ޑަބްލިއުޑީސީގެ ބައި-އިލެކްޝަން: ވަށަފަރު ގޮނޑި ގެއްލުނުއިރު ހުޅުދޫ ގޮނޑި ޕީއެންސީއަށް

ޕީއެންސީން އައްޑޫ ހުޅުދޫގެ އަންހެނުންގެ ކޮމިޓީއަށް ހޮވިވަޑައިގެންނެވި ނަބާހާ، އަދި ވަށަފަރުގެ އަންހެނުންގެ ކޮމިޓީގެ ރައީސާކަމަށް ހޮވިވަޑައިގެންނެވި ރިޝްމާ ---

ތިން ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ހޮވުމަށް ބޭއްވި ބައި-އިލެކްޝަނުގައި ހއ. ވަށަފަރުގެ އަންހެނުންގެ ކޮމިޓީގެ ރައީސާގެ މަގާމު ވެރިކަންކުރާ ޕީއެންސީއަށް ގެއްލިއްޖެއެވެ.

މިއަދު ހަތަރު ބައި-އިލެކްޝަނެއް ބާއްވައިފައިވެއެވެ. އެއީ ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ހުސްވެފައިވާ މަގާމުގެ ބައި-އިލެކްޝަނާއި އެ ރަށާއި އައްޑޫ ހުޅުދޫގެ ހުސްވެފައިވާ އަންހެނުންގެ ކޮމިޓީތަކަށް މެންބަރުން ހޮވުމަށް ބޭއްވި ބައި-އިލެކްޝަންގެ އިތުރުން ވަށަފަރު އަންހެނުންގެ ކޮމިޓީގެ ރައީސާ ހޮވުމަށް ބޭއްވި ބައި-އިލެކްޝަނެވެ.

މިއަދު ބޭއްވި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންގައި އޭގެ ތެރެއިން ވ. ތިނަދޫގެ އަންހެނުންގެ ކޮމިޓީގެ މެންބަރުކަމާއި ހއ. ވަށަފަރުގެ އަންހެނުންގެ ކޮމިޓީގެ ރައީސްކަން ކާމިޔާބުކުރެއްވީ އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނެވެ. އަދި ހުޅުދޫގެ ގޮނޑި ކާމިޔާބުކުރީ ވެރިކަންކުރާ ޕީއެންސީންނެވެ. އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާތަކަށް ބަލައިލާއިރު:

ހއ. ވަށަފަރުގެ އަންހެނުންގެ ކޮމިޓީގެ ރައީސާ:

  1. ރިޝްމާ އާދަމް (އަމިއްލަގޮތުން) - 278 ވޯޓު
  2. ޒައިނާޒް އަޙްމަދު (ޕީއެންސީ) - 221 ވޯޓު

ވ. ތިނަދޫ އަންހެނުންގެ ކޮމިޓީ:

  1. ޒީނާ އަޙްމަދު (އަމިއްލަގޮތުން) - 76 ވޯޓު
  2. ރިޝްފާ ނަސީމް (އެމްޑީޕީ) - 53 ވޯޓު

އައްޑޫ ހުޅުދޫ އަންހެނުންގެ ކޮމިޓީ:

  1. ފާޠިމަތު ނަބާހާ (ޕީއެންސީ) - 784
  2. ފާޠިމަތު މުނީރު (އެމްޑީޕީ) - 503

މީގެ ކުރިން ވަށަފަރުގެ އަންހެނުންގެ ކޮމިޓީއާއި ތިނަދޫގެ އަންހެނުންގެ ކޮމިޓީގެ ފުރިހަމަ އަޣުލަބިއްޔަތު އޮތީ ޕީއެންސީގައެވެ. ނަމަވެސް މި އިންތިޚާބާއެކު ދެ ރަށުގެ ތެރެއިން ކޮންމެ ރަށެއްގެ ވެސް އެއް ގޮނޑި ވަނީ ޕީއެންސީއަށް ގެއްލިފައެވެ.

އަދި އެމްޑީޕީއަށް އައްޑޫ ހުޅުދޫގެ އަންހެނުންގެ ކޮމިޓީން ވަނީ އެއް ގޮނޑި ގެއްލިފައެވެ. ނަމަވެސް ހުޅުދޫގެ އަޣުލަބިއްޔަތު އަދިވެސް އޮތީ އެމްޑީޕީގައެވެ.

comment ކޮމެންޓް