ހުޅުމާލޭގައި ހަދައިފައިވާ ޒަމާނީ ޕާކިން ނިޒާމުތައް 2019ވަނަ އަހަރު ބޭނުންކުރަން ފަށައި، ޖާގައަކަށް 100 ރުފިޔާ ނެގިނަމަ މިހާތަނަށް 83 މިލިއަން ރުފިޔާ ލިބިފައި އޮންނާނެ ކަމަށާއި، ނަމަވެސް އެ ނިޒާމުތައް ބޭނުންނުކުރުމުން ލިބުނު ގެއްލުމުގެ ޒިންމާ ނަގާނީ ކޮން މުއައްސަސާއަކުންތޯ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިއަދު ސުވާލު އުފައްދަވައިފިއެވެ.
ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ކުޑޫ ފޮނުއްވި ސިޓީއެއްގައި ވަނީ ހުޅުމާލޭގެ އަށް ސަރަހައްދެއްގައި 10 މެކޭނިކަލް ޕާކިން ނިޒާމު ގާއިމުކޮށްފައިވާކަން ފާހަގަކުރައްވައިފައެވެ. ޖުމުލަ 300 އުޅަނދު ޕާކުކުރެވޭނެ ޖާގަ އޮތް އެ ނިޒާމުތަކަކީ މިހާތަނަށް އާންމު ރައްޔިތަކަށް ވެސް އަދި ދައުލަތަށް ވެސް އެއްވެސް ފައިދާއެއް ނުލިބި، ބޮޑު އިސްރާފަކަށް ވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ހިސާބުތަކުން ދައްކާ ގޮތުގައި، 2019 ވަނަ އަހަރުން ފެށިގެން މި 300 ޕާކިން ޖާގަ ދުވާލަކު އެންމެ 100 ރުފިޔާގެ މަގުން ކުއްޔަށް ދޫކުރި ނަމަވެސް، މިއަދާ ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 83 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ލިބުނީހެވެ." ކުޑޫގެ ސިޓީގައިވެއެވެ.

ހުޅުމާލޭގައި ހަދާ ޕާކިން ބިލްޑިންގްގެ ބިންގާ އެޅުން: މެކޭނިކަލް ޕާކިން ނިޒާމުތައް ބޭނުންނުކުރެވި ހުރިއިރު، ޕާކިން ބިލްޑިންގުތަކެއް އަޅަން ވަނީ ނިންމައިފައި -- ފޮޓޯ/ ރައީސް އޮފީސް
އޭނާ ވަނީ އެ ނިޒާމުތަކުގެ ބޮޑު ބައި ބަލާބެލުމަށް އަދިވެސް ރަނގަޅު ކަމަށް ފެންނައިރު، އޭގެ ތެރެއިން އެއް ނިޒާމު ރޫޅާލުމަށް ފަހު އޭގެ ބައިތައް ހުސްބިމެއްގައި ބަހައްޓާފައިވާ ކަމަށް ވިދާޅުވެފައެވެ.
އެ މައުލޫމާތުތަކަށް ބިނާކޮށް، ކުޑޫ ވަނީ އެޗްޑީސީން ސުވާލުތަކަކަށް ޖަވާބު ދިނުމަށް އެދިވަޑައިގެންފައެވެ. އެއީ:
- އެ ނިޒާމުތައް އަލުން އާންމު ބޭނުންތަކަށް ހުޅުވާލުމަށް ޓަކައި ކޮންމެހެން ބޭނުންވާ މަރާމާތު ފުރިހަމަކޮށް، އަމަލީ ގޮތުން އެ ތަންތަނުގެ ބޭނުން ހިފަން ފެށުމަށް ޓަކައި މިހާތަނަށް ކޮށްފައިވާ މަސައްކަތަކީ ކޮބައިތޯ؟
- މި މަސައްކަތް ފުރިހަމަކޮށް އާންމު ބޭނުންތަކަށް ހުޅުވާނުލާ މިހާ ދިގު މުއްދަތެއް ވޭތުވުމުން ގެއްލުނު އޮޕަޗުނިޓީ ކޮސްޓަށް ސީދާ ގޮތުން ޒިންމާވާނީ ދައުލަތުގެ ކޮން މުއައްސަސާއަކުންތޯ؟
- އެޗްޑީސީން ނުވަތަ ދައުލަތުގެ އެހެން ވެސް އިދާރާއަކުން މި ނިޒާމުތައް އަލުން ބޭނުންކުރަން ފަށަން ގަސްތުކުރޭތޯ؟ ބޭނުންކުރުމުގެ ގަސްތެއް އޮތް ނަމަ އެކަން ކުރާނެ ގޮތާއި ތާރީޚުތަކަކީ ކޮބައިތޯ؟
ތޮއްޖެހިފައިވާ މާލެ ސަރަހައްދުގައި އުޅަނދު ޕާކް ކުރުމަށް އެކަށީގެންވާ ވަރަށް ޖާގަ ނެތުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް "މެކޭނިކަލް ޕާކިން ސިސްޓަމް" ގާއިމްކުރުމުގެ މަސައްކަތްކުރާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު، 2015ގައި އިއުލާންކުރެއްވިއެވެ. އޭރު އެ މަނިކުފާނު ވިދާޅުވީ، އެ މަސައްކަތް 2016ގެ ބަޖެޓުގައި ހިމަނައި، އެ އަހަރު ނިމެންވާއިރަށް، މާލޭގެ ޕާކިންގެ މައްސަލައަށް ހައްލެެއް ގެނެވޭނެ ކަމަށެވެ.

މާލެ ސަރަހައްދަށް އެންމެ ރަނގަޅު ކެރީން ކެޕޭސިޓީއަށް ވުރެ އިތުރަށް އުޅަނދުތައް ރެޖިސްޓާކޮށްފައިވާ ކަމަށް ދިރާސާއަކުން ދައްކައިފައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެހެންނަމަވެސް މެކޭނިކަލް ޕާކިން ނިޒާމު މާލެއާއި ހުޅުމާލޭގައި ގާއިމުކުރަން ފެށީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އެޗްޑީސީން ބުނީ މަހެއް ނުވަތަ ދޮޅުމަހެއް ތެރޭ އެ ތަންތަން ބޭނުން ކުރަން ފެށޭނެ ކަމަށެވެ. ނަމަވެސް މާލޭގެ ޕާކިން ނިޒާމުތައް ބޭނުންނުކުރެވި، އެ ތަންތަން ރޫޅާލިއެވެ.
މިދިޔަ ސަރުކާރުގައި، 2021ވަނަ އަހަރު ތެރޭގައި އެޗްޑީސީން ވަނީ، ހުޅުމާލޭގައި ބަހައްޓާފައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމްތަކުގެ ބޭނުން ނުކުރެވި ހުރީ އެގޭ މަސައްކަތްތައް އެއްކޮށް ނުނިމޭތީ ކަމަށް ބުނެފައެވެ. އަދި ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ފެށި މަޝްރޫއު ނުނިމި އޮތީ އޭރު އެޗްޑީސީއަށް ދިމާވި މާލީ ދަތިތަކުގެ ސަބަބުން މަސައްކަތް ހަވާލުކުރި ފަރާތަށް ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން ކަމަށް ވެސް އޭރު އެޗްޑީސީން ބުނެފައިވެއެވެ.
އޭރު އެޗްޑީސީން ބުނީ ކޮންޓްރެކްޓަރަށް ފައިސާ ދައްކައި ނިމުމުން، ޕާކިން ނިޒާމު ބޭނުންކުރަން ފެށޭނެ ކަމަށެވެ. ނަމަވެސް މި ސަރުކާރު އައުމަށް ފަހު ވެސް އެ ނިޒާމުތައް ބޭނުންކުރަން ފަށައިފައިނުވެއެވެ.
މިދިޔަ މަހު ރައީސް ވަނީ، ޕާކިން މައްސަލަ ހައްލުކުރުމަށް މާލޭގައި ދެ ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެކަން އިއުލާންކުރައްވައިފައެވެ. އަދި ހުޅުމާލޭގައި ހަތް ޕާކިން ބިލްޑިންގް އެޅުމަށް ހަމަޖެހިފައިވާކަން ވެސް ސަރުކާރުން އިއުލާންކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މާލެ ސަރަހައްދުގައި ރެޖިސްޓަރީ ކުރަން ޖެހޭ ކަމަށް ފެންނަ މިންވަރަށް ވުރެ އިތުރަށް މި ސަރަހައްދުގައި އުޅަނދުތައް ރެޖިސްޓްރީ ކޮށްފައިވާ ކަމަށް ދިރާސާއަކުން ވަނީ ދައްކައިފައެވެ. މާލެ ސިޓީ ކައުންސިލުން ހަވާލުކޮށް، އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ހެދި ދިރާސާއިން ދެއްކި ގޮތުގައި މާލެ ސަރަހައްދުގެ ކެރީން ކެޕޭސިޓީ، ނުވަތަ މި ސަރަހައްދަށް އެންމެ ގިނައިން ރެޖިސްޓްރީ ކުރެވޭނެ އުޅަނދުގެ އަދަދު ކަމަށް ބެލެނީ 89،413ގައެވެ.
އެހެންނަމަވެސް މިދިޔަ އަހަރު އެ ރިޕޯޓު ނެރުނުއިރު ވެސް، މި ސަރަހައްދުގައި ދުއްވާ އުޅަނދުގެ އަދަދު 119،472އަށް އަރައެވެ. އެއީ ކަނޑައަޅަން ފެންނަ ކަމަށް ދިރާސާގައި ބުނެފައިވާ އަދަދަށްވުރެ 30،059 އިތުރު އަދަދެކެވެ.