10 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ އެމްޓީޑީސީގެ އައު އޮފީސް އިމާރާތް ހުޅުވައިފި

10 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ އެމްޓީޑީސީގެ އައު އިމާރާތް ހުޅުވައިފި -- ފޮޓޯ: ޕީއެސްއެމް ނިއުސް

މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ އައު އިމާރާތް މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ.

ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކޮށްފައިވާ "އެމްޓީޑީސީ އޮފީސް ކޮމްޕްލެކްސް" އަކީ 6,194 އަކަފޫޓުގެ ބިމެއްގައި ގާއިމްކޮށްފައިވާ 10 ބުރީގެ އިމާރާތެކެވެ.

މި އިމާރާތުގައި ބޭސްމަންޓް ޕާކިންއެއްގެ އިތުރުން ތިން ލިފްޓާއި ކޮންވެންޝަން ހޯލެއް ހިމެނެއެވެ. އެ އިމާރާތުގެ ބޭރު ފަރުމާކޮށްފައި ވަނީ އެއްކޮޅުން އަނެއްކޮޅަށް ބިއްލޫރި ޖަހައިގެންނެވެ.

އެ އިމާރާތް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހާރިސް މުޙައްމަދު ވިދާޅުވީ މިރޭ ހުޅުވިގެންދިޔަ ޓަވަރާއެކު އެ ކުންފުންޏަށް ދާއިމީކޮށް އާމްދަނީ ލިބޭނެ ތިންވަނަ ބިނާއެއް އުފެދުނީ ކަމަށެވެ. އަދި އެ ކުންފުނިން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނީ ކުންފުންޏަށް ދާއިމީކޮށް އާމްދަނީ ލިބޭނެ އަދި ހަރުމުދާ ލިބޭނެ ވަސީލަތްތައް ބިނާކުރުމަށް ކަމަށް އެމްޑީ ވަނީ ވިދާޅުވެފައެވެ.

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ހާރިސް މުޙައްމަދު: 10 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ އެމްޓީޑީސީގެ އައު އިމާރާތް ހުޅުވައިފި -- ފޮޓޯ: ޕީއެސްއެމް ނިއުސް

އެގޮތުން ކުރިއަށް އޮތްތަނުގައި އެފަދަ އެހެން ބިނާއެއް މާލެ އޭރިއާގައި ކުރު މުއްދަތެއްގެ ތެރޭގައި ބިނާކޮށް އާމްދަނީ ލިބޭނެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް އެ ކުންފުނީގެ ބޯޑާއި މެނޭޖްމެންޓުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެމްޑީ ވަނީ ފާހަގަކުރައްވާފައެވެ.

މިފަދަ ކޮންމެ ބިނާއެއްގެ ސަބަބުން، މިފަދަ ކޮންމެ އިންވެސްޓެއްގެ ސަބަބުން، އެމްޓީޑީސީއަށް ލިބޭ އާމްދަނީ އިތުރުވެ އެމްޓީޑީސީގެ ހިއްސާދާރުންނަށް ލިބޭ ނަފާއާއި މަންފާ އިތުރުވެގެން ދިއުމަކީ އަޅުގަނޑުމެން އަޒުމު ކަނޑައަޅައިގެން މަސައްކަތްކުރާ އަދި ހާސިލްކުރުމަށް މަސައްކަތްކުރާ އެންމެ މުހިންމު އެއް ލަނޑުދަނޑި،އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ހާރިސް މުޙައްމަދު

އެމްޑީ ވަނީ އެ ކުންފުނީގެ 20 އަހަރުގެ ތާރީޚުގައި މާބޮޑު ކާމިޔާބީއެއް ހާސިލް ނުކުރެވުނު ނަމަވެސް، ކުރިއަށް މުސްތަގުބަލުގައި އެ ކުންފުންޏަށް އާމްދަނީ ލިބޭނޭ ވަސީލަތްތައް ގާއިމްކޮށް، ހިންގުން ހަރުދަނާކޮށް ކުންފުނި އެހެން ފަރާތަކަށް ބަރޯސާނުވެ ކުރިއަށްގެންދިއުމަށް ބޯޑާއި މެނޭޖްމެންޓުން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މިރޭ ހުޅުވުނު އައު އިމާރާތް ތަރައްގީކުރުމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ބިމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 2022 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގައެވެ. އެއަށްފަހު އިމާރާތުގެ ބިންގާ އެޅުނީ 2023 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ އަށްވަނަ ދުވަހުގައެވެ.

comment ކޮމެންޓް