ސަރުކާރުން ކުރިއަށްގެންދާ ބައެއް ތަރައްޤީގެ މަޝްރޫޢުތައް އެންމެ ބޭނުންވާ ބާރުމިނުގައި ކުރިއަށް ނުދިޔަ ނަމަވެސް، އެއީ އެ މަސައްކަތްތައް ހުއްޓާލުން ނޫން ކަމަށާއި، ހުރިހާ މަޝްރޫޢުތަކެއް ވެސް ތާވަލާ އެއްގޮތަށް ނިންމަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ، ރ. އަލިފުށީ ސިއްހީ މަރުކަޒުގެ މަސައްކަތް ލަސްވާތީ ނޫސްވެރިއަކު ކުރި ސުވާލަށް ދެއްވި ޖަވާބުގައެވެ.
ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސުވާލަށް ދެއްވި ޖަވާބުގެ ތެރެއިން ރައީސް މުޢިއްޒު ވިދާޅުވީ، ސިއްޙީ ދާއިރާއަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރާ އެއް ދާއިރާ ކަމަށެވެ.
އަދި މިއަހަރުގެ ބަޖެޓުގެ ތެރެއިންނާއި 'ނިއު ޕޮލިސީ އިނިޝިއޭޓިވް' ގެ ދަށުން އެންމެ ގިނަ އާ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ކަނޑައަޅާފައިވަނީވެސް ސިއްޙީ ދާއިރާއަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުާ ހަވާލުވީއިރު ރާއްޖޭގެ ސިއްޙީ ދާއިރާ އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށެވެ. ނަމަވެސް މިހާރު އެކުލަވާލާފައިވާ "ވަށާޖެހޭ ސިއްޙީ ސިޔާސަތު"ގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚާއްސަކޮށް ރ. އަލިފުށީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަލިފުށްޓަކީ ސަރަޙައްދީ ތަރައްޤީގެ ސިޔާސަތުގެ ދަށުން ވަރަށް މުހިންމު (ސްޓްރެޓީޖިކް) މަންޒިލެއް ކަމަށެވެ.
އެގޮތުން އެ ރަށުގެ ހޮސްޕިޓަލާއި އެއާޕޯޓް މަޝްރޫޢަކީ ސަރުކާރުން ނުހަނު އިސްކަންދޭ ދެ މަޝްރޫޢު ކަމަށާއި، މި ދެ މަޝްރޫޢުވެސް މި ދައުރުގެ ތެރޭގައި ނިންމައި ހުޅުވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މަޝްރޫޢުތަކުގެ ސްޕީޑާ ގުޅޭގޮތުން ރައީސް އިތުރަށް ވިދާޅުވީ، އެމްޓީސީސީ އަށް ބޭނުންވާ ތަކެތި ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ.
އެހެންކަމުން، މާލަސްތަކެއް ނުވެ އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ހޯދައި، އަމަލީ މަސައްކަތްތައް ބާރުމިނުގައި ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދެން ތި ވިދާޅުވި ފަދައިން ބައެއް މަޝްރޫއުތައް ކުރިއަށްދިއުމުގައި އަޅުގަނޑުމެން އެންމެ އެދޭ ސްޕީޑުގައި ކުރިއަށް ނުގޮސްފައިވޭ. އެކަމަކު އެއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން އެ މަސައްކަތް ނުކުރުމަކަށް ނޫން،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގެ މަޝްރޫޢުތައް ނިންމާނެ ތާވަލެއް މިހާރު އެކުލަވާލާފައިވާކަން ރައީސް ހާމަކުރެއްވިއެވެ.
މި ތާވަލުގެ ދަށުން އަންނަ އަހަރުގެ މެދުތެރެއިން ފެށިގެން އެކި މުއްދަތުތަކަށް ބަހާލައިގެން މަސައްކަތްތައް ނިންމަމުންދާނެކަމަށް ވިދާޅުވިއެވެ. އަދި 50 އެނދުގެ ބޮޑެތި ހޮސްޕިޓަލްތަކުގެ މަޝްރޫޢުތައް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ނިންމުމަށް ކަނޑައަޅާފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ތާވަލުގެ ތަފްސީލުތައް ނޫސްވެރިންނާ ހިއްސާކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރަށްރަށުގެ މިފަދަ މަޝްރޫއުތައް ކުރިއަށްދާ މިންވަރު ލަސްވުމުގެ ޝަކުވާ އާންމު ގިނަ ރައްޔިތުން އަންނަނީ ކުރަމުންނެވެ. އެކި ދާއިރާތަކަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުން ވެސް އެ ކަންބޮޑުވުން ފާޅުކުރައްވައެވެ.