ޝުޖާއު ވަކިކުރީ އެމްޑީޕީ މެންބަރަކަށް ވީތީ އެއްވެސް އިޖުރާއަތެއް ފުރިހަމަނުކޮށް: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ޝުޖާއު ވަކިކުރީ އެމްޑީޕީ މެންބަރަކަށް ވީތީ އެއްވެސް އިޖުރާއަތެއް ފުރިހަމަނުކޮށް ކަމަށް ޝާހިދު ވިދާޅުވި -- ސަން ފޮޓޯ

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ މަގާމު ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައެޅީ ޝުޖާއުއަކީ އެމްޑީޕީ މެންބަރަކަށް ވީތީ އެއްވެސް އިޖުރާއަތުތަކެއް ފުރިހަމަނުކޮށް ކަމަށާއި، އެ ނިންމުން އަނބުރާ ގެންދަން އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ގޮވައިލައްވައިފިއެވެ.

ޕާޓީ ބަދަލުކުރި މައްސަލައިގައި ޝުޖާއުގެ މަގާމު ގެއްލިއްޖެ ކަމަށް އެލްޖީއޭއިން ކަނޑައެޅީ މިދިޔަ ބުރާސްފަތި ދުވަހެވެ.

މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހު އުވާލި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ތިނަދޫ ކައުންސިލްގެ ރައީސަކަށް އިންތިޚާބުވި ޝުޖާއު، އެ މަގާމުން އެކަހެރިކުރީ އެ މަހުގެ ފަސްވަނަ ދުވަހެވެ. އޭނާ އެ މަގާމުން އެކަހެރިކޮށް ގޭގައި މަޑުކުރަން ވަނީ އޭރު އަންގައިފައެވެ. އެއަށްފަހު ޝުޖާއު ވަކިކުރިކަން އެލްޖީއޭއިން ހާމަކުރީ ބުރާސްފަތި ދުވަހެވެ.

https://sun.mv/224169

'ސަން'އިން މިއަދު ސުވާލުކުރުމުން ޝުޖާއު ވަނީ، އޭނާ މަގާމަށް އިންތިޚާބުވި ޕާޓީ ކަމަށްވާ ދަ ޑިމޮކްރެޓްސް ދައުރުގެ ވަކި ހިސާބަކުން އުވާލިކަން ފާހަގަކުރައްވައިފައެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކާ ގޮތުގައި، ޖުލައި 11، 2023ގައި އުފެއްދި ދަ ޑިމޮކްރެޓްސް އުވައިލީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހެވެ.

އައު ކައުންސިލަރުން މަގާމުގެ ހުވާކުރީ މިދިޔަ މެއި މަހުގެ 17ވަނަ ދުވަހެވެ.

އެހެންކަމުން، ދިމާވެގެން މި އުޅެނީ ގާނޫނުގައި އަދި ނެތް ހާލަތެއް ކަމަށް، ޝުޖާއު ވިދާޅުވިއެވެ.

ޝާހިދު 'އެކްސް'ގައި ރޭ ލިޔުއްވި ގޮތުގައި އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގޮނޑި ގެއްލިއްޖެތޯ ނުވަތަ ނޫންތޯ ކަނޑައަޅަން އިޖުރާއަތްތަކެއް ކަނޑައެޅިފައި އޮވެއެވެ. ނަމަވެސް ޝުޖާއު ވަކިކުރަން ނިންމީ އިޖުރާއަތުތައް ފުރިހަމަނުކޮށް ކަމަށް ލިޔުއްވައި، ޝާހިދުގެ ޕޯސްޓުގައި އެލްޖީއޭއަށް ގޮވާލެއްވީ ޝުޖާއު ވަކިކުރަން ނިންމި ނިންމުން އަނބުރާ ގެންދިއުމަށެވެ.

"އެކަންކަން ފުރިހަމަނުކޮށް، ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖަހައި، އެމްޑީޕީގެ މެންބަރަކަށް ވީތީ ސިޔާސީ ކުލަ ޖެހިފައިވާ ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ މަގާމުން ވަކިވެއްޖެކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީއިން އަންގާފައިވާ އެންގުން އަނބުރާ ގެންދަން ޖެހޭ،" ޝާހިދުގެ ޕޯސްޓުގައި ވެއެވެ.

ޝުޖާއުގެ މަގާމު ގެއްލިއްޖެ ކަމަށް ކަނޑައަޅައި، ތިނަދޫ ކައުންސިލް ވަގުތީ ގޮތުން ހިންގަން ހަވާލުކުރީ ކައުންސިލްގެ ނައިބު ރައީސް ސާމިރު އަހުމަދަށެވެ.

https://sun.mv/222816

އެލްޖީއޭއިން ބުނި ގޮތުގައި، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ ކައުންސިލަރަކު، އެ ހިނގާ ދައުރެއްގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި ހިމެނިއްޖެނަމަ، އަމިއްލައަށް މަގާމުން ވަކިވާނެ ކަމަށް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

ޝުޖާޢުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅިއިރު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސްއަކީ 3،000 މެންބަރުން ހަމަނުވާ ޕާޓީއަކަށް ވާތީ އެ ޕާޓީ ވަނީ އުވާލައިފައެވެ. އެ ޕާޓީ އުވައިލުމުގެ ކުރިން ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ދަ ޑިމޮކްރެޓްސްގެ ގިނަ މެންބަރުންތަކެއް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

comment ކޮމެންޓް