ފެބުރުވަރީ މަހުގެ ފަހުން، އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައީ އިއްޔެ

ފަތުރުވެރިންތަކެއް ރާއްޖޭގެ ރިސޯޓެއްގައި: ފެބުރުވަރީ މަހުގެ ފަހުން، އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައީ އިއްޔެ -- ފޮޓޯ/ ސަން ސިޔާމް ރިޒޯޓްސް

ފެބުރުވަރީ މަހުގެ ފަހުން، އެއް ދުވަސް ތެރޭ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެގެ ނިޔަލަށް އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، އިއްޔެ ރާއްޖެއަށް 8،621 ފަތުރުވެރިން އައިސްފައިވެއެވެ. އެއާއެކު، މި މަހު އައި ފަތުރުވެރިން އަދަދު 100،148އަށް ވަނީ އަރައިފައެވެ. އެއީ މިދިޔަ މަހުގެ މި މުއްދަތާ އަޅައިބަލާއިރު 0.5 ޕަސެންޓްގެ އިތުރު އަދަދެކެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ޖުމުލަ ފަތުރުވެރިންގެ އަދަދަކީ 1.7 މިލިއަނެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 3.2 ޕަސެންޓްގެ ދަށްވުމެކެވެ. ނަމަވެސް އެއީ 2024 ވަނަ އަހަރާ އަޅައިބަލާއިރު އިތުރު އަދަދެކެވެ. އެގޮތުން 2024 ވަނަ އަހަރުގެ އެ މުއްދަތުގައި އައިސްފައިވަނީ 1.6 މިލިއަން ފަތުރުވެރިންނެވެ.

ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައީ ޗައިނާއަށް ނިސްބަތްވާ މީހުންނެވެ. އެގޮތުން އެ ގައުމުން ތިން ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި ލިސްޓުގެ ދެވަނައިގައި އޮތް ރަޝިއާއިން ދެ ލައްކަ މީހުން އައިސްފައިވާއިރު، އިނގިރޭސިވިލާތާއި ޖަރުމަނާއި އިޓަލީން، ކޮންމެ ގައުމަކުން ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.

މިދިޔަ މާރިޗް މަހުން ފެށިގެން ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތައް ވަނީ ދަށްވެފައެވެ. އެއީ، ފެބުރުވަރީ މަހުގެ 28ގައި އެމެރިކާއާއި އިޒްރޭލުން ކުއްލި ގޮތަކަށް އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގައި އުފެދުނު ނުތަނަވަސްކަމާ ގުޅިގެންނެވެ.

https://sun.mv/225507

އެ ހަނގުރާމަ ފެށުނުއިރު ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު ވަރަށް ބޮޑަށް ދަށްވި ނަމަވެސް، ފަހުން ފަތުރުވެރިންގެ އަދަދުތައް ވަނީ އިތުރުވެފައެވެ. އެގޮތުން ފެބުރުވަރީ މަހުގެ ފަހުން ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރީ މިދިޔަ އޯގަސްޓު މަހެވެ. އެ މަހު 197,640 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން މީގެ ކުރިން ވަނީ، މި އަހަރުގެ ފަހު ސީޒަން ވާނީ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ކާމިޔާބު ސީޒަނަކަށް ކަމަށާއި، މި އަހަރު އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ މަދުނުވާނެ ކަމަށް ވިދާޅުވެފައެވެ. މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން އައިސްފައިވެއެވެ.

comment ކޮމެންޓް