ރާއްޖޭގެ މޫދު އަޑީގައި ޑައިވަރުންތަކެއްގެ މެދުގައި ހިނގައިފައިވާ ކަމަށް ބުނާ ހަމަނުޖެހުމެއްގެ މައްސަލައިގައި "މޯލްޑިވްސް ލެޖެންޑް" ޓުއާ އޭޖެންސީން ޑައިވަރަކު ސަސްޕެންޑުކޮށް، އެ މައްސަލަ ފުލުހަށް ހުށަހަޅައިފައިވާ ކަމަށް މިއަދު ބުނެފިއެވެ.
ބޭރުގެ ނޫހެއްގައި ވަނީ، މަޝްހޫރު ޑައިވިން ސްޕޮޓެއް ކަމަށްވާ އދ. އަތޮޅު "ކުޑަރަހަ ތިލަ" ކައިރީގައި މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައި ޑައިވަރުންތަކެއްގެ މެދުގައި ހަމަނުޖެހުމެއް ހިނގައިފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އެ ނޫހުގައިވާ ގޮތުން އެއީ "މޯލްޑިވްސް ލެޖެންޑް" ލިވަބޯޑާއި "އިންފިނިޓީ އެކްސް" ގެ ޑައިވިން ޓީމުތަކާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި ހިނގި ހަމަނުޖެހުމެކެވެ.
އެ ހަމަނުޖެހުމުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ބޭރުގެ ނޫހުގައި ވަނީ ހާދިސާ ހިނގީ ކަނޑުގެ 18 މީޓަރު އަޑީގައި ކަމަށާއި ހަމަނުޖެހުން ހިނގީ ބޭރުގެ ޑައިވަރަކާއި އިންސްޓްރަކްޓަރެއްގެ ދެމެދުގައި ކަމަށެވެ. އެގޮތުން ޑައިވަރަކު އިންސްޓްރަކްޓަރެއްގެ ގައިގައި ޖަހައިފައިވާ ކަމަށް އެ ނޫހުގައިވެއެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް ލެޖެންޑްގެ ފަރާތުން ނެރުނު ބަޔާނެއްގައިވަނީ އެ ހާދިސާއާ ގުޅިގެން، އެ ލިވްއަބޯޑުގެ ފަރާތުން ޑައިވިނަށް ދިޔަ ގެސްޓާއި ޑައިވިން ޓީމުގެ މެންބަރުންގެ ބަޔާންތައް ލިއުމުން ހޯދައި، ކަން ހިނގިގޮތް އޮޅުންފިލުވައިފައި ކަމަށެވެ. އެ މީހުންނާ ހަވާލާދީ މޯލްޑިވްސް ލެޖެންޑުން ބުނީ އެ ހަމަނުޖެހުން ހިނގީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ އެކު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޑައިވަރުންގެ ޓީމުން މަސައްކަތްކުރީ އެ ހަމަނުޖެހުން ހުއްޓުވުމަށް ކަމަށެވެ.
ޑައިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް މޯލްޑިވްސް ލެޖެންޑުން އަބަދު ވެސް އިސްކަންދޭނެ ކަމަށާއި ޑައިވަރުންގެ ސަލާމަތަށް ހުރަސް އެޅޭ އެއްވެސް ކަމެއް ބަލައިނުގަންނާނެ ކަމަށް އެ ލިވްއަބޯޑުގެ ބަޔާނުގައިވެއެވެ.
އެހެންކަމުން އެ ހާދިސާގައި ކަން ހިނގިގޮތް އިތުރަށް ބަލައި ނިމެންދެން އެ ހާދިސާގައި ހިމެނޭ މޯލްޑިވްސް ލެޖެންޑްގެ ލިބްއަބޯޑުގެ ޑައިވަރު ސަސްޕެންޑުކޮށްފައިވާ ކަމަށް، އެ ލިވްއަބޯޑުން ބުންޏެވެ.
މޯލްޑިވްސް ލެޖެންޑުން ބުނީ އެ ހާދިސާ ޓޫރިޒަމް މިނިސްޓްރީއާއި ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
އެ ލިވްއަބޯޑުގެ ފަރާތުން އެކި ގައުމުތަކުގެ މެހެމާނުން، ޚާއްސަކޮށް ޗައިނާގެ މެހެމާނުން ހިމެނޭހެން ގުޅުން ބަދަހިކޮށްފައިވާކަން ފާހަގަކޮށް މޯލްޑިވްސް ލެޖެންޑުން ބުނީ މި ގުޅުންތައް ބަދަހިކޮށްފައިވަނީ އިތުބާރާއި ޑައިވިންއަށް އޮންނަ ޝައުގުވެރިކަމާއި އިހުތިރާމުގެ މައްޗަށް ކަމަށެވެ.
އެ ހާދިސާގެ ކަންކަން ހެއްކާއި ހަގީގަތަށް ބަލައި ތަހުގީގުކުރުމަށް މޯލްޑިވްސް ލެޖެންޑުން ވަނީ ގޮވައިލައިފައެވެ.
ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ ބަޔާނެއްގައި ވެސް ވަނީ، އެ ހާދިސާ ހިނގައިދިޔަ ގޮތުގެ ފުރިހަމަ، އިންސާފުވެރި އަދި ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށް ފުލުހުންނަށާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ކަމާ ގުޅުންހުރި މުއައްސަސާތަކަށް ގޮވައިލައިފައެވެ.
ވަކި ބައެއްގެ އަމަލުތަކެއްގެ ސަބަބުން މުޅި ރާއްޖޭގެ ބޯޓިން އަދި ޑައިވިން ސިނާއަތުގެ އަގުވެއްޓޭ ގޮތަށް ނުވަތަ ރާއްޖެއަކީ ޑައިވްކުރުމަށް ރައްކާތެރި މަންޒިލެއް ނޫން ކަމަށް ދެއްކުމަށް މަސައްކަތް ނުކުރުމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.