ދިމާވެގެން މި އުޅެނީ ގާނޫނުގައި ނެތް ހާލަތެއް ކަމަށާއި، ވ. ތިނަދޫ ކައުންސިލުގެ ރައީސްކަމުން ވަކިކުރިކަމަށް ކައުންސިލްތަކުގެ ބެލެނިވެރި އިދާރާ އެލްޖީއޭއިން ނިންމީ އިޖުރާއަތުތައް ފުރިހަމަނުކޮށް ކަމަށް، އެ ކައުންސިލުގެ ރައީސް ޝުޖާއު އަލީ މިއަދު ވިދާޅުވެއްޖެއެވެ.
ޕާޓީ ބަދަލުކުރި މައްސަލައިގައި ޝުޖާއުގެ މަގާމު ގެއްލިއްޖެ ކަމަށް އެލްޖީއޭއިން ކަނޑައެޅީ މިދިޔަ ބުރާސްފަތި ދުވަހެވެ.
'ސަން' އިން މިއަދު ސުވާލުކުރުމުން ޝުޖާއު ވިދާޅުވީ ދިމާވެގެން އުޅެނީ ގާނޫނުގައި ނެތް ހާލަތެއް ކަމަށާއި، އޭނާ މަގާމުން ވަކިކުރަން އެލްޖީއޭއިން ނިންމީ އިޖުރާއަތުތައް ފުރިހަމަނުކޮށް، ގާނޫނު ރަނގަޅަށް ނުބަލާ ކަމަށެވެ. ހަމަ އެހެންމެ، އިލެކްޝަންސް ކޮމިޝަނުން ބައި-އިލެކްޝަނަށް ހުޅުވާލައިފިނަމަ އަލުން ވާދަކުރައްވައި މަގާމު އަލުން ހޯއްދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި ވ. އަތޮޅު ކައުންސިލުގެ ރައީސްކަން ވެސް ކުރެއްވި ޝުޖާއު، އެ އަތޮޅު ތިނަދޫ ކައުންސިލުގެ ރައީސްގެ މަގާމަށް އިންތިޚާބުވީ ޖޫން މަހު ކުރީކޮޅު އުވާލި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ.
އައު ކައުންސިލަރުން ހުވާކުރީ މިދިޔަ މެއި މަހުގެ 17ވަނަ ދުވަހެވެ.
އެލްޖީއޭއިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައިވާ ގޮތުން ޝުޖާއު ޕާޓީ ބަދަލުކުރެއްވި ކަމަށް އިލެކްޝަންސް ކޮމިޝަނުން އެންގީ ކައުންސިލަރުން ހުވާކުރިތާ ދެ ދުވަސް ފަހުންނެވެ. އެކަމަކު ބެލެވޭ ގޮތުގައި އޭނާ އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ހުށަހެޅުއްވީ މަގާމުގެ ހުވާކުރެއްވުމުގެ މަދު ދުވަސްކޮޅެއް ކުރިންނެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ކައުންސިލަރުން މަގާމުން ވަކިކުރެވޭނީ، ކައުންސިލަރުން ވަކިވާން އެދި ސިޓީ ހުށަހެޅުމުންނާއި ކައުންސިލަރުކަމުގައި ހުރުމުގެ ޝަރުތެއް އުނިވުމުގެ އިތުރުން ތިން ހާލަތެއްގައެވެ. އެއީ:
- ވަކި ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށް އެ އިންތިޚާބުވި ދައުރުގެ ތެރޭ އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި، އެކަން އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން.
- ވަކި ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށް އެ އިންތިޚާބުވި ދައުރުގެ ތެރޭ އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން.
- އަމިއްލަ ގޮތުން ކައުންސިލަށް އިންތިޚާބުވުމަށްފަހު އެ އިންތިޚާބުވި ދައުރުގެ ތެރޭ އެއްވެސް ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުވުން.
އެލްޖީއޭއިން ބުނި ގޮތުގައި، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ ކައުންސިލަރަކު، އެ ހިނގާ ދައުރެއްގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި ހިމެނިއްޖެނަމަ، އަމިއްލައަށް މަގާމުން ވަކިވާނެ ކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
ޝުޖާއުގެ މަގާމު ގެއްލިއްޖެ ކަމަށް އެލްޖީއޭއިން ކަނޑައެޅީ ޝުޖާއުއަކީ އެމްޑީޕީ މެންބަރަކަށް ވީތީ އެއްވެސް އިޖުރާއަތުތަކެއް ފުރިހަމަނުކޮށް ކަމަށާއި، އެ ނިންމުން އަނބުރާ ގެންދަން އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވަނީ ރޭ ގޮވައިލައްވައިފައެވެ.
ޝުޖާއުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅިއިރު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސްއަކީ 3،000 މެންބަރުން ހަމަނުވާ ޕާޓީއަކަށް ވާތީ އެ ޕާޓީ ވަނީ އުވާލައިފައެވެ. އެ ޕާޓީ އުވައިލުމުގެ ކުރިން ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ދަ ޑިމޮކްރެޓްސްގެ ގިނަ މެންބަރުންތަކެއް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.