ޗިޓް ހަވާލު ކުރަން ދިއުމުން ޔާމީން ވިދާޅުވީ ''ހުޅުޖެހި'' މައުލޫމާތު ނޭނގޭ ކަމަށް: ފުލުހުން

ކުރީގެ ރައީސް ޔާމީން --- ސަން ފޮޓޯ/ މޫސާ ނަދީމް

ދެހާސް ސައުވީސް ވަނަ އަހަރުގެ ޑިސެންބަރު 12ވަނަ ދުވަހު، ތިން މިނިސްޓްރީއެއް ހިންގަމުން އައި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ތުހުމަތުތައް ތަޙްޤީޤުކުރަން ފުލުހަށް ހާޒިރުވާން ޗިޓް ހަވާލު ކުރަން ދިއުމުން، އެ ހާދިސާގެ މައުލޫމާތު އެނގިވަޑައިނުގަންނަވާކަން އަންގަވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔާމީން މިދިޔަ ހޮނިހިރު ދުވަހު ދެއްކެވި ވާހަކަފުޅެއްގައި، އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލީ ގަސްތުގައި ކަމަށާއި، އެކަން ކުރި މީހާ ފުލުހުންނަށް އެނގޭ ކަމަށާއި، އެކަމާ ގުޅޭ ހެކި ފުލުހުންގެ އަތުގައި ހުރި ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެމަނިކުފާނު މި މައްސަލައާ ގުޅުވައިގެން ދެއްކެވި ވާހަކަފުޅުތަކަކީ ތަހުގީގަށް މުހިންމު މައުލޫމާތުތަކަކަށްވާތީ، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ތަހުގީގަށް ސާފުކުރުމަށްޓަކައި، ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް ދަންނަވާ ޗިޓެއް ހަވާލުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މަސައްކަތްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން އިއްޔެ 18:40 އެހައިކަންހާއިރު، ފުލުހުން ހ. ދޫވެއްސަށް ގޮސް ޔާމީނާ ބައްދަލުކޮށް، ޗިޓު ހަވާލުކުރުމަށް މަސައްކަތްކުރި ނަމަވެސް، އެމަނިކުފާނު ވަނީ އެ ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންފައި ކަމަށް ފުލުހުން ބުންޏެވެ.

https://www.sun.mv/227061

"އެ ޗިޓާ ހަވާލުވެވަޑައިނުގެން، އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ރިއާޔަތްކުރައްވައި ލިޔުމުން ޖަވާބެއް ދެއްވާފައިވެއެވެ. އެ ލިޔުމުގައި، މިމައްސަލައާ ގުޅޭގޮތުން އެމަނިކުފާނަށް އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެހެންކަމުން ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުގެ އިތުރު ބޭނުމެއް ނެތް ކަމަށް ބަޔާންކުރައްވާފައިވެއެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަޙްޤީގުން ހޯދިފައިވާ މަޢުލޫމާތަށް ބަލާއިރު މި ހާދިސާ ހިނގާފައިވަނީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުންކަމާއި މިމައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަޙްގީގަށް ލިބިފައި ނުވާ ކަމަށެވެ.

ފުލުހުންގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރާ މުއައްސަސާތަކާމެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެދި ތަހުގީގުގެ އިތުބާރު ގެއްލޭ ގޮތަށް، ސާބިތުނުހިފޭ މައުލޫމާތު އާންމުކުރެއްވުމުގެ ބަދަލުގައި، ގާނޫނީ އިމުގެ ތެރެއިން ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.

ފުލުހުން މި ތަހުގީގު ފަށާފައިވަނީ ޔާމީންގެ އެ ތުހުމަތުތަކާ ގުޅިގެން އެ މައްސަލަ ބަލައި ދިނުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އެދިވަޑައިގެންފައިވަނިކޮށެވެ.

comment ކޮމެންޓް