ޑޮލަރުގެ އަގު 21 ރުފިޔާއަށް ބޮޑުވީ އިގުތިޞާދަށް ނުކަތާވަރަށް މަޝްރޫއުތައް ފެށުމުން ކަމަށާއި ރަށްރަށުގައި ހިންގަން ފެށި މަޝްރޫއުތައް ހުއްޓިފައި އޮތީ އެ ސަބަބާ ހެދި ކަމަށް، ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަޙްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، މާލެ މާލެއެއް ގޮތުގައި އުފަންވީ ދިވެހި ރައްޔިތުންގެ ފައިސާއިން ކަމަށެވެ. ދައުލަތުގެ ދަރަނި ހަތަރު ބިލިއަން ޑޮލަރުގައި އޮތް އިރު، އޭގެ ގާތްގަނޑަކަށް 90 އިންސައްތަ ޚަރަދުކުރީ މާލެ ސަރަހައްދު ތަރައްގީކޮށް ރިއަލް އެސްޓޭޓް ތަރައްގީކުރުމަށް ކަމަށެވެ.
ޝަމްހީދު ވިދާޅުވީ، އެމްޑީޕީގެ ކުރީ ސަރުކާރުގައި ގޯތި ދިނުމާއި މި ސަރުކާރުން ހިއްކަން މަސައްކަތްކުރާ ރަސްމާލެ، ދިވެހިރާއްޖޭގެ އިގުތިޞާދުގެ މިއަދުގެ ހާލަތު ރަމްޒުކޮށްދޭ ކަމަށެވެ.
"އިގުތިޞާދަށް އަޅުގަނޑުމެންގެ މާލިއްޔާއަށް ނުކަތާނެ (ރަނގަޅު ގޮތް: ނުތަކާނެ) ވަރުގެ ޕްރޮޖެކްޓްތައް އަޅުގަނޑުމެން ފެށީ، އޭގެ ސަބަބުން މިއަދު ޑޮލަރު 21 ރުފިޔާގައި ހުރީ، ރަށްރަށުގެ ތަރައްގީ ހުއްޓިފައިވަނީ ހަގީގަތުގައި މި ކަންތައްތަކާ ގުޅިގެން،" އޭނާ ވިދާޅުވިއެވެ.
ދިވެހި ހުރިހާ ރައްޔިތުން މިނެކިރަންޖެހޭނީ އެއް ހަމައެއްގައި ކަމަށް، ޝަމްހީދު ވިދާޅުވިއެވެ. އެހެންކަމުން އޭނާ ވިދާޅުވިގޮތުގައި ދާއިމީ އެޑްރެސް އުވާލަންޖެހެއެވެ.
"ދާއިމީ އެޑްރެސް އައިޑީކާޑުން ދާން ޖެހޭ، އެއީ ބޯދާ ވިސްނުމެއް، އެއީ އަޅުގަނޑުމެން މި ކިޔާ ހަސަބާއި ނަސަބު ދިވެހިރާއްޖޭގައި އަދިވެސް އެ ހަންފަތުރަން ގެންގުޅޭ ސިޔާސަތެއް،" ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިފަދައިން ވިދާޅުވިއިރު، ފާހަގަކުރެވޭ ގޮތުގައި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ ބައެއް މަޝްރޫއުތައް އެންމެ ބޭނުންވާ ބާރުމިނުގައި ކުރިއަށް ނުދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވެއެވެ.
ތިން ހަފުތާއަށް ފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ތަރައްގީގެ ބައެއް މަޝްރޫއުތައް އެންމެ ބޭނުންވާ ބާރުމިނުގައި ކުރިއަށް ނުދިޔަ ނަމަވެސް، އެއީ އެ މަޝްރޫއުތައް ހުއްޓާލުން ނޫން ކަމަށާއި، ހުރިހާ މަޝްރޫއުތަކެއް ވެސް ތާވަލާ އެއްގޮތަށް ނިންމާނެ ކަމަށެވެ.
މަޝްރޫއުތަކުގެ ދުވެއްޔާ ގުޅޭގޮތުން ރައީސް އިތުރަށް ވިދާޅުވީ، އެމްޓީސީސީއަށް ބޭނުންވާ ތަކެތި ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ.
އެހެންކަމުން، މާ ލަސްތަކެއް ނުވެ އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ހޯދައި، އަމަލީ މަސައްކަތްތައް ބާރުމިނުގައި ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށްރަށުގެ މިފަދަ މަޝްރޫއުތައް ކުރިއަށްދާ މިންވަރު ލަސްވުމުގެ ޝަކުވާ އާންމު ގިނަ ރައްޔިތުން އަންނަނީ ކުރަމުންނެވެ. އެކި ދާއިރާތަކަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުން ވެސް އެ ކަންބޮޑުވުން ފާޅުކުރައްވައެވެ.