ޒާހިރަކީ ރާއްޖެ ނުދެކޭ ފަދަ، ދެވަނައެއް ނެތް ހިދުމަތްތެރިއެއް

ޒާހިރު ނަސީރަށް ނިޝާން އިއްޒުއްދީންގެ ލަގަބު އަރުވަނީ-- ފޮޓޯ: ރައީސް އޮފީސް

އެއީ ދަނޑުބޭރުގައި ހުރި އެންމެ ވަރުގަދަ ކުޅުންތެރިޔާ އެވެ. އެތައް ދިވެހިންނަކަށް ސިއްހީ ފަރުވާ ދެއްވި ޑޮކްޓަރެކެވެ. ޒަމާނީ ނޫސްވެރިކަމެއް ތައާރަފްކުރި ހިދުމަތްތެރިއެކެވެ. އިސްނެންގެވުމާއި މުރާލިކަމާއި ހިތްވަރާއި އުފެއްދުންތެރިކަމުގެ ލާމަސީލު ނަމޫނާ އެވެ. އެއީ ގައުމެއްގެ ގައުމީ ހަޔާތުގައި މަދުން ނޫނީ ނުފެންނަވަރުގެ ނަމޫނާ ޝަޚްސިއްޔަތެކެވެ. އެއީ މާފަންނު ފެންފިޔާޒުގެ ޑރ. މުހައްމަދު ޒާހިރު ނަސީރެވެ. އެމަނިކުފާނު އަވަހާރަވެއްޖެ އެވެ. ރޭގެ ފަތިސް ވަގުތު ދިވެހިން ހޭލެއްވީ އެ ހިތާމަވެރި ޚަބަރާއިގެންނެވެ.

ކުޅިވަރުގެ ދާއިރާ އިން މިގައުމު ދުށް އެންމެ ހިދުމަތްތެރިޔާ

އެމަނިކުފާނު ވަނީ 1952 ވަނަ އަހަރު ކުޅިވަރުގެ ދާއިރާ އިން އަލަށް ތައާރަފުކުރި ސްޕޯޓްސް ކޮމިޝަން، މުރުތަދިން އިރާދާގެ ސެކެޓަރީކަން ކުރައްވައިފަ އެވެ. ކުޅިވަރުތައް ތައާރަފްކުރެއްވުމާއި ގަވައިދު ހެއްދެވުން ފަދަ، ތަފާތު މަސައްކަތްތައް އެތާގައި ކުރެއްވި އެވެ. ހަމައެއާ އެކު މުސާރަފުޅު ކުޅިވަރަށް ހޭދަކުރެއްވި އެވެ. ކުޅިވަރުގެ އެކަޑަމީއެއް އުފައްދަވައި ކުޅިވަރުތަކަށް ޒުވާނުން ތަމްރީނު ކުރައްވައި ޒުވާން ކުޅުންތެރިން ދަނޑަށް ނެރުއްވި ބަތޮލެވެ. މާޒީގައި ދިވެހިން ދުށް ކުޅިވަރުގެ އަލިގަދަ ގިނަ ތަރިންތަކަކީ ޒާހިރު ނަސީރުގެ އުފެއްދުންތަކެވެ. މީގެ ހެއްކެއްގެ ގޮތުން ކުޅިވަރުގެ މަޝްހޫރު ޝަޚްސިއްޔަތު މޯނިން ސަން މޫސާ މަނިކު (ކުޑަމޫސަ) ފުދެ އެވެ.

ނަވާރަސަތޭކަ ހަތްދިޔަ ނުވަ ވަނަ އަހަރު އިންޑިއަން އޯޝަން ގޭމްސް އަށް ފުރަތަމަ ރާއްޖެ އިން ދިޔަ އިރު އެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވީ ޒާހިރެވެ. އެމަނިކުފާނަކީ އިންޑިއަން އޯޝަން ފައުންޑޭޝަންގެ ވެސް ފައުންޑާ މެމްބަރެކެވެ. ރާއްޖޭގެ ކުޅިވަރުތަކަށް ބައިނަލްއަގުވާމީ ދާއިރާ އިން މަގުކޮށައިދެއްވި ހިދުމަތްތެރިޔާ އެވެ. އެގޮތުން ފުޓްބޯޅައިގެ މައި އިދާރާ ފީފާ އާއި އިންޓަނޭޝަނަލް ބެޑްމިންޓަން އެސޯސިއޭޝަންގައި ރާއްޖެ ރަޖިސްޓަރީ ކުރެއްވުމުގެ މުގުލުގައި ހުންނެވީ ވެސް ޒާހިރު އެވެ.

ވަކިކުޅިވަރެއް ތަފާތު ނުކުރައްވައި ރާއްޖޭގައި ކުޅިވަރު އެސޯސިއޭޝަންތައް އުފައްދަވައި އެ އެސޯސިއޭޝަންތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ 1983ގައި އުފައްދަވައި އެ އިދާރާގެ ހުރިހާ ކަމެއްހެން ކުރެއްވީ ޒާހިރު ނަސީރެވެ. އެއީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ފުރަތަމަ ޗެއާމަން އެވެ. ރާއްޖޭގައި ފުރަތަމަ ފުޓްބޯޅަ ގަވައިދު ފޮތެއް ލިޔުއްވީ ވެސް އެމަނިކުފާނެވެ.

އެތައް ރޮނގަކުން ކުޅިވަރަށް ޚިދުމަތް ކުރެއްވި ޒާހިރު އަވަހާރަވި އިރު ހުންނެވީ އޮލިމްޕިކް ކޮމެޓީގެ އޮނެނަރީ ޕުރެޒިޑެންޓުގެ މަގާމުގަ އެވެ. އިސްވެ ދެންނެވި ހުރިހާ ވާހަކައަކީ ޒާހިރުގެ މަސައްކަތްޕުޅުގެ ނިސްބަތުގައި ވަރަށް ކުޑަކުޑަ މިންވަރެކެވެ. ޒާހިރަކީ ހަމައެކަނި ހިދުމަތްތެރިއެކޭ ބުނެ ނިންމާލެވޭކަށް ނެތެވެ. އެމަނިކުފާނަކީ ދިވެހި ކުޅިވަރުގެ ބައްޕަ އެވެ.

"ކުޅިވަރަށް ހިދުމަތްކުރިއްޔޭ ބުނީމާ ޒާހިރުގެ ހިދުމަތް ސިފައެއް ނުކުރެވޭ، ޒާހިރަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ބައްޕަ، ދިވެހި ރާއްޖެ މިހާތަނަށް ކުޅިވަރުގެ މުޅި ބިންގާ އެޅުއްވި ބޭފުޅަކީ ޒާހިރު. އެހެންވީމާ ދިވެހި ރާއްޖޭގެ ކުޅިވަރުގެ ބައްޕަ އެދިޔައީ،" އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަޙްމަދު މަރުޒޫޤް (މަރޭ) ވިދާޅުވި އެވެ.

މަރޭ ވިދާޅުވާ ގޮތުގައި ގެއްލިގެން އެދިޔައީ ވަރަށް ބޮޑު ހިދުމަތްތެރިއެކެވެ. "އެއީ ސިޔާސީ ގޮތުން ވަކިކޮޅެއް ނުނަންގަވައި، ވަރަށް ބޮޑު ހިދުމަތްތަކެއް ކުރެއްވި އަގުނުކުރެވޭވަރުގެ ބޭފުޅެއް" ކަމަށް މަރޭ ވިދާޅުވި އެވެ.

ހުރިހާ ބޭފުޅުންގެ ލޯބި ލިބިވަޑައިގެން މަސައްކަތްޕުޅު ކުރެއްވި ޒާހިރު ނަސީރު، ފަހުދުވަހާ ޖެހެންދެން ވެސް ކުޅިވަރުގެ ކަންތަކުގައި ލަފާ ދެއްވަމުން ގެންދެވި އެވެ. ކުރީގެ ކުޅިވަރުގެ ތާރީޚު ޑިޖިޓަލް ކުރުމުގެ ވާހަކަ މީގެ މަހެއްހާ ދުވަސް ކުރިން ވެސް ޒާހިރު ދެއްކެވި ކަމަށް މަރޭ ވިދާޅުވި އެވެ. ދޭތެރެދޭތެރެއިން ގުޅުއްވައި ކުޅިވަރުގެ ކަންކަން ކުރިއަށްދާ ގޮތް ފަހު ދުވަހާ ޖެހެންދެން ވެސް ބައްލަވަމުން ގެންދެވި ކަމަށާއި ހާއްސަކޮށް މުބާރާތެއް ފެށެން އުޅޭ ނަމަ ވަރަށް ގާތުން އެކަންކަން ބެއްލެވި ކަމަށް މަރޭ ވިދާޅުވި އެވެ.

"އެއްވެސް ޓީމެއް އެއްވެސް ކާމިޔާބެއް ހޯދައިފިކަން ނޫހުން އެނގިވަޑައިގަތަސް ގުޅުއްވާފައި އެ ޓީމަކަށް މަރުހަބާވިދާޅުވާ ވާހަކަ އަންގަވައި ދެއްވުމަށް އެދިވަޑައިގަންނަވަމުން ގެންދެވި،" ކަމަށް މަރޭ ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ވެސް ހިންގާލި ނަމެއް!

އެމަނިކުފާނަކީ ބައިގަރުނަށް ވުރެ ދިގު މުއްދަތެއްގައި ދިވެހި ނޫސްވެރިކަން ކުރައްވެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ނޫސްވެރިކަމުގެ ހަޔާތް ފެށިގެންއައީ ސިލޯނުގައި ކިޔަވާ ވިދާޅުވަން ހުންނެވި ދުވަސްވަރު ސެއިންޓް ޕީޓަސް ކޮލެޖުގެ "ޕީޓާ ރައިޓް" އަށް ލިޔުއްވަން ފެއްޓެވި ހިސާބުނެވެ. އެއަށް ފަހު ރާއްޖެ ވަޑައިގެން "ސަރުކާރު ހަބަރު" ނޫހަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވި އެވެ.

އެމަނިކުފާނުގެ ނޫސްވެރިކަމުގެ ހަޔާތްޕުޅުގައި ވަނީ އެތައް ނޫހެއް އުފައްދަވައި އެތައް ނޫހަކަށް ލިޔުއްވައިފަ އެވެ. އެންމެ ވިދާލި ނޫސްތައް ކަމަށްވާ އާފަތިހާއި ހަވީރު ނޫހުގެ އިތުރުން ގާޑިއަން އާއި ސަންލައިޓްގެ އިތުރުން މޫންލައިޓް ފަދަ ނޫސްތަކުގެ ސަފުހާތައް އެ މަނިކުފާނު ވަނީ ފުރުއްވައިފަ އެވެ.

"މޯނިންގް ސަން" އާއި، "ނިއުސް ލެޓާ"ގެ އިތުރުން "އެން އެސް އޭ ނިއުސް ލެޓާ" އާއި 1983 ގައި ނެރުނު "ޒުވާނުންގެ ގުޅުން". ފަދަ ނޫސްތަކަކީ އެމަނިކުފާނުގެ އުފެއްދުންތަކެކެވެ.

ރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ޖަނަލިޒަމް ކިޔަވައިދެއްވާ ސީނިއާ ލެކްޗަރާ، އަދި ކުރީގެ ނޫސްވެރިޔާ ޑރ. އަހުމަދު ޒަކީ ނާފިޒު ވިދާޅުވި ގޮތުގައި ޒާހިރުގެ ނޫސްވެރިކަމުގައި އެންމެ ފާހަގަކުރެވޭ ސިފައަކީ ކޮންމެ މަގާމެއްގައި ހުންނެވި ކަމުގައިވީ ނަމަވެސް ނޫސްތަކަށް ލިއުއްވާ ހަބަރުތައް އަބަދު ވެސް އަމިއްލަފުޅަށް ލިއުއްވުމަށް ވަގުތު ހޯއްދެވުމެވެ.

"ޒާހިރު ކުރައްވާ ކަމަކާ ގުޅޭ ގޮތުން މީޑިއާ އަށް ފޮނުވޭ ކޮންމެ ހަބަރަކީ ސީދާ އެ މަނިކުފާނުގެ އަތްޕުޅުން ލިއުއްވާފައި ފޮނުއްވާ ހަބަރު [ކަމަށާއި] ސަރުކާރުގެ ކިތަންމެ އިސް މަގާމެއް އަދާކުރައްވަމުން ގެންދެވިޔަސް، ޚަބަރު ލިއުއްވަން ވަގުތު ހޯއްދަވާ" ކަމަށް ޒަކީ ވިދާޅުވި އެވެ.

ޒަކީ ވިދާޅުވި ގޮތުގައި ޒާހިރަކީ ދިވެހި ނޫސްވެރިކަމުގެ ކުރީކޮޅުގައި މީހުންނަށް ނޫސްވެރިކަމުގެ ހުނަރާއި ވައްޓަފާޅި ދަސްކޮށް ދެއްވައި، "މޭޒުދޮށުން އިރުޝާދު" ދެއްވައި ޒަމާނީ ނޫސްވެރިކަމެއްގެ މަގު ދައްކަވައި އެކަމަށް ތަމްރީނު ކުރެއްވި ހިދުމަތްތެރިއެކެވެ.

ނޫސްވެރިކަމުގެ ރަންގަލަން ލިބިވަޑައިގެންފައިވާ ޒާހިރު ނަސީރަށް ވަނީ ނޫސްވެރިކަމުގެ ގައުމީ ޝަރަފު ވެސް ލިބިވަޑައިގެންފަ އެވެ. މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ޝަރަފު އެމަނިކުފާނަށް އެރުވީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ނެވެ.

ޑޮކްޓަރުކަން ކުރެއްވި

ޒާހިރު ލަންކާއަށް ވަޑައިގެން އެ ގައުމުން ވަނީ ސިއްހީ ދާއިރާ އިން ތައުލީމް ހާސިލް ކުރައްވައިފަ އެވެ. އޭރަކީ ރާއްޖޭގައި ދެތިން ޑޮކްޓަރުން ތިބި ޒަމާނެވެ. ގާތްގނޑަކަށް 1970 އިން ފެށިގެން 1980ގެ އަހަރުތަކާ ދެމެދު އެމަނިކުފާނު ވަނީ ހިލޭ ސާބަހަށް މީހުންނަށް ބޭސް ސިޓީ ލިޔެދެއްވައި، ސިއްހީ އިރުޝާދު ދެއްވައިފަ އެވެ. އޭރު މީހުން އެމަނިކުފާނަށް ކިޔަނީ ވެސް ޑޮކްޓަރެވެ.

ކޮންމެ ރެއަކު ޒާހިރު ބަލި މީހުން ބައްލަވަމުން ގެންދެވި އިރު އެއީ އެތައް ބަޔެއްގެ ތަރުހީބު ލިބުނު ކަމެކެވެ.

ސަރުކާރަށް ވެސް އެތައް ހިދުމަތެއްކުރެއްވި

ސަރުކާރުގެ ހިދުމަތްތަކަށް ބަލާ އިރު ވުޒާރަތުލް ދާހިލިއްޔާގެ ހާރިޖީ ވަކީލުގެ ސެކެޓަރީކަމާއި ފޮރިން ޑިޕާމްޓްމެންޓާއި ފިނޭންސް މިނިސްޓްރީގެ ސެކްރެޓަރީ ކަން ކުރެއްވި އެވެ. ހަމައެއާ އެކު މީޓްރޮލޮޖިކަލް އޮބްޒާވާގެ އިތުރުން ހެލްތު މިނިސްޓްރީގައި ވެސް ޚިދުމަތް ކުރެއްވި އެވެ. ހަމައެއާ އެކު މައުމޫން އަބްދުލްގައްޔޫމް ސަރުކާރުގައި ޒުވާނުންގެ ކުރިއެރުމާއި މުނިފޫހިފިލުވުމަށް ހިންގެވި ކަންކަމުގައި އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.

އެމަނިކުފާނަށް ވަނީ ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާ އިން 1979 ވަނަ އަހަރު ހިތްވަރުދިނުމުގެ އިނާމް ލިބިވަޑައިގެންފަ އެވެ. އަދި 1992 ވަނަ އަހަރު ޝަރަފްވެރިކަމުގެ އިނާމް ލިބިވަޑައިގެންފަ އެވެ. ދެހާސް އެރާރަ ވަނަ އަހަރު ނިޝާން އިއްޒުއްދީންގެ ލަގަބް ލިބިވަޑައިގެންފަ އެވެ. އޭގެ އިތުރުން ވެސް ގައުމީ އެފަދަ އެތައް އިނާމެއް ލިބިވަޑައިގަތެވެ. އެއީ މިގައުމު ނުދެކޭ ފަދަ ހިދުމަތްތެރިއެކެވެ.

ޒާހިރު އަޅުގަނޑުމެންނާ ވަކިވެވަޑައިގަތުން މިއަދު ވެފައި ވަނީ ގައުމީ ގޮތުން ފޫނުބެއްދޭ ބޮޑު ހުސްކަމަކަށެވެ. ދިވެހި ކުޅިވަރާއި ދިވެހި ނޫސްވެރިކަމާއި ދިވެހި ޒުވާނުންނަށް އިތުރު ޒާހިރު ނަސީރުންތަކެއް އަދި ވެސް ބޭނުން އެބަވެ އެވެ.

comment ކޮމެންޓް