އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މިނިވަން މުއައްސަސާތަކަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދު ކުޑަކަމަށް ބުނެ ބައެއް މުއައްސަސާތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެ ތަންތަނުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ނުހުއްޓޭނެ ފަދަ އިންތިޒާމެއް ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ދެއްވައިފިއެވެ.
ބަޖެޓަށް ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއަށް ހާޒިރުކުރުމުން ބަޖެޓު ކުޑަވުމުގެ ކަންބޮޑުވުން ފާޅުކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިންނެވެ.
އެ މުއައްސަސާތަކުން ހުށަހެޅި ބައެއް ކަންކަމަށް ފައިސާ ނުހިމަނައި ބަޖެޓު އެކުލަވާލީ އެ ކަންކަމަކީ "ޖަސްޓިފަޔަބަލް" ކަންތައްތަކަކަށް ނުވާތީ ކަމަށް މިނިސްޓަރު ޒަރީރު ވިދާޅުވިއެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، މުއައްސަސާތަކަށް އަބަދުވެސް ބަޖެޓް ކަނޑައަޅަނީ އެއްވެސް މަސައްކަތަކަށް ހުރަސް ނޭޅޭނެ ގޮތަށް ކަމަށެވެ. އަދި ބަޖެޓުގައި ކޮންޓިންޖެންސީ ބަޖެޓުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހިމަނާފައިވަނީ ކޮންމެހެން ކުރަންޖެހޭ ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެކަމަކަށް ފައިސާ ހަމަޖެއްސުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ އަަޅުގަނޑު އެ ހުރިހާ މުއައްސަސާތަކަށް ވެސް އެޝުއަރެންސް ދޭން ބޭނުންވަނީ އެ ބޭފުޅުންގެ މަސައްކަތްތައް ނުހުއްޓޭނެ ގޮތަށް އަދި އިތުރަށް އެ ބޭފުޅުންނަށް ބޭނުންވެއްޖެ ނަމަ ވެސް ބަޖެޓް ތެރެއިން އެބޭފުޅުންނަށް ބޭނުންވާ ކަންތައްތައް ހަމަޖައްސައިދޭނެ ކަމަށް،" މިނިސްޓަރު ޒަރީރު ވިދާޅުވިއެވެ.
މުއައްސަސާތަކަށް ކުއްލިއަކަށް ބޭނުންވެދާނެ އިންފްރާސްޓްރަކްޗާ ފަދަ ކަންކަމަށް އަބަދުވެސް އެގޮތަށް ފައިސާ ހަމަޖައްސައިދޭ ކަމަށާއި، ބަޖެޓު ރާވާފައި އޮތީ އެފަދަ ކަންކަން ފަހިކޮށްދެވޭނެ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރުގެ އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ، މުއައްސަސާތަކުން އިތުރުކުރަން އެދިފައިވަނީ ބޮޑެތި އަދަދުތަކެއް ނޫން ކަމަށެވެ.
މީގެއިތުރުން ފިނޭންސް މިނިސްޓްރީއަށް ލިޔެގެން ފައިސާ ހޯދުމަކީ ވަރަށް ގިނަ ވަގުތު ހޭދަވާ ކަމެއްކަން ފާހަގަކުރައްވައި، މުޅި ބަޖެޓަށް ބޮޑު އަސަރެއް ނުކުރާނެ އެފަދަ އަދަދުތައް ބަޖެޓުގައި އިތުރުކޮށްލެވެން ނެތްތޯ ނާޒިލް ސުވާލު އުފެއްދެވި އެވެ.
"އެއީ އެހާ ބޮޑެތި އަދަދުތަކެއް ނޫން އަދި އެއީ މުޅި ބަޖެޓަށް އަސަަރުކުރާ ވަރުގެ އަދަދުތަކެއް ވެސް ނޫން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެ ބައިބައިތައް އިތުރުކޮށްލެވިދާނެތޯ ނޫނީ އެވަރު ވެސް ކޮށްލެވޭކަށް ނެތްތޯ؟" މިނިސްޓަރަށް އަމާޒުކުރައްވައި ނާޒިލް ސުވާލު ކުރެއްވިއެވެ.
މުވައްޒަފުން އިތުރުކުރުމާ ގުޅޭގޮތުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ވަޒީފާތައް އިތުރުކުރަން އަބަދުވެސް ހުއްދަ ދެނީ އެއީ ކޮންމެހެން ބޭނުންވާ ވަޒީފާތަކެއްތޯ ބެލުމަށްފަހު ކަމަށެވެ. މުއައްސަސާތަކުން ހުށަހަޅާ ހުރިހާ ވަޒީފާއަކަށް ޖާގަ ދީފިނަމަ ކިތަންމެ ބޮޑު ބަޖެޓެއް ހުށަހެޅިޔަސް ފޫނުބެއްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ދައުލަތުގެ މުއައްސަސާތަކުގައި މުވައްޒަފުން ތިބީ އެކަށީގެންވާ އަދަދަށްތޯ ބެލުމަށް އަންނަ އަހަރު ހާއްސަ އޮޑިޓެއް ހަދާނެ ކަމަށާއި، މުވައްޒަފުން އިތުރުކުރަން ހުއްދަ ދޭނީ އެ އޮޑިޓަށް ފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މި އަހަރަށް ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.
ޖުމްލަ ބަޖެޓު ކުޑަވި ނަމަވެސް ރިކަރަންޓް ހަރަދުތައް އިތުރުވެފައިވާއިރު، މިއީ ހަރަދު ކުޑަކުރުމަށާއި މާލީ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން އެކުލަވާލި ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މި އަހަރުގެ ބަޖެޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދައުލަތުގެ ދަރަނި އަދާކުރުމުގެ ހަރަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، ޖެނުއަރީ އެކަކުން މި މަހުގެ 12 ގެ ނިޔަލަށް ލޯނު އަނބުރާ ދެއްކުމަށް 10.43 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރި 4.64 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު ގާތްގަނޑަކަށް 125 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. އަދި އިންޓްރެސްޓް ހަރަދުގެ ގޮތުގައި ހޭދަވި 4.19 ބިލިއަން ރުފިޔާއާ އެކު، ދަރަނި އަދާކުރުމަށް އެކަނި ވެސް 14.61 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ.