ބަޔޮނެޓަކާއި ކަޓަރެއް ހިފައިގެން މާރާމާރީ ހިންގަން އުޅުނު މީހުންގެ ބަންދަށް 10 ދުވަސް

ދެ ފުލުހެއް މަގުމަތީގައި: ހުޅުމާލޭގައި މާރާމާރީ ހިންގި މީހުންނަށް ބަންދުގެ މުއްދަތު ވަނީ ޖަހާފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގައި ރޭ ހަތިޔާރާއެކު މާރާމާރީ ހިންގަން އުޅެނިކޮށް ހައްޔަރުކުރި މީހުންގެ ބަންދަށް މިއަދު 10 ދުވަސް ޖަހައިފިއެވެ.

ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ރޭ 22:50 އެހައިކަންހާއިރު ފުލުހުން އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވެފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި އެ ސަރަޙައްދަށް ގޮސް އެތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކޮށް، އޭނާ ހުރި ތަނާ ކައިރިން ބަޔޮނެޓަކާއި (ލޮންސި ފަދަ އާލާތެއް) ކަޓަރެއް ފެނިފައިވެއެވެ. އަދި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު، އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ވެސް ފެނިފައިވެއެވެ. މީގެ އިތުރުން، ފުލުހުން އެ ސަރަހައްދު އިތުރަށް ބަލައި ޕްރޮސެސްކުރުމުގެ ތެރޭގައި އެ ސަރަޙައްދުން އިތުރު ދެ ބަޔޮނެޓް ފެނިފައިވާ ކަމަށް ބުންޏެވެ.

https://sun.mv/231064

މި މައްސަލައާ ގުޅިގެން، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެހެން ސަރަހައްދަކުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެއާއެކު ފުލުހުން މިރޭ ބުނި ގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް