަޅުގަނޑުމެން އެދެމުން ދިޔައީ އިވެލުއޭޝަން މަރުހަލާގައި އަޅުގަނޑުމެން ކައުންސިލުން ތިބެންޖެހޭނެއޭ. އެއީ ކޮންމެ ގޮތެއް ވިޔަސް އެކަން ނިންމުމަށްފަހު މި އޮންނަނީ ލިސްޓޭ ކިޔާފައި ދެއްކިޔަސް އެ ލިސްޓު ރަނގަޅުވާނެ ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއީ އެކަން ހިނގަންވާނެ ގޮތެއް ކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ، ރައްޔިތުންނާ އެންމެ ކައިރިން މަސައްކަތްކުރާ ބަޔަކީ ކައުންސިލް ކަމަށެވެ. އެހެންކަމުން ކައުންސިލަރުންގެ ދާއިރާތަކުގެ ހާލަތު ވެސް އެންމެ ރަނގަޅަށް އެނގޭނީ އެ ކައުންސިލަރުންނަށް ކަމަށް މޭޔަރު ވިދާޅުވިއެވެ. ރައްޔިތުންގެ ހާލަތަށް ބެލުމަށް ފަހު ގެދޮރުވެރިކަން ދިނުމުގެ ސިސްޓަމެއް މިހާރު ހަދާފައި އޮތްއިރު، ރައްޔިތުންގެ ހާލަތަށް ބަލާފަ އެކަން ކުރާނަމަ ހާލަތު އެނގޭ ބަޔަކީ މާލެ ސިޓީ ކައުންސިލަރުން ނޫންތޯ މޭޔަރު ވަނީ ސުވާލުއުފައްދަވައިފައެވެ.

ކައުންސިލަރުންނަށް ނޭނގި ކައުންސިލަރުންގެ ދާއިރާތަކުގެ މީހުންގެ ގެދޮރުވެރިކަމުގެ ކަންތައްތަކެއް ނިންމުމަކީ އޭނާ ގަބޫލުކުރައްވާ ގޮތުގައި އިންސާފުވެރި ގޮތެއް ނޫން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އާޒިމް ވަނީ ފްލެޓް ލިސްޓް އިވެލުއޭޝަންގައި އެ ކައުންސިލް ބައިވެރިކުރުމަށް ގޮވައިލާފައެވެ.

އެހެންވީމަ އަޅުގަނޑު އެދެން އަނެއްކާ ވެސް މިކަމުގައި އިސްވެ އުޅުއްވާ ހުރިހާ ފަރާތްތަކެއްގެ އަރިހުން ވެސް މާލެ ސިޓީ ކައުންސިލުން ނެގިފައިވާ ކޮމިޓީ އޭގައި ބައިވެރިކުރާށޭ. ބައިވެރިކޮށްގެން އިވެލުއޭޝަން ކުރިއަށް ގެންދާށޭ. އެހެން ނޫނިއްޔާ އެންމެ އިންސާފުވެރިކޮށް ކަންތައް ދިޔަކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭނޭ، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ލިބޭ މީހުންގެ ލިސްޓު ކުރިން އާންމުކުރި ނަމަވެސް، އެ ލިސްޓުގައި ބޮޑެތި ގޯސްތަކެއް އުޅޭ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކުރިން އެކަން ހުއްޓުވިއެވެ.

އަދި އޭސީސީން ފެށި ޖިނާއީ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު މިދިޔަ ފެބްރުއަރީ މަހު އޭސީސީން ވަނީ ބައެއް ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.

އެފްޑީސީން ހުޅުމާލޭގައި އިމާރާތްކުރާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކުރުމުން ގިނަ ބަޔަކު ޝަކުވާ ހުށަހެޅިއެވެ. އެގޮތުން، އެ މައްސަލައިގައި އޭސީސީއަށް 325 ޝަކުވާއެއް ވަނީ ހުށަހަޅައިފައެވެ. އެއަށް ފަހު އޭސީސީން ފެށި ޖިނާއީ ތަހުގީގަށް ފަހު އެ ކޮމިޝަނުން ބުނީ، 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކަމަށްވާ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރާ ފުލެޓާއި ގޯތި ލިބުން ލަސްވާތީ މާލޭގެ ރައްޔިތުން ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.

comment ކޮމެންޓް