ދެކުނު ކޮރެއާގެ ނެޝަނަލް އިލެކްޝަން ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ރާއްޖެއަށް ވަޑައިގެންފި

ނެޝަނަލް އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ކިމް ޔޮންގްހީ މިއަދު ރާއްޖެއަށް ވަޑައިގެން އެއާޕޯޓް ވީއައިޕީގައި އިލެކްޝަން ކޮމިޝަންގެ ރައީސާ މަޝްވަރާކުރައްވަަނީ ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ދެކުނު ކޮރެއާގެ ނެޝަނަލް އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ކިމް ޔޮންގްހީ މިއަދު ރާއްޖެއަށް ވަޑައިގެންފި އެވެ.

ޑިމްކޮރަސީ ވީކާ ގުޅިގެން ހާއްސަ މެހެމާނެއްގެ ގޮތުގައި ރާއްޖެ އަށް މިއަދު ހެނދުނު ވަޑައިގަތުމުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ އަށް މަރުހަބާ ދެންނެވީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން އާއި އެ ކޮމިޝަނުގެ މެންބަރުންނެވެ.

އެއާޕޯޓު ވީއައިޕީ ލައުންޖުގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކިމް ޔޮންގްހީ ވިދާޅުވީ، އޭނާ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގެ ބޭނުމަކީ ރާއްޖޭގެ އިލެކްޝަންސް ސިސްޓަމް އިތުރަށް ހަރުދަނާކޮށް އިންތިހާބުތައް މިހާރަށް ވުރެ ވެސް ހަރުދަނާ ގޮތަކަށް ގެންދެވޭނެ ގޮތްތަކަކާ ގުޅޭ ގޮތުން މަޝްވަރާކުރުން ކަމަށެވެ.

އެގޮތުން ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި، ކޮރެއާ އާއި ރާއްޖެ ގުޅިގެން ރާއްޖޭގެ އިލެކްޝަންސް ސިސްޓަމް ހަރުދަނާ ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރިއަށްގެންދިއުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ މެންބަރު މުހައްމަދު ޝަކީލް ވިދާޅުވީ، ކޮރެއާއަކީ ޓެކްނޮލޮޖީގެ ގޮތުން އަދި ޑިމޮކްރަސީގައި ވެސް އެންމެ ބޮޑަށް ކުރިއަރާފައި އޮތް ގައުމަށް ވާތީ ޑިމޮކްރަސީ ކުރިއެރުވުމަށް ޓަކައި އަދި އޭގެ އިތުރުން ވޯޓުލުމުގެ ކަންކަން ކުރިއެރުވުމަށް ޓަކައި އެ ފަރާތުން ރާއްޖެ އަށް ދެވެން އޮތް އެހީތަކަކީ ކޮބައިކަން ދެފަރާތުން ގުޅިގެން ބަލާނެ ކަމަށެވެ. އަދި އެއަށް ފަހު އެ ދާއިރާތަކުން އެހީ ފޯރުކޮށްދޭނެ ކަމަށެވެ.

ޝަކީލް ވިދާޅުވީ އެ ދަތުރުގައި އެފަރާތުން ބޭނުންކުރާ ވޯޓިން ސިސްޓަމްތަކުގެ ޑެމޯއެއް ދައްކާނެ ކަމަށެވެ. އަދި އެއިން ރާއްޖޭގެ މާހައުލަށް އެންމެ އެކަށީގެންވަނީ ކޮންކަހަލަ ސިސްޓަމެއްތޯ ބެލުމަށް ފަހު، ދިވެހިން އެންމެ ބަލައިގަންނަ ކަހަލަ ސިސްޓަމަކަށް ދާނެ ކަމަށެވެ.

ޑިމޮކްރަސީ ވީކް ފާހަގަކުރުމުގެ ގޮތުން ނެޝަނަލް އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ކިމް ޔޮންގްހީ މިއަދު ރާއްޖެއަށް ވަޑައިގެންފައިވާ އިރު، އިލެކްޝަންސް ކޮމިޝަނުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

comment ކޮމެންޓް