ވ. ތިނަދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރައްވައި، އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ޝުޖާޢު ޢަލީ އެ މަގާމަށް އަލުން އިންތިޚާބުވެވަޑައިގެންފިއެވެ.
މީގެ ކުރިން ވ. އަތޮޅު ކައުންސިލުގެ ރައީސްކަން ވެސް ކުރެއްވި ޝުޖާޢު ތިނަދޫ ކައުންސިލުގެ ރައީސްކަމަށް އޭރު ހޮވިވަޑައިގަތީ މިދިޔަ އޭޕްރިލް މަހު ކުރީކޮޅު ބޭއްވި ކައުންސިލު އިންތިޚާބުގައެވެ. ޝުޖާޢު އެ އިންތިޚާބުގައި ވާދަކުރެއްވީ ޖޫން މަހު ކުރީކޮޅު އުވައިލި ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ.
ކައުންސިލުތަކުގެ ބެލެނިވެރި އިދާރާ އެލްޖީއޭން މިދިޔަ ޖުލައި މަހު ކުރީކޮޅު ނެރުނު ބަޔާނެއްގައި ވަނީ ޕާޓީ ބަދަލުކުރި މައްސަލައިގައި ޝުޖާޢުގެ މަގާމު ގެއްލުނު ކަމަށް ކަނޑައަޅައިފައެވެ. އެ ބަޔާނުގައިވާ ގޮތުން ޝުޖާޢު ޕާޓީ ބަދަލުކުރެއްވި ކަމަށް އިލެކްޝަންސް ކޮމިޝަނުން އެންގީ ކައުންސިލަރުން ހުވާކުރިތާ ދެ ދުވަސްވީ ފަހުންނެވެ. އެކަމަކު ބެލެވޭ ގޮތުގައި އޭނާ އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ހުށަހެޅުއްވީ މަގާމުގެ ހުވާކުރެއްވުމުގެ މަދު ދުވަސްކޮޅެއް ކުރިންނެވެ.
މިއަދު ބޭއްވި ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޝުޖާޢުއަށް ވަނީ ޖުމުލަ 87 ވޯޓު ލިބިވަޑައިގެންފައެވެ. އަދި އޭނާއާ ވާދަކުރެއްވި ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު އަޙްމަދު އަމަން މުޙައްމަދަށް ލިބުނީ 42 ވޯޓެވެ.
https://x.com/MohamedNasheed/status/2126650390733258802
ޝުޖާޢު ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އޭނާއަށް މަރުހަބާ ދަންނަވައިފައެވެ.