އާޒިމާގެ ސުވާލު: އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ޒިންމާ ނަގަން ޖެހޭނީ ކާކު؟

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު --- ސަން ފއިލް ފޮޓޯ

ސިފައިން މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރި މައްސަލާގައި ޒިންމާ ނަގަން ޖެހެނީ ކާކުތޯ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާސް މިނިސްޓަރު އާޒިމާ ޝުކޫރު ސުވާލު އުފައްދައިފި އެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި، އޭރުގެ ރައީސް އަދި ސިފައިންގެ އެންމެ އިސްވެރިޔާ ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް ކުރި އެވެ. އެހެން ނަމަވެސް މިއަދު އެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލު ކޮށްފަ އެވެ.

ނަޝީދުގެ އިތުރަށް އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭގެ ފާނުގެ މައްޗަށް ވެސް އެ މައްސަލާގައި ހުކުމް ކުރި އެވެ. އޭނާގެ މައްޗަށް ވެސް ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި އެވެ. ނަމަވެސް އޭނާގެ ހުކުމް ރިވިއުކުރުމަށް ކަމަށް ބުނެ، ސުޕްރީމް ކޯޓުން ވަނީ އޭނާ ބަންދުން ވީއްލައިފަ އެވެ.

މިއަދު އިއްވި ހުކުމުގައި ބުނެފައި ވަނީ، ފަނޑިޔާރަކު ހައްޔަރު ކުރާ ނަމަ އެކަމުގައި އަމަލު ކުރަން ޖެހޭ ގޮތްތައް ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާގައިވާ ކަމަށެވެ.

އެ މާއްދާގައި ވަނީ ފަނޑިޔާރަކު ކުށެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވޭނީ، އެ ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓަކަށް ވުރެ މަތީ ކޯޓެއްގެ އަމުރަކުން ކަމަށެވެ. އަދި އެފަދަ އަމުރަކަށް ކޯޓުގައި އެދޭނީ، މައްސަލަ ތަހުގީގު ކުރާ ފަރާތުން ޕީޖީގެ އަރިހުގައި އެދުމުން އެކަން ކުރުމަށް ޕީޖީއަށް ފެނިއްޖެ ނަމަ ކަމަށެވެ.

https://sun.mv/111374

މިއަދު އިއްވި ހުކުމުގައި ބުނީ، އެމްއެންޑީއެފް އިން އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި އަމަލު ކުރީ ގާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށެވެ. އޭނާ ހައްޔަރު ކުރީ ގާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމުގައިވީ ނަމަވެސް، އެ ކަން ކުރުމުގައި އެއްވެސް މަގާމެއްގައި ހުރި މީހަކު އެކަމުގެ ފަރުދީ ޒިންމާ ނަގަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ހުކުުމުގައި ވަނީ ބުނެފަ އެވެ.

ހުކުމުގައި އެގޮތަށް ބުނެފައި އޮތުމުން އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ޒިންމާ ނަގަން ޖެހޭނީ ކާކުތޯ އާޒިމާ މިއަދު ފޭސްބުކްގައި ވަނީ ސުވާލު އުފައްދައިފަ އެވެ. އޭނާ ވިދާޅުވީ، ކަންބޮޑު ވަނީ ރައީސް ނަޝީދު މިނިވަން ވުމުން ނޫން ކަމަށެވެ.

އާޒިމާ ވަނީ ސްޕްރީމް ކޯޓުން ރައީސް ނަޝީދުގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ވީހާ ވެސް އަވަހަށް އާއްމު ކުރެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ.

އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ބެހެއްޓީ ސިފައިން ތަމްރީނު ކުރުމަށް ބޭނުން ކުރާ ގިރިފުށީގަ އެވެ. ސިފައިންގެ ބެލުމުގެ ދަށުގައި 21 ދުވަސް ވަންދެން އޭނާ ބެހެއްޓި އެވެ.

comment ކޮމެންޓް