އޮކްޓޯބަރު މަހު ރާއްޖެއަށް 194،039 ފަތުރުވެރިން؛ މިދިޔަ އަހަރަށްވުރެ އިތުރު

ފަތުރުވެރިންތަކެއް ރާއްޖޭގައި: އޮކްޓޯބަރު މަހު ރާއްޖެއަށް 194،039 ފަތުރުވެރިން އައި -- ފޮޓޯ: ޓްރެވެލް ޕްލަސް ލީޝާ އޭޝިއާ

ނިމުނު އޮކްޓޯބަރު މަހު ރާއްޖެއަށް 194،039 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށާއި އެއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެއްކަން ޓޫރިޒަމް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރުގެ މާޗު މަހު މެދުއިރުމަތީގައި އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަޔާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ އެކަމުގެ އަސަރުކޮށްފައެވެ. ހަނގުރާމައިގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވިއެވެ. ނަމަވެސް މިހާރު އަނެއްކާވެސް މިވަނީ ފަތުރުވެރިން އަންނަ މިންވަރު އިތުރުވެފައެވެ.

އާއްމު ގޮތެއްގައި ނޮވެމްބަރު އަދި ޑިސެމްބަރަކީ ފަތުރުވެރިކަމުގެ ޕީކް ސީޒަނެވެ.

ޓޫރިޒަމް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މި އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް 194،039 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އެއީ ވޭތުވެ ދިޔަ ދެ އަހަރާ އަޅާ ބަލާއިރު ވެސް އިތުރު އަދަދެކެވެ. ނިމުނު އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 192،398 ފަތުރުވެރިންނެވެ. އަދި 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރީ 174،193 ފަތުރުވެރިންނެވެ.

https://sun.mv/229875

ތަފާސްހިސާބުތަކުން ދައްކާގޮތުން އޮކްޓޯބަރު މަހު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އެ މަހުގެ 17ވީ ހޮނިހިރު ދުވަހުގައެވެ. އެ ދުވަހު ރާއްޖެއަށް 8،621 ފަތުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އެ މަހުގެ 24ވީ ހޮނިހިރު ދުވަހުގައެވެ. އެ ދުވަހު 8،154 ފަތުރުވެރިއަކު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން 15 އިންސައްތައަކީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެން ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނައިން ޒިޔާރަތް ކޮށްފައި ވަނީ އެ އުމުރުފުރާގެ ފިރިހެން ފަތުރުވެރިންނެވެ.

ފަތުރުވެރިންތަކެއް ރާއްޖޭގައި: އޮކްޓޯބަރު މަހު ރާއްޖެއަށް 194،039 ފަތުރުވެރިން އައި --- ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް

ތަފަސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 65 އަހަރުން މަތި ނޫން ހުރިހާ އުމުރުފުރައަކުން ވެސް އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ އަންހެން ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1،775،974 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެތެރެއިން 74 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައި ވަނީ ރާއްޖޭގެ ރިސޯޓުރަކުގައެވެ. އެއީ 1،292،053 ފަތުރުވެރިންނެވެ. ދެވަނައަށް 21.6 އިންސައްތަ ފަތުރުވެރިން ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ހޮޓެލްތަކަށެވެ. އެއީ 39،112 ފަތުރުވެރިންނެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ ކީ މާކެޓުތަކަށް ބަލާލާއިރު، ލިސްޓުގެ އެންމެ ކުރީގައި އުޅެނީ 18.9 އިންސައްތައާއެކު ޗައިނާއެވެ. ލިސްޓުގެ ދެވަނައިގައި ރަޝިއާ އުޅޭއިރު ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޔޫކޭއިންނެވެ.

comment ކޮމެންޓް