ޕާޓީ ބަދަލުކުރި މައްސަލައިގައި ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅައިފިއެވެ.
ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ތިނަދޫގެ ރައީސަކަށް އިންތިޚާބުވި ޝުޖާއު، މީގެ މަހެއް ކުރިން މަގާމުން އެކަހެރިކުރީ އެމްޑީޕީއަށް ބަދަލުވުމުންކަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ އަންގާފައެވެ. އެހެންވެ، އެލްޖީއޭގެ ބޯޑުން ވަކި ގޮތެއް އަންގަންދެން ޝުޖާއު އެ މަގާމުން އެކަހެރިކޮށް، ގޭގައި މަޑުކުރަން ވަނީ އޭރު އަންގާފައެވެ.
އަދި މިހާރު އޭނާގެ ގޮނޑި ގެއްލިފައިވަ ކަމަށް އެލްޖީއޭއިން ކަނޑައެޅުމުން ތިނަދޫ ކައުންސިލްގެ ހިންގުން މިހާރު ވަނީ ވަގުތީ ގޮތުން ކައުންސިލްގެ ނައިބާ ހަވާލުކޮށްފައެވެ.
އެލްޖީއޭ އިން ބުނި ގޮތުގައި، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ ކައުންސިލަރަކު، އެ ހިނގާ ދައުރެއްގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި ހިމެނިއްޖެނަމަ، އަމިއްލައަށް މަގާމުން ވަކިވާނެ ކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
ޝުޖާއުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި، ޑިމޮކްރެޓްސްއަކީ 3،000 މެންބަރުން ހަމަނުވާ ޕާޓީއަކަށް ވާތީ ވަރަށް ފަހުން އެ ޕާޓީ ވަނީ އުވާލާފައެވެ.
އެ ޕާޓީ އުވުމުގެ ކުރިން ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ޑިމޮކްރެޓްސްގެ ގިނަ މެންބަރުންތަކެއް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ބެލެވޭ ގޮތުގައި ޝުޖާއު އަލުން އެމްޑީޕީއާ ގުޅުނީ ޑިމޮކްރެޓްސް އުވާލުމުންނެވެ.