ބޭރުގެ 10 އެއާލައިނެއްގެ ޗެކިން ޚިދުމަތް ޑޮމެސްޓިކް ޓާމިނަލަށް

ފަތުރުވެރިންތަކެއް އެއާޕޯޓުގައި ޚިދުމަތް ހޯދަނީ: ބޭރުގެ 10 އެއާލައިނެއްގެ ޗެކިން ޚިދުމަތް ޑޮމެސްޓިކް ޓާމިނަލަށް ބަދަލުކުރަން ވަނީ ނިންމައިފައި ---- ފޮޓޯ/ އެމްއޭސީއެލް

ކުރިއަށް އޮތް ފިނި މޫސުމުގައި ފަތުރުވެރިން އަންނަ މިންވަރު އިތުރުވާނެ ކަމަށް ލަފާކޮށް، ބައިނަލްއަގުވާމީ 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް ދެއަކަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިއަދު ބުނެފިއެވެ.

އެމްއޭސީއެލްއިން ބުނީ، ބޭރުގެ ބައެއް އެއާލައިންތަކުގެ ޗެކްއިން ޚިދުމަތް ޑޮމެސްޓިކް ޓާމިނަލަށް ބަދަލުކުރަން ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ. އެއީ އިޓަލީގެ ނިއޯސް، އޭރޯފްލޮޓް، ޔޫއެސް-ބަންގަލާ އެއާލައިންސް، އުޒްބެކިސްޓާނުގެ ސެންޓްރަމް އެއާ، ރަޝިޔާގެ އަޒުރް އެއާ، ސައިބީރިއާގެ އެސް ސެވަން އެއާލައިންސް، އަރުމީނިއާގެ ޝިރަކް އަވިއާ، ކުވައިތު އެއާވޭސް، ބަލްގޭރިއާގެ ގުލިވް އެއާގެ އިތުރުން ފްރެންޗް ބީގެ ފުލައިޓުތަކުން ދަތުރުކުރާ ފަސިންޖަރުންނަށް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އިންޓަނޭޝަލް ޓާމިނަލްގެ ރަންވޭގައި މަތިންދާބޯޓުތަކެއް: ބޭރުގެ 10 އެއާލައިނެއްގެ ޗެކިން ޚިދުމަތް ޑޮމެސްޓިކް ޓާމިނަލަށް ބަދަލުކުރަން ވަނީ ނިންމައިފައި -- ފޮޓޯ: އެމްއޭސީއެލް

އެ 10 އެއާލައިނުން ފުރާ ދަތުރުވެރިން، އާދިއްތަ ދުވަހުން ފެށިގެން، ޗެކްއިންވުމަށް ސީދާ ޓާމިނަލް ދެއަކަށް އަށް ދިޔުމަށާއި، ފުރުމުގެ އެންމެހައި ކަންކަން ނިންމުމަށް އެކަށީގެންވާ ވަގުތު އޮއްވައި އެއާޕޯޓަށް ދިޔުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ކުންފުނިން ބުނީ، އެ އިންތިޒާމުގެ ސަބަބުން ފަތުރުވެރިން ރާއްޖެ އައުން އެންމެ ބާރުބޮޑުވާ ދުވަސްވަރު ވީއައިއޭގެ ދެ ޓާމިނަލުން ވެސް ބައިނަލްއަގުވާމީ ދަތުރުތަކަށް ޚިދުމަތް ފޯރުކޮށްދެވި، ޖާގައިގެ ތަނަވަސްކަމާއި އިތުރު ޗެކްއިން ކައުންޓަރުތަކާއެކު ޚިދުމަތް ހޯދުމަށް ލުއިފަސޭހަ މާހައުލެއް ގާއިމުކުރެވޭނެ ކަމަށެވެ.

މީގެ ކުރިން ބައިނަލްއަގުވާމީ އުދުހުންތަކަށް ޚާއްސަކޮށްފައި އޮތް ޓާމިނަލް ދޭއްގެ ފެންވަރު މަތިކޮށް ޒަމާނީ ބަދަލުތަކަކާއެކު އަލުން ހުޅުވީ މި އަހަރުގެ ފެބުރުއަރީ މަހެވެ. އެތެރޭގެ އުދުހުންތަކުގެ ޚިދުމަތްތައް މިހާރު ފޯރުކޮށްދެވެމުން އަންނަނީ އެ ޓާމިނަލްއިންނެވެ. އެ ޓާމިނަލުގައި 27 ޗެކްއިން ކައުންޓަރާއި، އައު ލަގެޖް ބެލްޓްތަކުގެ އިތުރުން ކެއިންބުއިމުގެ ފުރުސަތުތަކާއި، ނަމާދުކުރާ ކޮޓަރިތަކާއި ކުޑަކުދިން ކުޅޭނެ ޚާއްސަ ސަރަޙައްދެއް ގާއިމުކޮށްފައި ވެއެވެ.

https://sun.mv/229304

ޒަމާނީ ބަދަލުތަކާއެކު، ވީއައިއޭގެ އައު ބައިނަލްއަގުވާމީ ޓާމިނަލް މިދިޔަ އަހަރުގެ ޖުލައި 26ގައެވެ. އެ ޓާމިނަލް ހުޅުވީ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރުގައި ކަމަށް އޭރު ސަރުކާރުން ބުނެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 1.7 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު 3.2 ޕަސެންޓްގެ ދަށްވުމެއް ނަމަވެސް، އެއީ 2024 ވަނަ އަހަރާ އަޅައިބަލާއިރު އިތުރު އަދަދެކެވެ.

މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދަށްވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ފަށައިފައިވާ ހަނގުރާމައާ ގުޅިގެން ދަތުރުތަކަށް ހުރަސްއެޅި، ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ މައި ރޫޓުތަކުގައި ނުތަނަވަސްކަން އުފެދުމެވެ.

ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވަނީ މި އަހަރުގެ ފަހުކޮޅު އަންނަ ފަތުރުވެރިން އިތުރުވާނެ ކަމަށް ލަފާކުރައްވައި، މި އަހަރު އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެ ކަމަށް ވިދާޅުވެފައެވެ. މިދިޔަ އަހަރަކީ ރާއްޖެއަށް ރެކޯޑު އަދަދެއް ކަމަށްވާ، 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އަހަރެކެވެ.

comment ކޮމެންޓް