ޝެއިޚް އިމްރާންގެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުން ފަނޑިޔާރުންގެ އާ ބެންޗެއް އެކުލަވާލައިފި

ޝެއިޚް އިމްރާން މީގެ ކުރީން ހައިކޯޓަށް ހާޒިރުކުރުމަށްފަހު އަނބުރާ ދޫނިދުއަށް ގެންދަނީ: -- ސަން ފޮޓޯ: ފަޔާޒް މޫސާ

ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާއާ ގުޅިގެން ފުލުހުންގެ ބަންދުގައި ހުރި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން މިރޭ ފަނޑިޔާރުންގެ އާ ބެންޗެއް އެކުލަވާލައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުޙައްމަދު މިރޭ އެކުލަވައިލެއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ކުރީގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ، ގާޒީ އަބްދުލް ބާރީ ޔޫސުފްގެ އިތުރުން ގާޒީ އަހްމަދު ސަމީރު އަބްދުލް އަޒީޒާއި ގަޒީ އަބްދުﷲ ނަޝީދެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު އެ ބެންޗު އެކުލަވާލައްވާފައި ވަނީ، ކޯޓުތަކުގެ ގާނޫނުގެ ދަށުން ކޯޓުގެ އިސް ގާޒީއަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.

އިމްރާނުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ވަނީ މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްވެ، އެމްޑީޕީއާ ބައިވެރިވެގެން "އަނިޔާވެރިކަން ނިންމަން" މި ނަމުގައި މާލޭގައި ބޭއްވި މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް އިމްރާން ވާހަކަދެއްކެވުމުން މުޒާހަރާގެ ބައިވެރީން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، އަމަން ބަލަހައްޓަން ތިބި ފަރާތްތަކަށް ހަމަލާދީ ރައްޔިތުންގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ.

އިމްރާނުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

comment ކޮމެންޓް