އާ މުއައްސަސާ އިން މީޑިއާތައް ރެގިއުލޭޓު ކުރާނީ މީޑިއާގެ އަތް ނުބަނދެ: އުމަރު

ހޯމް މިނިސްޓަރު އުމަރު ނަސީރު ---- ސަން ފައިލް ފޮޓޯ

މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށް ފަހު ގާނޫނެއްގެ ދަށުން އަލަށް ގާއިމްކުރާ މުއައްސަސާވާންޖެހޭނީ މީޑިއާގެ އަތް ނުބަނދެ މީޑިއާތައް ރެގިއުލޭޓު ކުރާ ތަނެއްގެ ގޮތުގައި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ދިޓީވީގެ ޚަބަރުތެރެއިން ޕްރޮގްރާމްގައި މިރޭ ވާހަކަފުޅުދައްކަވަމުން އުމަރު ވިދާޅުވީ އެ މުއައްސަސާ އިން މީޑިއާ ރެގިއުލޭޓު ކުރަން ވާނީ މީޑިއާގެ އަތް ނުބަނދެ، ނަމަވެސް ގައުމުގެ މަސްލަހަތާ އެއްގޮތަށް ކަމަށެވެ.

"އެހެންވީމަ ދިވެހި ރާއްޖޭގައި އަލަށް މިގެނެވޭ ގާނޫނު ވެސް ވާންޖެހޭނީ މިހާރު މިއޮތްހާ ލެފްޓުގައި ހިތުހުރި އެއްޗެއް ރިޕޯޓު ކުރެވޭ އެއްޗަކަށް މީޑިއާ ވެގެން ނުވާނެ. އެހެންވީމަ މީޑިއާ ރެގިއުލޭޓު ކުރެވޭނެ. އެކަމަކު އެކުރެވޭ ރެގިއުލޭޝަން ވެސް ވާންޖެހޭނީ އެކަށީގެންވާ ގޮތަކަށް މީޑިއާގެ އަތް ނުބަނދެ އެކަމަކު މިދަންނަވާހެން މުޅި ގައުމުގެ މަސްލަހަތަށް މަސައްކަތްކުރެވޭ ގޮތަށް އޮންނަ ގާނޫނަކަށް،" އުމަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި މީޑިއާތައް ރެގިއުލޭޓު ކުރަން ދެ މުއައްސަސާ އޮންނަން ނުޖެހޭ ކަމަށާއި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި މީޑިއާތައް ރެގިއުލޭޓު ކުރަން އާ މުއައްސަސާއެއް އުފެއްދުމުގެ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހެޅޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ގައުމުގެ ސަލާމަތާއި އަމަންމާންކަމަށް ނުރައްކާ ކުރާ ކަމެއްކޮށްފިއްޔާ އެ މީޑިއާއެއް ވަގުތުން ބަންދު ކުރެވެން ޖެހޭނެ ކަމަށާއި އެހެންނޫނީ މުޅި ގައުމު ރޫޅި ގައުމުގެ އަމަން އަމާންކަން ގެއްލި މަސްލަހަތު ގެއްލިގެން ހިގައިދާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

comment ކޮމެންޓް