އެމްޑީޕީން ނިޒާމު ބަދަލު ކުރަން އުޅެނީ ވެރިކަން ކުރަން ބޭނުންވާ މީހުން ޕާޓީގައި ގިނަވެގެން: ރައީސް

ނޭޝަން ޗެޓް ޕްރޮގްރާމުގައި ރައީސް މުއިއްޒު: ވިދާޅުވީ، ނިޒާމަށް ބަދަލު ގެންނަން އެމްޑީޕީން އުޅެނީ ވެރިކަން ބޭނުންވާ މީހުން އެމްޑީޕީގައި ގިނަ ވެގެން ކަމަށް ---ފޮޓޯ/ ރައީސް އޮފީސް

އިދިކޮޅު އެމްޑީޕީން ވެރިކަމުގެ ނިޒާމު ބަދަލު ކުރަން އުޅެނީ، އެ ޕާޓީގައި ވެރިކަން ބޭނުންވާ މީހުން ގިނަވަގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެ އިޝާރަތްކުރެއްވީ، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރިން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު ގުޅިގެން ޗެއާޕާސަން އިންތިޚާބުގައި އިއުލާނުކުރެއްވި ބޮޑު ބަދަލު މެނިފެސްޓޯއަށެވެ.

https://sun.mv/220838

އެ މެނިފެސްޓޯގައި އެންމެ ފާހަގަކުރެވޭ ބަދަލަކީ، ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމެއް ކަމުގައި ކަނޑައެޅުމަށެވެ. އަދި، ސަރުކާރުގެ ވެރިޔާ މަޖިލީހަށް ޖަވާބުދާރީކުރުވޭނެ ގޮތަކަށް ނިޒާމު ބައްޓަންކުރުމާއި ދައުލަތުގެ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައެޅުން ހިމެނެއެވެ.

ދައުލަތުގެ މީޑިއާގެ 'ނޭޝަން ޗެޓް' ޕްރޮގްރާމުގައި އެ ކަމަށް އިޝާރަތްކުރައްވައި ކުރެއްވި ސުވާލުގެ ޖަވާބު ފައްޓަވަމުން އެމްޑީޕީގެ ނަން ފާހަގަނުކުރައްވައި މަނިކުފާނު ވިދާޅުވީ، 'އެ މީހުންގެ' ތެރޭގައި ވެރިކަން ކުރަން ބޭނުންވާ މީހުން ގިނައީ ކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސްގައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަދި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް -- ފޮޓޯ/ އަވަސް

އެހެންވީމަ އެންމެނަށް އެބަޖެހޭ ބޮޑެތި މަގާމުތައް ދޭން. ރައީސްކަމާއި ބޮޑު ވަޒީރުކަމާއި ކޮންމެސް އެހެން ނަމެއް ކިޔާފަ ވެސް ދީފާނެ ކަންނޭނގެ. ހެދެން އޮތިއްޔާ ރަސްގެފާނު ވެސް އެ މީހުން ގެންނަން ބޭނުންވާނެ. އެ ކަހަލަ ބައެއްގެ ވާހަކަ މި ދެކެވެނީރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ، ރާއްޖޭގައި އޮންނާނީ ރިޔާސީ ވެރިކަމެއްކަން ރައްޔިތުން ވަރަށް ސާފުކޮށް ނިންމާފައިވާ ކަމަށާއި ބަރުލަމާނީ ނިޒާމެއް ރާއްޖެ ގެނައުމުން ވާނެ ގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

އެގޮތުން، ދުނިޔޭގެ ތަރައްގީވެފައި ހުރި ބައެއް ގައުމުތަކުގައި ވެސް ބަރުލަމާނީ ނިޒާމު އޮވެގެން ވަމުންދާ ގޮތް ފެނިވަޑައިގަންނަވާ ކަމަށާއި އެ ގައުމުތަކުގައި އަހަރަކު އެއް ފަހަރު ވެސް ބޮޑުވަޒީރު ބަދަލު ވެދާނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގައި އޮތީ ސާފުކޮށް ސިޔާސީ ނިޒާމެއް ނޫނެވެ. މިއީ، ރިޔާސީ ސިފަތަކާއި ކޮންމެވެސް މިންވަރަކަށް ބަރުލަމާނީ ސިފަތައް ވެސް އެކުލެވޭ 'ހައިބްރިޑް ނިޒާމެއް'ގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

މީގެއިތުރުން، މި ނިޒާމަކީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށާއި އެހެން ނިޒާމެއް ގެނެސްގެން ރާއްޖޭގައި އޮތް އެއްބައިވަންތަކަން ބަދަލުކޮށްލާނެ ކަހަލަ ކަމަކަށް ރައްޔިތުން ބޭނުންވާހެން ހީފުޅުނުވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، ރާއްޖޭގައި މިހާރު އޮތީ ޕާޓީ ނިޒާމު ކަމަށް ވާތީ އެ ފަދަ ބަދަލަކަށް ޕާޓީއެއްގެ ވަކި ލީޑަރަކަށް ތާއިދުކުރުމުގެ ގޮތުން މަދު ބަޔަކު ތާއިދުކޮށްފާނެ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ދައުލަތާއި ސަރުކާރުގެ ވެރިޔާ ވަކިކުރުމަށް އެމްޑީޕީގެ އިސްވެރިން ހުށަހަޅާފައިވާ މެނިފެސްޓޯއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރައްޔިތުން ތާއީދުކުރަނީ މިހާރު އޮތް ރިޔާސީ ނިޒާމަށެވެ. އަދި ބަރުލަމާނީ ނިޒާމެއް ގެނައުމަކީ ގައުމުގެ ހަމަޖެހުމާއި އެއްބައިވަންތަކަން ގެއްލިދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

  • ނިޒާމު ބަދަލުކުރަން އުޅެނީ ޕާޓީތެރޭގައި ވެރިކަމަށް އެދޭ މީހުން ގިނަވެގެންކަން ފާހަގަކުރެއްވުން.
  • އެމްޑީޕީގެ އަމާޒަކީ ދައުލަތުގެ ވެރިޔާއާއި ސަރުކާރުގެ ވެރިޔާގެ މަގާމު ވަކިކުރުން ކަމަށްވުން.
  • ބަރުލަމާނީ ނިޒާމެއްގެ ސަބަބުން ސަރުކާރު އަވަހަށް ބަދަލުވުމުގެ ބިރުބޮޑުވެ، ހަމަޖެހުން ގެއްލޭނެކަމުގެ އިންޒާރު ދެއްވުން.
  • ރާއްޖޭގައި މިހާރު އޮތީ ރިޔާސީ އަދި ބަރުލަމާނީ ސިފަތައް އެކުލެވޭ ހައިބްރިޑް ނިޒާމެއްކަން ބަޔާންކުރެއްވުން.
comment ކޮމެންޓް