މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، މާލޭގައި ދެ ޕާކިން ބިލްޑިން އެޅުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ ސަރުކާރުން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި މަޝްރޫއު ފެށުން މިހާތަނަށް މަޑުޖެހިފައި އޮތީ ބޭރުގެ އެހީގައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. ނަމަވެސް، އިތުރަށް މަޑުކުރުމުގެ ބަދަލުގައި މި އަހަރުގެ ތެރޭގައި މަދުވެގެން ދެ ބިލްޑިންގެ މަސައްކަތް ފެށުމަށް މިހާރު ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން ޕާކިން ބިލްޑިން، މަދުވެގެން ދެ ބިލްޑިންއެއްގެ މަސައްކަތް ފަށާނަން،" ރައީސް ވިދާޅުވިއެވެ.

"ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑްގައި ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ޕާކިން ބިލްޑިންތަކެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ބެޗް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހުޅުމާލޭ ފޭސް އެކެއްގައި 13 ބުރީގެ އިމާރާތެއް އެޅުމަށް ވަނީ ނިންމާފައެވެ. މިއީ މިހާތަނަށް އަޅާ އެންމެ ބޮޑު ޕާކިން ބިލްޑިން ކަމަށް ވާއިރު، މި ތަނުގައި ދެ ފުރޮޅުލީ އުޅަނދަށް 500 އަށް ވުރެ ގިނަ ޖާގަ އަދި ހަތަރު ފުރޮޅުލީ އުޅަނދަށް 800 އަށް ވުރެ ގިނަ ޖާގަ ހިމެނޭނެއެވެ.
ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މި މަޝްރޫއުތައް ކުރިއަށް ގެންދާނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް، ޓްރެފިކް ފްލޯއަށް އިސްކަންދީގެންނެވެ.
މީގެ އިތުރުން މި އިމާރާތްތަކުގައި ކޮމާޝަލް ސްޕޭސް ނުވަތަ ވިޔަފާރިތަކަށް ޚާއްސަ ސަރަހައްދުތައް ވެސް ހިމެނޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
މާލޭގެ ތޮއްޖެހުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހަމައެކަނި އުޅަނދު މަދުކޮށްގެން މި މައްސަލަ ހައްލު ނުވާނެ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ސަރަހައްދީ އާބަން ސެންޓަރުތައް ތަރައްގީ ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިތަނުގައި މީހުން އިތުރުނުވާ ކަމަށް ވާނަމަ ވެހިކަލްތަކެއް ވެސް އިތުރެއް ނުވާނެ ނޫންތޯ،" ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިފަދަ ބޮޑެތި މައްސަލަތަކަކީ ދެތިން އަހަރުން ނަތީޖާ ފެންނާނެ ކަންކަމެއް ނޫން ނަމަވެސް، މަގުތައް ހެދުމާއި ޕާކިން ބިލްޑިންތައް އެޅުމުގެ މަސައްކަތާއެކު ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
ބާރު މިނުގައި މާލޭގެ އާބާދީ އިތުރުވަމުންއަންނައިރު ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އެހެން ކަމުން ޕާކިން މައްއަލަތަކަކީ ޒަމާންވީ ހައްލެއް ނުލިބި އޮތް މަސައްލައެއްކަން ފާހަގަކޮށްލެވެއެވެ.