އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ބަލަނީ

ގާޒީ އަބްދުﷲ މުހައްމަދު --- ސަން ފައިލް ފޮޓޯ

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަދި މިހާރު ފެމެލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)ގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައި ވަނީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ.

ޖޭއެސްސީން ބުނީ އެ ކޮމިޝަނުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ)ގެ ދަށުން އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއެވެ.

އެ މާއްދާގައި ބުނެފައި ވަނީ ފަނޑިޔާރަކާ ބެހޭގޮތުން، ކުރެވޭ ޝަކުވާއެއް ނުވަތަ ތުހުމަތެއް ކޮމިޝަނަށް ހުށަނޭޅުނު ކަމުގައި ވީނަމަވެސް، ވަކި ފަނޑިޔާރެއްގެ ސުލޫކާ ބެހޭގޮތުން ސުވާލު އުފެދޭ ފަދަ ސަބަބުތަކެއް ހުރިކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭނަމަ، އެފަދަ ފަނޑިޔާރެއްގެ މައްސަލަ ތަހުގީގުކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި ހުންވަނިކޮށް އަބްދުﷲ ގާޒީ ފެމެލީ ކޯޓަށް ބަދަލުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ފެބުރުއަރީ 21 ވަނަ ދުވަހުއެވެ.

އަބްދުﷲ ގާޒީ ފެމެލީ ކޯޓަށް ބަދަލުކުރަން ނިންމީ ސުޕްރީމް ކޯޓުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުން އެގޮތަށް އެދުނީ އެ ކޯޓުން އެކުލަވާލާފައިވާ ފަނޑިޔާރުން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމާ ބެހޭ އުސޫލުގެ ދަށުންނެވެ.

comment ކޮމެންޓް