ޒަމާނާއި ޓެކްނޮލޮޖީއަށް އައި ބަދަލުތަކާ ގުޅިގެން ނޫސްވެރިން މަސައްކަތް ކުރަން މީހާރު މޭޒެއް ބޭނުމެއް ނުވާނެ ކަމަށާއި މިހާރު ހުރިހާ ކަމެއް ވެސް ފޯނުންކޮށްލެވޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސާކް އިންފޮމޭޝަން ސެންޓަރުން އިސްނަގައިގެން އެޑިޓަރުންނަށާއި ނޫސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެއް ދުވަހުގެ މަސައްކަތު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ މިހާރު ނޫސްވެރިންގެ މަސައްކަތް ކުރާ މޭޒާއި ކެމެރާ އަދި ވޮއިސް ރެކޯޑާ އަކީ ވެސް ފޯނު ކަމަށެވެ.
"ހުރިހާ ތަނަކަށް ގުޅުވައިދޭ އިންޓަނެޓާ އެކު ހުރިހާކަމެއް ވެސް މިވަނީ ފަސޭހަވެގެން ގޮސްފައި. މައުލޫމާތު ފޯރުކޮށްދިނުމުގެ ދާއިރާއަށް މިވަނީ އިންގިލާބެއް އައިސްފައި،" އުމަރު ވިދާޅުވި އެވެ.
ގައުމުގެ ހަތަރު ވަނަ ބާރު ކަމުގައިވާ މީޑިއާ އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅު ބަދަލުތަކެއް އަންނަކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ ސާކް އިންފޮމޭޝަން ސެންޓަރުން ކުރިއަށް ގެންދާ އެ މަސައްކަތު ބައްދަލުވުމުން ނޫސްވެރިންނަށް ގިނަ ކަންތައްތަކެއް އެނގިގެންދާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.
ޝީ ބިލްޑިންގައި އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ ހުރިހާ މީޑިއާތަކުން ނޫސްވެރިންނާއި އެޑިޓަރުން ވަނީ ބައިވެރިވެފަ އެވެ.