ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަގު ހެޔޮ ފުލެޓުތައް ހިމެނޭ، 25 ބުރީގެ އިމާރާތެއް އަޅާނެ ބަޔަކު އެމްޓީސީސީން ހޯދަނީ

ހުޅުމާލޭ ދެ ފިޔަވަހި: މި ސަރަހައްދުގައި އެފޯޑަބަލް ހައުސިން މަޝްރޫއަކަށް އެމްޓީސީސީން ވަނީ ހުޅުވާލާފައި -- ފޮޓޯ/ ޕީއެސްއެމް

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އިތުރު ލުޔެއް ހޯދައިދިނުމުގެ ގޮތުން، ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 25 ބުރީގެ އެޕާޓްމެންޓް ކޮމްޕްލެކްސްއެއް ޑިޒައިންކޮށް، ފައިނޭންސްކޮށް ޢިމާރާތްކުރާނެ ބަޔަކު ހޯދުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިޢުލާނުކޮށްފިއެވެ.

އެ ކުންފުނިން ނެރެފައިވާ އިޢުލާނެއްގައި ވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޑިޒައިން-ބިލްޑް-ފައިނޭންސް މޮޑެލްއަށް، ކޮމާޝަލް އޭރިއާއެއް ހިމެނޭހެން އެޕާޓްމަންޓް ކޮމްޕްލެކްސްއެއްގެ މަސައްކަތްކުރަން ބޭނުންވާ، އެކަމުގެ ގާބިލުކަންހުރި ކުންފުނިތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ގްރައުންޑް ފްލޯގެ އިތުރުން ފުރަތަމަ ފްލޯ، ކޮމާޝަލް ބޭނުންތަކަށް ޚާއްސަކުރެވޭ މި ޢިމާރާތުގެ ޕްލޮޓް އޭރިއާގައި 12،015 އަކަފޫޓޫ ހުންނާނެކަމަށާއި އަންދާޒާކުރެވޭ ގޮތުގައި ޢިމާރާތުގައި 8،982 އަކަފޫޓު ހުންނާނެކަމަށް އެމްޓީސީސީގެ އިޢުލާނުގައި ބުނެފައިވެއެވެ.

ޕްރޮޖެކްޓާ ހަވާލުވާ ކުންފުނިން ކުރަންޖެހޭނެ ކަންކަން:

  1. ސައިޓް މާސްޓާ ޕްލޭނިން އާއި ޢިމާރާތުގެ އިންޖިނިއަރިން މަސައްކަތް
  2. މަސައްކަތުގެ ހިސާބުކިތާބު ކުރުމާއި ކެޕިޓަލް ސްޓްރަކްޗާކުރުން
  3. ޢިމާރާތުގެ މަސައްކަތް ނިމި، ބޭނުންކުރަން ފެށުމާ ހަމައަށް ޢިމާރާތުގެ އެންމެހައި ކަމެއް ބެލެހެއްޓުން

ޝައުގުވެރިކަން ފާޅުކުރާ ކުންފުނިތަކުގައި ހުންނަންޖެހޭ ޝަރުތުތައް:

  1. ދިހަ މިލިއަން ޑޮލަރަށް ވުރެ އަގުބޮޑު މަޝްރޫތައް ފައިނޭންސްކުރުމުގެ ޤާބިލުކަން ހުރިކަން ސާބިތުކޮށްދިނުން. އީއޯއައި އާއެކު، ފާއިތުވި ތިން އަހަރުގެ އޮޑިޓުކޮށްފައިވާ މާލީ ރިޕޯޓުތައް ހުށަހަޅަން ޖެހޭނެ.
  2. ފާއިތުވި 10 އަހަރުތެރޭ، މަދުވެގެން އެއްގޮތް ތިން ޕްރޮޖެކްޓެއްގެ ލީޑް ޑިވެލޮޕަރެއް ނުވަތަ ޕްރައިމް ކޮންޓްރެކްޓަރެއްގެ ދައުރު އަދާކޮށްފައިވާކަން ސާބިތުކޮށްދިނުމާއެކު، ހެލްތު، ސޭފްޓީ އަދި އެންވާރަމަންޓަލް މެނޭޖްމަންޓު ޕްރެކްޓިސްގެ ރެކޯޑުތައް ހުށަހަޅަންޖެހޭނެ.
  3. ސައްހަގޮތުގައި ރެޖިސްޓާކޮށްފައިވާ ކުންފުންޏަކަށް ވުމާއެކު ކަމާބެހޭ އިދާރާތަކުގެ ހުއްދަ ލިބިގެން ހިންގާ ކުންފުންޏަކަށް ވާންޖެހޭނެ. މީގެ އިތުރުން، އައިއޯއާރް އާއި ޓެކްސް ކްލިއަރަންސް ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރުކުރެވެންޖެހޭނެ.

މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކުރާއިރު، ކުންފުނީގެ އެންމެހައި ތަފްސީލުތަކާއި، ރެޖިސްޓްރޭޝަން ސެޓްފިކެޓްތަކުގެ އިތުރުން ލައިސެންސްތަކުގެ އިތުރުން، ހުށަހެޅުމުގައި ކުންފުނީގެ އެމްޑީ ސޮއިކޮށްފައި ނުވާނަމަ ޕަވާ އޮފް އެޓާނީއެއްގެ ތަފްސީލުތަކާއި ފާއިތުވި ތިން އަހަރުގެ އޮޑިޓުކޮށްފައިވާ އެކައުންޓުތައް ހުށަހަޅަންޖެހޭނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

comment ކޮމެންޓް