އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުމާލެއަށް، 66 މިލިލީޓަރުގެ ވާރޭ ވެހުނު

ވިއްސާރަ ދުވަހެއްގައި ކުޑަކުއްޖަކު މަގުމަތީގައި: އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުމާލެއަށް، 66 މިލިލީޓަރުގެ ވާރޭ ވެހުނު --- ފޮޓޯ/ އަޒްމީ އަލީ

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުމާލެއަށް ކަމަށާއި ހުޅުމާލެއަށް 66 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މެޓް އޮފީހުން އާންމުކޮށްފައިވާ ވޭތުވެދިޔަ 24 ގަޑިއިރުގެ ވާރޭ ރެކޯޑު ކުރެވިފައިވާ ރަށްތަކަށް ބަލާއިރު އެންމެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ދައްކަނީ ހުޅުމާލެއަށެވެ. ހުޅުމާލެއަށް 66 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ދައްކާއިރު ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ދައްކަނީ ކ. ދިއްފުއްޓަށެވެ. ދިއްފުއްޓަށް 44 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

މީގެ އިތުރުން ހުޅުލެއަށް 43.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، މާލެއަށް 43.7 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. އަދި އއ. ތޮއްޑުއަށް ވަނީ 33.2 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މިއަދުގެ 16:30 އަށް ހުދު ސަމާލު ވެސް ނެރެފައެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

މިއަދުގެ އިރުއޮއްސި 18:00 އަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

ވައިޖެހޭ ބާރުމިނަށް ބަލާއިރު، އުތުރުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލަށް ވައިގަދަވާނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލަށް ވައިގަދަވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ރާއްޖޭގެ އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި އުތުރުގެ ހިސާބުތަކުގައި ރާޅުތަކުގެ އުސްމިން ހަތަރު ފޫޓަށް ހުންނާނެ ކަމަށާއި މެދުރާއްޖެތެރެއާއި ދެކުނުގައި ތިން ފޫޓާއި ހަ ފޫޓަށް ރާޅުތަކުގެ އުސްމިން ހުންނާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮސްފައެވެ. އެ އޮފީހުން މީގެ ކުރިން ވަނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވަމުން އަންނަ ކަމަށް ބުނެފައެވެ.

comment ކޮމެންޓް