ރާއްޖެއިން ނަމޫނާއަކަށް ބަލާ ސިންގަޕޫރުގެ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2021 އިން މިދިޔަ އަހަރުގެ ނިޔަލަށް ޕްރައިމަރީ ގްރޭޑްތަކުގެ ކޮންމެ 1،000 ދަރިވަރަކަށް އެވްރެޖްކޮށް ބުލީކުރުމުގެ ތިން މައްސަލަ އަދި ސެކަންޑަރީ ގްރޭޑްތަކުގެ ކޮންމެ 1،000 ދަރިވަރަކަށް އެވްރެޖްކޮށް އަށް މައްސަލަ ރިޕޯޓްކޮށްފައިވެއެވެ.
އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނާ ގޮތުގައި މިއީ 2019 އިން 2023 ގެ ނިޔަލަށް ރިޕޯޓްކޮށްފައިވާ އަދަދުތަކާ އަޅާބަލާއިރު އިތުރުވުމެކެވެ. ނަންބަރުތަކުން މި އެނގުނީ އެ ގައުމުގައި ދަރިވަރުންގެ މެދުގައި ނުރައްކާތެރި މައްސަލައެއް އިތުރުވަމުންދާ ކަމެވެ. އެހެންވެ, މިދިޔަ މަހުގެ 15ވަނަ ދުވަހު ސިންގަޕޫރުގައި، އެ ކަމަށް ހައްލެއްގެ ގޮތުގައި "ހަރުކަށި" ނިންމުމެއް ނިންމިއެވެ.
އެއީ ބުލީކުރާ ކުދީންނާއި އެހެނިހެން ބޮޑެތި އަހުލާގީ މައްސަލަތައް ޖެހޭ ކުދީންގެ ގައިގައި ދަނޑިބުރިއަކުން ނުވަތަ އެއްތެލުން ޖެހުމުގެ ހުއްދައެވެ. ކުށުގެ ނިސްބަތަށް ބަލައި އެއް ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތަކަށް ސަސްޕެންޑްކުރުމާއި، އަހުލާގީ މާކްސް އުނިކުރުމެވެ.

ސިންގަޕޫރުގެ އެޑިއުކޭޝަން މިނިސްޓަރު ޑެސްމަންޑް ލީ ސްކޫލެއްގެ ދަރިވަރުންތަކަކާ އެކު --
އަދަބު ދިނުމުގެ އިތުރުން ކައުންސެލިންގެ އެހީތެރިކަން ވެސް ފޯރުކޮށްދޭ މި އުސޫލުގެ މަގުސަދަކީ ހުރިހާ ސްކޫލެއްގައި ވެސް އެއް ހަމައަކުން ފިޔަވަޅު އެޅޭނެކަން ކަށަވަރުކުރުން ކަމަށް އެ ގައުމުން ބުނެއެވެ. މި އުސޫލަށް 2027 ވަނަ އަހަރުގެ ކުރިން އެ ގައުމުގެ ހުރިހާ ސްކޫލެއްގައި އަމަލުކުރަން ފަށާނެއެވެ.
މި ޚަބަރު އިއްޔެ ދިވެހީންނަށް ވެސް ފެނިއްޖެއެވެ. ވަރަށް ގިނަ ބަޔަކު ތާއީދުކުރާ ކަމެކޭ ބުނެފައި ހުއްޓައި ވެސް ފެނިއްޖެއެވެ. އެކަމަކު، ހަމަ އެ ތާއީދުގެ އެ ބަސްތަކާ އެކު، އެހެން އިތުރު ވާހަކަތަކެއް ވެސް އަމުނައިފައި ހުއްޓެވެ.
"މި ރާއްޖެއަކު އެކަމު ތިކަމެއް ނުވާނެ. މާ ހައްގުތައް ގިނަ ތަނެއް މިއީ. ހައްގުތައް ގިނަވެގެން ގޮސް އަނެއް އަތަށް އަޅާފައި،" މިއީ އާންމު މީހެއްގެ ޝުއޫރު ހުރި ގޮތެވެ.
މިއަދު ރާއްޖޭގައި ތައުލީމީ ނިޒާމުގެ ތެރޭގައި ވެސް ދަރިވަރުންގެ މެދުގައި އަޚުލާގީ އެތައް ނުރަނގަޅު ސިފައެއް ފެތުރެމުން އަންނަކަން ހާމަވާއިރު، ކުރެވޭ އެންމެ ބޮޑު ބަހުސަކީ، ދަރިވަރުންގެ ހައްގުތައް "މާ ގިނަ"ކަމުގެ ބަހުސެވެ. އެ ހައްގުތަކުގައި ޖެހި ޓީޗަރުންގެ ހައްގުތައް ކޮބައިތޯއެވެ. ހަމަ ހަގީގަތުގައި ވެސް ކަން އޮތީ މިހެން ހެއްޔެވެ؟
ބުލީގެ މައްސަލަ ބޮޑު، ޓީޗަރުންނަށް ވެސް އެ ބިރު
މީގެ މަސްތަކެއް ކުރިން މުޅި ރާއްޖޭގެ ސަމާލުކަމަށް އައީ އައްޑޫ ހައި ސްކޫލުގައި ބިދޭސީ ފިރިހެން ޓީޗަރަކާއި ދަރިވަރަކާ ދެމެދު ހިނގި ކުރިމަތިލުމެއްގެ ވާހަކައެވެ. ހަގީގަތް ބަލައިލިއިރު، އެއީ އެތައް ދުވަހެއް މަތިން އެ ދަރިވަރު ބައެއް ބިދޭސީ ޓީޗަރުން ބުލީއާއި ގޯނާގެ ޝިކާރައަކަށް ހަދައިގެން އުޅެނިކޮށް، އަނެއްކާ ވެސް އެ ދަރިވަރުގެ ގޯނާއާ ކުރިމަތިވުމުން ކެތްތެރިކަން ކޮޅުންލައި ގޮތް ހުސްވުމުން ހިނގަން މެދުވެރިވި ކަމެކެވެ.

އައްޑޫ ހައި ސްކޫލުގެ ދަރިވަރަކު ބިދޭސީ ޓީޗަރުގެ ގައިގައި އަތްލާން މަސައްކަތްކުރަނިކޮށް ނަގައިފައިވާ ވީޑިއޯއަކުން ސްކްރީންޝޮޓެއް: ގިނަ ބަޔަކު ވަނީ ޓީޗަރުގެ ދިފާއުގައި ޚިޔާލު ފާޅުކޮށްފައި --
އެ ހާދިސާގެ މަތިން ހަނދާން ނެތިފައި ތިއްބައި، މިދިޔަ މަހު އިވުނީ ހަމަ އެހާމެ ސީރިއަސް ޚަބަރެކެވެ. 'ކްލާސް ކޮމްޕިއުޓަރުން ގޭމް ނުކުޅޭށޭ' ބުނެ އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން އުޅުނު އަންހެން ބިދޭސީ ޓީޗަރަށް އަނިޔާކޮށް، ނޭފަތް މަތި ފަޅައިލި ކަމަށް ބުނާ މައްސަލައެކެވެ. ލިބުނު އަނިޔާތަކާ އެކު އެ ޓީޗަރު ޚަބަރު ވެސް ހުސްވީ ވަހަކައެވެ.
މިއީ 18 އަހަރު ނުފުރޭ ދިވެހި ދެ ދަރިވަރެއް ކުރި ކަންތައްތަކެއްގެ ވާހަކައެވެ. އެންމެން ވެސް މިކަމާ ވަރަށް ދެކޮޅެވެ. ނަމަވެސް، ވަކިން ޚާއްސަކޮށް ބިދޭސީ ޓީޗަރުންތަކަކަށް މިފަދަ ނުރައްކާތެރި މާހައުލެއްގެ ބިރުވެރިކަމުގެ އިހުސާސް ކުރެވިފައިވާއިރު، ހަމައެކަނި ކަންބޮޑުވެ ދެކޮޅުކަން ހާމަކުރުމުން މައްސަލައަށް ދާއީމީ ހައްލެއް ލިބޭނެ ހެއްޔެވެ؟
އެންމެން ވެސް އިއްތިފާގުވާ އެއް ކަމަކީ ހަރުކަށި އަދަބު، "ތަންދޮރު ދަންނަ، ބޮޑެތި ކުދިންނަށް" ލިބެންޖެހޭނެ ކަމެވެ. ހަމައެކަނި އަޚުލާގީ ޕްރޮގްރާމެއް ނިންމައިގެން އެ ފަދަ ކަންކަމުން ސަލާމަތްނުވެވޭނެ ކަމެވެ. އެކަމަކު، އެ ކަމަށް ނިޒާމުގެ ތެރެއިން ހުރަސްތަކެއް އެބަހުރި ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
"ދަރިވަރުންނަށް މިހާރު މާ ހައްގު ގިނައީ"
ސްކޫލަކަށް ދަރިވަރަކު ދިއުމުގެ އެންމެ ބޮޑު ބޭނުމަކީ، އެ ތަނުން ކޮންމެ ވެސް އިލްމެއް ހާސިލުކުރުމެވެ. އެ ތަނުގައި އެ ދަރިވަރުންނާ ގުޅޭ ހުރިހާ ކަމެއް ބެލެހެއްޓުމުގެ އެންމެ އިސް ޒިންމާ އޮންނަނީ ސްކޫލުގެ ވެރިންނަށާއި ހަވާލުވާ މުދައްރިސުންނަށެވެ.
އޮފީހެއްގައި ވިޔަސް، އަދި ކުލާހެއްގައި ވިޔަސް، ބަޔަކާ ހަވާލުވެ ތަނެއް ހިންގުމުގެ ޒިންމާ މީހަކާ ހަވާލުކުރާއިރު އެ މީހަކަށް ބާރުތަކެއް ދީފައި އޮތުމަކީ އާންމު އުސޫލެވެ. އެކަމަކު، ރާއްޖޭގައި ގިނަ އަދަދެއްގެ މުދައްރިސުން އެންމެ ދެކޮޅީ މި ހަގީގަތާއެވެ.
ފިލާވަޅެއް ނުނިންމައިގެން ދަރިވަރާ ދިމާއަށް ބަހެއް ބުންޏަސް ގޯސްވާކަމަށް ވަނީ މުދައްރިސެވެ. ގޯހުން ހިނގާ ކަމެއް ހުއްޓުވަން ވެސް ކުރެވޭ މާ ބޮޑު ކަމެއް ނޯވެއެވެ. އެންމެ ބޮޑު ވަރަކަށް ވެސް ފުރެނީ ޑިސިޕްލިން ފޯމެކެވެ. ޓީޗަރެއްގެ ނިންމުމާމެދު ބެލެނިވެރިން ހިތްހަމަ ނުޖެހެންޏާ، ހަމަ ކޮންމެ ކަމެއްގައި މައްސަލަ ޖެއްސިއަސް ގޯސްވަނީ ވެސް ހަމަ ޓީޗަރެވެ.

2026ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައި، ދަރިވަރުން އެނބުރި ސްކޫލަށް ދިޔަ ދުވަސް -- ސަން ފޮޓޯ/ މުހައްމަދު އަފްވާން
"ދެން އަދި ކިހިނެއް ބުލީ ކަހަލަ ކަންކަމުގައި ހަދާނީ..؟" ޓީޗަރަކު ސުވާލު އުފެއްދިއެވެ.
"އަސްލު ހަގީގަތުގައި އަޅުގަނޑަކަށް ނުބުނެވޭނެ، މިހާރު ރާއްޖޭގެ ގިނަ، ބޮޑެތި ސްކޫލުތަކުގައި ޓީޗަރުންނަށް ބާރުވެރިކަމެއް އެބައޮތެކޭ. ތެދެއް، ކަރުދާހުގައި ނޫނީ އަޅުގަނޑުމެންގެ ވިސްނުމުގައި މި ކަންކަން އޮވެދާނެ، މިއީއޭ ކަން ހިންގަންޖެހޭ ގޮތަކީ. އެކަމު އެހެންނެއް ނޫންވަނީ. އަސްލު ބިރުވެރިކަމެއް އޮތީ، އެއީ މިއަދު އެ ޔަގީންކަން ނެތީ ޓީޗަރުގެ ފަޅިއަށް އަރާނީ ކާކުކަން ނޭނގޭތީ،" 30 އަހަރު ތައުލީމީ ދާއިރާގައި ހޭދަކޮށްފައިވާ ޓީޗަރަކު ބުންޏެވެ. މިއީ އެތައް ޓީޗަރެއްގެ ޝުއޫރެވެ.
ގިނަ ޓީޗަރުންތަކެއް އެއްބަސްވާ އެއް ކަމަކީ، ރާއްޖޭގައި މިއަދު ތައުލީމީ ނިޒާމު ބައްޓަންވެފައި އޮތްގޮތުން މުދައްރިސުންނާއި ދަރިވަރުންގެ ހައްގުތަކާ ދެމެދު، ރަނގަޅަށް އިން ވަކިކުރެވިފައިނުވާ ކަމެވެ. މުދައްރިސުންނަށްވުރެ ދަރިވަރުންގެ ބަސް މާ ބޮޑުވެ، މުދައްރިސުންނަށް އޮންނަންޖެހޭ ހަގީގީ އިހުތިރާމާއި، ކިޔަމަންތެރިކަމުގެ ސިފަ ފަނޑުވަމުންދާ ކަމެވެ.
"އަހަރެމެން ކިޔެވިއިރު، ކުލާހުގައި ހިނގާނީ މުދައްރިސުންގެ ބަސް. އެ މީހުން ބުނާ ކަމަކާ ދެކޮޅު ހެދުމެއް ނޯންނާނެ. ބުނާ ބަސް ނާހަންޏާ ވާނެ ގޮތް ވެސް ވަރަށް ރަނގަޅަށް އެނގޭ. އެކަމަކު، މިހާރު ވަރަށް ތަފާތުތާ ދޯ،" ވާހަކަދައްކާލި ބެލެނިވެރިއަކު ބުންޏެވެ.
ދަރިވަރުންގެ ހައްގުތައް ވެސް އޮންނަންޖެހެއެވެ. އެކަމަކު ހައްގުތަކެއް ހައްދެއް ނެތި ލިބި، އިމެއް ނެތި ލިބޭ ބާރުވެރިކަމުގެ ނަތީޖާއަކީ، ނުރަނގަޅު ގިނަ ކަންތައްތަކަށް ފަހިވުމެވެ. ގޯސް ކަންކަމަށް އެޅެން ހުންނަ ފިޔަވަޅުތައް ނެތިދިއުމެވެ. ވަރަށް އާދައިގެ ކަންކަމަށް ހަދައި އެ ކަންކަން ދޫވާން ފުރުސަތު ތަނަވަސްވުމެވެ.
ސިންގަޕޫރުގު މި ފިޔަވަޅު، ރާއްޖެއަށް ގެނެވޭނެތަ؟
ރާއްޖޭގެ މިއަދުގެ ހާލަތާއި ސިންގަޕޫރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން، ތައުލީމީ ދާއިރާގެ ސިޔާސަތުތައް އެކުލަވައިލުމުގައި މަސައްކަތްކުރައްވާ ތަޖުރިބާކާރަކު ވިދާޅުވީ، ކޮންމެ ދަރިވަރަކީ ތަފާތު މާހައުލަކުން އަންނަ ކުއްޖަކަށްވުމުން، އެ ކުދިންގެ އަމިއްލަ ހާލަތު ދެނެގަތުމަކީ މުދައްރިސުންގެ މައްޗަށް އޮތް މުހިންމު ޒިންމާއެއް ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ކުއްޖަކު ކުރާ ކުށަކާ އެކަށޭނަ ފިޔަވަޅެއް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް، މިއަދުގެ މުޖުތަމައުގައި ކުދިންގެ އުޅުން ހުރިގޮތުން، ބެލެނިވެރިންނާއި މުދައްރިސުން ފިޔަވަޅެއް އަޅައިފިނަމަ، ހިމާޔަތް ހޯދުމުގެ ނަމުގައި ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރާނެކަމުގެ ބިރުދައްކާކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިހާރު ކުދިން އެބަ ބިރު ދައްކާ ޕޭރެންޓްސް ނޫނީ، ޓީޗަރުންނަށް އަދަބު ދީފިއްޔާ 1412 އަށް ގުޅާނަމޭ،" އޭނާ ވިދާޅުވިއެވެ.
އިސްލާމީ ނަޒަރިއްޔާއަކުން މިކަމަށް ބަލާއިރު، މައިންބަފައިންނަށް ކިޔަމަންތެރިވުމަކީ ދީނުގައި އަންގަވާފައިވާ ކަމެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ކުދިން އިސްލާހުކުރުމަށް އަދަބު ދިނުމުގައި ވަކި އުސޫލުތަކާއި މިންގަނޑުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. ނަމަވެސް، މި މިންގަނޑުތަކަށް މިއަދު ސަމާލުކަން ނުދެވުމުގެ ނަތީޖާއެއްގެ ގޮތުން، ދަރިވަރުންގެ އުޅުމަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްކޫލެއްގައި ޓީޗަރަކު ދަރިވަރުންނަށް ކިޔަވައިދެނީ --- ސަން ފައިލް ފޮޓޯ
މި މައްސަލައަށް އޮތް ހައްލަކީ ހަމައެކަނި އަދަބު ދިނުން ނޫން ކަމަށާއި ބެލެނިވެރިންނާއި މުދައްރިސުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަދަބު ދިނުމާ އެކު، އިސްލާމީ ތަރުބިއްޔަތާއި މުޖުތަމައުގެ އަގުތައް ހަރުދަނާކޮށްގެން މެނުވީ، ދަރިވަރުންގެ އަޚުލާގަށް ހެޔޮ ބަދަލެއް ނުގެނެވޭނެ،" އޭނާ ވިދާޅުވިއެވެ.
ބުލީކުރުމާއި، ޓީޗަރުންނަށް ޖެއްސުންކުރުމާއި އަނިޔާކުރުމުގެ މައްސަލަތައް ރާއްޖޭގެ ސްކޫލު މާހައުލުން ވެސް ފެންމަތިވަމުން އަންނައިރު، މި ކަންކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުން މުހިންމެވެ. އެކަމަށް ގިނަ ޓީޗަރުން ވެސް އަދި ބެލެނިވެރިން ވެސް އެއްބަހެވެ. ދެފުށް ފެންނަހެން ހާމަކަން ބޮޑުކޮށް އަޅާ ފިޔަވަޅުތައް ހާމަ ވެސް ކުރަންޖެހެއެވެ. އެހެން ނޫންނަމަ މިއީ މުސްތަގުބަލުގައި އާންމު ކަމަކަށްވުމުގެ ފުރުސަތު ބޮޑު ކަމެކެވެ. ހައްގުތައް އޮންނަން ވާނީ އެއް ކޮޅަކަށް ނޫނެވެ. ދެ ފަރާތަށް ވެސް ހަމަހަމަކޮށް އިންސާފުވެރިކޮށެވެ.