ޑިމާންޑު ކުރިޔަސް މި ސަރުކާރުން ރައީސް ނަޝީދު ދޫކޮށްނުލާނެ: އުމަރު

ހޯމް މިނިސްޓަރު އުމަރު ނަސީރު މީގެކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފައިލް ފޮޓޯ

އެމްޑީޕީން ޑިމާޑުކުރިއަސް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ނުކުރާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ޓީވީއެމް އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ މި ސަރުކާރުން ރައީސް ނަޝީދު މިނިވަންނުކުރާނެ ކަމަށެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ރައީސް ނަޝީދު ފަނޑިޔާރަކު ވަގަށް ނަގައިގެން 22 ދުވަހު ހައްޔަރުކޮށްފައި ބެހެއްޓި ބެހެއްޓުން ގާނޫނީ ކުށެއް ނޫން ކަމަށް ގަބޫލުކުރައްވާނަމަ ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ ދޮރުގައި ޓަކި ދެއްވައިގެން ކޯޓު ތެރެއިން ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"22 ދުވަސްވަންދެން އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ބެހެއްޓި ބެހެއްޓުން އެއީ ކުށެއް ނޫން ކަމަށް ސާބިތުކޮށްދެއްވަން ޖެހޭނީ. އެހެން އެކަން ނުކުރެއްވޭހާ ހިނދަކު ރައީސް ނަޝީދު ދޫކޮށެއްނުލާނަން،" އުމަރު ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ދޫކޮށްލުމަށް ކުރި ޑިމާންޑާ ބެހޭ ގޮތުން އުމަރު ވިދާޅުވީ އެބޭފުޅުންގެ ޝަރީއަތް ދަނީ ހިނގަމުން ކަމަށެވެ. އެހެންކަމުން އެ ޝަރީއަތްތަކާ ސަރުކާރުން ނުބެހޭނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ ގެއްލުނު މައްސަލައާ ގުޅޭގޮތުން ހޯމް މިނިސްޓަރު ވިދާޅުވީ ތަހުގީގީ އިދާރާތަކުން ދަނީ އެ މައްސަލަތައް ތަހުގީގު ކުރަމުން ކަމަށެވެ.

އަދި ބައެއް މައްސަލަތަކުގައި ބައެއް ފަރާތްތަކާ ދެކޮޅަށް ޝަރީއަތް ހިނގަމުންދާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"އެ މައްސަލަތަކީ އަޅުގަނޑުމެން މިހާރު ވެސް ތަހުގީގުކުރަމުން އަންނަ މައްސަލަތައް. ތަހުގީގު ހިނގަހިނގާ ހުރި މައްސަލަތަކެއްގެ ވާހަކަ އެދެކެވެނީ. ދިވެހިރާއްޖޭގެ ކަމާ ބެހޭ އެންމެ މަތީ މުއްސަސާތަކުން ތަހުގީގުކޮށް، ބައެއް ފަރާތްތަކާ ދެކޮޅަށް ޝަރީއަތް ހިނގަމުން އެދަނީ. ދިވެހިރާއްޖޭގެ ހަމަޖެހިފައިވާ އުސޫލްތަކުގެ މަތިން އެއީ ހިނގަހިނގާ ހުރި ކަންތައްތަކެއް،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

މަޝްވަރާކުރުމަށް ކޮށްފައިވާ ޑިމާންޑާ ގުޅޭގޮތުން ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރަން ސަރުކާރުން އަބަދުވެސް މަރުޙަބާ ކިޔާ ކަމަށެވެ.

އުމަރު ވިދާޅުވީ ކުރިން ވެސް އޮތް ގޮތަށް މަޝްވަރާކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

މި ސަރުކާރުން ރައީސް ނަޝީދު ދޫކޮށްނުލާނެ ކަމަށް މީގެކުރިން ވެސް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެފަހަރު އުމަރު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ އިތުރުން ރައީސް ނަޝީދަކީ ސުޕްރީމް ކޯޓުގައި ތަޅުއަޅުވާފައިވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އެފަދަ ބޭފުޅަކު މި ސަރުކާރުން ދޫކޮށްނުލާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް